ސްޓާޕްލަސް އިން ދައްކަމުން އަންނަ ކާމިޔާބު ހިންދީ ޑްރާމާ ސިލްސިލާ "ގުމް ހޭ ކިސީކޭ ޕިރާރު މޭ" ގައި ޕާކީގެ ރޯލު ކުޅޭ ބަތަލާ އައިޝްވާރިޔާ ޝަރްމާ އެ ޑްރާމާ ދޫކޮށްލަން ނިންމައިފިއެވެ.

އައިޝްވާރިޔާ މި ޑްރާމާ ދޫކޮށްލަން އުޅޭކަން އިއުލާންކުރުމާއެކު ޑްރާމާގެ ގިނަ ފޭނުންނަށް ޝޮކެއް ލިބުނުއިރު އެންމެ ފުރަތަމަ މީޑިއާތަކުން ރިޕޯޓްކުރީ އޭނަ ޝޯ އާއި ވަކިވަނީ ބަލިވެއިނުމުން ކަމަށެވެ. ނަމަވެސް ޕިންކްވިލާ އިން ބުނީ އޭނާ އެ ޝޯ ދޫކޮށްލަނީ ކަލާޒް ޓީވީ އިން ގެންނަ ކަތްރޯން ކީ ކިލާޑީގެ 13 ވަނަ ސީޒަނުގައި ބައިވެރިވުމަށްކަމަށެވެ.

މި ޑްރާމާ އިން ފެނިގެންދާ ލީޑު ތަރިންނަކީ ނީލް އާއި އައިޝާ ސިންގް އެވެ. ވިރާޓްގެ ކެރެކްޓާ އިން ނީލް ފެނިގެންދާއިރު އައިޝާ ފެނިގެންދަނީ ސައީ ކިޔާ މީހެއްގެ ކެރެކްޓާއަކުންނެވެ. ޑްރާމާގެ މިހިސާބަށް ދިޔައިރު ފެނިގެންދަނީ ޕާކީ އޭނާގެ ލޯބިވެރިޔާ ނީލް ހާސިލު ނުވުމުން ސައީ އާއި ޒާތީގޮތުން ޖައްސާލައިލައިގެން ބަދަލު ހިފަން އުޅޭ މީހެއްގެ ރޯލުންނެވެ.

ވިރާޓްގެ ކުރީގެ އަނބިމީހާ ސައި، ސަތްޔާ އާއި ކައިވެނިކުރުމުންވެސް ވިރާޓް ހިތުގައި ސައީ އަށް ލޯތްބަށް ބަދަލެއް ނާދެއެވެ. ވިރާޓްގެ މިހާރުގެ އަނބިމީހާ ޕާކީ، ގާތު އޭނާ ސައީ ދެކެވާ ލޯބި ބަޔާންކޮށްދިނުމުން ޕާކީގެ ހިތަށް އަސަރުކޮށް އޭނާއަށް ބްރޭކްޑައިންވެއެވެ.

2020 ވަނަ އަހަރު ދައްކަން ފެށި މި ޑްރާމާ ސިލްސިލާ އަކީ ސްޓަޕްލަސް އިން ދައްކަމުން އަންނަ ޑްރާމާތަކުގެ ތެރެއިން އެންމެ ގިނަ ބެލުންތެރިން ބަލަމުން އަންނަ އެއް ޑްރާމާ އެވެ. މި ޑްރާމާ ކުޅޭ އައިޝްވާރިޔާ އާއި ނީލް އަކީ ހަގީގީ ދިރިއުޅުމުގައި ވެސް ދެމަފިރިންނެވެ. އައިޝްވާރިޔާ ޑްރާމާ ދޫކޮށްދާން ނިންމުމުން ނީލް ބުނީ އައިޝްވާރިޔާ އާއެކު ސެޓުގައި ހޭދަ ކުރި ދުވަސްތައް މަތިން ވަރަށް ހަނދާންވާނެ ކަމަށާއި އޭނާ މަތިން ވަރަށް ހަނދާންވާނެކަމަށެވެ.