ރ.ދުވާފަރުގެ މަގުތައް ރަނގަޅު ފެންވަރެއްގައި ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން މިހާރު ދެވަނަ ފިޔަވަހީގެ މަސައްކަތްވެސް ނިމިފައިވާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގް ކޮމްޕެނީ، (އެމްޓީސީސީ) އިން ބުނެފިއެވެ.

އެގޮތުން މަގު ހެދުމުގެ ފުރަތަމަ ފިޔަވަހީގެ މަޝްރޫއު 2021 ވަނަ އަހަރު ނިންމާ ދެވަނަ ފިޔަވަހީގެ މަސައްކަތުގެ ތެރެއިން ދުވާފަރުގެ ހުރިހާ މަގެއްހެން ރަނގަޅު ފެންވަރަކަށް ތަރައްގީކޮށް ތާރު އަޅާ މިހާރު ވަނީ ނިންމާފައި ކަމަށް އެމްޓީސީސީން މައުލޫމާތު ދިނެވެ. މި މަޝްރޫއު ދަށުން 19،797.44 އަކަ މީޓަރުގެ ދުއްވާ ސަރަހައްދެއް ގާއިމުކުރުމާއި، 85.003,6 އަކަ މީޓަރުގެ ހިނގާ ސަރަހައްދެއް ގާއިމުކުރުން ހިމެނެއެވެ.

މީގެ އިތުރުންވެސް ސާވިސް ލައިން އެޅުމާއި، މަގުބައްތިހަރުކުރުމާއި، މަގުމަތީ ނިޝާން ހަރުކުރުމާއި، ފެންހިންދާ ނިޒާމެއް ގާއިމުކުރުމުގެ މަސައްކަތްވެސް ހިމެނެއެވެ. 40.20 މިލިއަން ރުފިޔާގެ އަގަކަށް އެމްޓީސީސީއާ މި މަޝްރޫއު ހަވާލު ކޮށްފައިވަނީ ޕްލޭނިންގް މިނިސްޓްރީންނެވެ.

5،010 މީހުން ދިރިއުޅޭ ރ. ދުވާފަރަކީ ކުރިން ފަޅު ރަށެއް ނަމަވެސް، 2004 ވަނަ އަހަރުގެސުނާމީ ކާރިސާގައި ރ. ކަނދޮޅޫދޫއަށް ލިބުނު ބޮޑެތި ގެއްލުންތަކުގެ ސަބަބުން އެ ރަށު ރައްޔިތުން ވަނީ ދުވާފަރަށް ހިޖުރަ ކޮށްފައެވެ. ރަށުގެ ބޮޑު އާބާދީ އާއެކު އެންމެ ބޮޑު ދަތިތަކެއް ކުރިމަތި ލަމުން ދިޔަ ން އެއްގަމު ދަތުރުފަތުރުކުރުމުގަ އާއި އެއްތަނުންއަނެއްތަނަށް މުދަލާއި ތަކެތި އުފުލުމުގެ މައްސަލައަށް މިހާރު ހައްލު ލިބިގެންދާނެ ކަމަށް އެމްޓީސީސީން ގަބޫލު ކުރެއެވެ.

މީގެ އިތުރުންވެސް ސަރުކާރުން އެމްޓީސީސީއާ ހަވާލު ކުރި ބިން ހިއްކުމުގެ މަސައްކަތް ވެސް ވަނީ 2022 ވަނަ އަހަރު ނިންމާފައެވެ. އެ ފަހަރުވެސް 22 ހެކްޓަރުގެ ބޮޑު ސަރަހައްދެއް ވަނީ އެމްޓީސީސީން ހިއްކާފައެވެ.