ހުޅުމާލެ ދެވަނަ ފިޔަވަހީގެ ފަޅުގައި އަޅާފައި ހުރި ބޯޓު ފަހަރު ތަކެއް އޮޔާ ދާތީ އެކަމަށް އެޓެންޑްވުމުގެ މަސައްކަތް ފަށާފައިވާ ކަމަށް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ބުނެފިއެވެ.

"ދަ ޕްރެސް" އަށް މައުލޫމާތު ދެއްވަމުން އެމްއެންޑީއެފްގެ މީޑިއާ އޮފިޝަލް ވިދާޅުވީ، މޫސުން ގޯސްވެ ހުޅުމާލެ ދެވަނަ ފިޔަވަހީގެ ފަޅުގައި އަޅާފައި ހުރި މަސްދޯނި ތަކަކާއި ބޯޓެއް އޮޔާ ދާކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ. އެއާއެކު ކޯސްޓް ގާޑްގެ 2 ވަނަ ސްކޮޑްރަން އަށް އެ މައުލޫމާތު ހިއްސާކޮށް އެ އޮޔާ ދާ އުޅަނދުތައް ސަލާމަތް ކުރުމުގެ މަސައްކަތް ވީ އެންމެ އަވަހަށް ފަށާނެ ކަމަށް އޮފިޝަލް ވަނީ ވިދާޅުވެފައެވެ.

ހުޅުމާލެ ދެވަނަ ފިޔަވަހީގައި އަޅާފައި ހުރި އުޅަނދުތައް އޮޔާ ދަނީ

މި ކަމުގެ ސަބަބުން އެތައް ބައެއްގެ އަގުބޮޑެތި މުދާތައް ނުރައްކަލަށް ހުަށަހެޅިފައިވާ ކަމަށް ބުނެ އާންމުންވެސް ދަނީ ސޯޝަލް މީޑިއާގައި ކަންބޮޑުވުން ފާޅު ކުރަމުންނެވެ.

މި ދުވަސްވަރު ރާއްޖޭގެ އެކި ހިސާބުތަކަށް ކުރަމުންދަނީ މޫސުމީ ވިއްސާރަ ނޫން ކަމަށާއި މިއީ މަލިކު ކައިރީ އުފެދިފައިވާ ކޮޅިގަނޑެއްގެ ސަބަބުން ރާއްޖެއަށް ކުރަމުންދާ ވިއްސާރަކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް އޮފީހުން) ވަނީ ބުނެފައެވެ.

މިއަދުގެ މޫސުން ލަފާކޮށް މެޓް އޮފީހުން ބުނީ، 45 މޭލަށް ވައި ގަދަވާނެ ކަމަށާއި ކ.އަތޮޅުން ފެށިގެން ވ.އަތޮޅާއި ހަމައަށް އަދި ލ.އަތޮޅުން ފެށިގެން އައްޑޫ ސިޓީ އާއި ހަމައަށް ޔެލޯ އެލާޓް ނެރެފައި ވެއެވެ. އަދި ކޮންމެހެން ކުރަންޖެހޭ ދަތުރުތައް ފިޔަވާ، ކަނޑުދަތުރު ފަތުރު ނުކުރުމަށްވެސް މޫސުމާބެހޭ ޤައުމީ އިދާރާއިން އިލްތިމާސްކުރެއެވެ.