އެސް ޕްރޮޑަކްޝަންސް އާއި ސެޓާން ސްޓޫޑިއޯ ގުޅިގެން އުފައްދި ދިވެހި ފިލްމު ''ލޯބިވެވިއްޖެ'' ރޭ އޮލިމްޕަސް ސިނަމާގައި ޕްރިމިއާ ކޮށްފިއެވެ.
ފިލްމު ޕްރިމިއާކުރަން ބޭއްވި ހާއްސަ ހަފްލާގައި ފިލްމުން ފެނިގެންދާ ގިނަ ތަރިންނާއި ފިލްމަށް ލަވަކިޔައިދިން ފަންނާނުން ބައިވެރިވެފައިވެއެވެ. ކުލަގަދަ ހަފްލާ އަކަށްފަހު ފިލްމު ޕްރިމިއާކުރަމުން ފިލްމުގެ ޑައިރެކްޓަރު އަލީ ސީޒަން ބުނީ މި ފިލްމަކީ ލޯބީގެ ވާހަކަތަކެއް ކިޔައިދޭ ފިލްމެއް ކަމަށާއި ރަނގަޅަށްވެސް ލޯބިވެވިއްޖެ ކަމަށެވެ.
މާލޭގެ އިތުރުން ގދ. ތިނަދޫ، ސްރީލަންކާގެ ކޮލަމްބޯ އަދި ނުއަރަލިޔާ ގައި ފިލްމުގެ މަންޒަރުތައް ނަގާފައިވާ އިރު ފިލްމުގެ ބޮޑު ބައި ޝޫޓްކޮށްފައި ވަނީ ތިނަދޫގައެވެ. ބޮޑު ބަޖެޓަކުން އުފައްދާފައިވާ މި ފިލްމުގެ މައިގަނޑު ކާސްޓުންގެ ގޮތުގައި ފެނިގެންދާނީ މަޝްހޫރު ފިލްމީ ތަރިން ކަމުގައިވާ އަލީ ސީޒަން، މަރިޔަމް އައްޒަ، އާމިނަތު ރިޝްފާ، އަހުމަދު އީސަ (އާނަންދު)، އަލީ އާޒިމް (ދޮން އައްޔަ)، އަހްމަދު ނިމާލް، އަބްދުﷲ ޝާފިއުޕ (ފުބޫ)، އާމިނަތު ނިޝާ (ނިޝްކޮ)، އިރުފާނާ އިބްރާހީމް (އެރޫ) އެވެ.
ކުޑަ އިއްބެގެ ހާއްސަ ފެނިލުމެއް ފިލްމުން ފެނިގެންދިޔައިރު މި ފިލްމު ބެލިއިރު ކުރެވުނީ މަސްހުނި އިހުސާސްތަކެއްކަމަށް ގިނަ ބަޔަކު ބުންޏެވެ. ފިލްމު ބެލި ޒުވާނަކު "ދަ ޕްރެސް" އަށް ބުނީ މި ފިލްމު ބަލަމުން ދިޔައިރު ވަރަށް އެހެން ކަހަލަ އިހުސާސްތަކެއް ކުރުވި ކަމަށާއި މި ފިލްމަކީ ލޯބި ހޯދަން ކޮންމެ ކަމެއް ކުރަންޖެހުނަސް ކުރާނެ ބަޔަކު އުޅޭ ފިލްމެއް ކަމަށެވެ.
"ފިލްމުގައި މަޖާ ތަންތަންކޮޅުވެސް އައި. އަހަރެންނަށް ކަމުނުދަނީ ހުސް ސީންތަކެއް ދެއްކީމަ. އެއްވެސް ވާހަކަ އެއް ނުދައްކާ. އެކަމަކު ދޮން އައްޔަ އެއީ ބެސްޓު. އޭނާގެ ކެރެކްޓާ އެންމެ ސަޅީ،"
ފިލްމުގައި ދޮން އައްޔަ ކުޅުނީ ބަތަލާ އައްޒަގެ ކޮއްކޮގެ ބައެވެ. ސީޒަން، އައްޒަގެ ފިރިމީހާގެ ރޯލުން ފެނިގެންދިޔައިރު އާނަންދު ފެނިގެންދިޔައީ ސީޒަންގެ އެންމެ ގާތް އެކުވެރިޔާގެ ރޯލުންނެވެ. ބަތަލާ ރިޝްފާގެ ރޯލު ސިއްރެއްގެ ގޮތުގައި ބައިންދާލާނަމެވެ.
"ލޯބިވެވިއްޖެ" އަކީ މި އަހަރު އޮލިމްޕަސް ސިނަމާގައި އެޅުވި ތިން ވަނަ ފިލްމެވެ. މަސްހުނި އިހުސާސްތަކެއް ކުރުވި މި ފިލްމުގެ ރިވިއު އަށް އިންތިޒާރުކޮށްލާށެވެ.