ޗާގޯސްގެ ސިޔާދަތީ ބާރު ދޫ ނުކުރިމަ، ޗާގޯސް ކަނޑުގެ ސަރަހައްދުން ފުށު އަރާ ހިސާބު އިކުއިޑިސްޓެންސް (ދެބައި ހަމަވާގޮތަށް) ކޮށް ބަހަން ނުޖެހުނީސް ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު މިފަދައިން ވިދާޅުވެ ޓްވީޓް ކުރައްވާފައި ވަނީ ކުރީގެ ބަންޑާރަ ނައިބުން އަދި ސަރުކާރާ އިދިކޮޅު ސިޔާސީ ޕާޓީތަކުން ޗާގޯސްގެ މައްސަލައިގައި ކަންނިންމާފައިވާ ގޮތާމެދު ހިތްހަމަ ނުޖެހުން ފާޅުކޮށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމާ ގުޅުވައިގެންނެވެ.

ރައީސް ނަޝީދު ވިދާޅުވީ އެމަނިކުފާނުގެ ވިސްނުންފުޅު ހުރީ ފުށުއަރާ އިމުގެ ސަރަހައްދުގެ ވާހަކަ ނުގެނެސް ބައިލޭޓަރަލް އެގްރިމެންޓަކުން ބޯޑަރު ކަނޑައަޅަން ކަމަށެވެ. އަދި އެގޮތަށް މޮރިޝަސް އިން އެއްބަސްވުމުން ސިޔާދަތީ ބާރުގެ ވާހަކައިން ދޫ ދިނުމަށް ކަމުގައެވެ.

މިދިޔަ ހުކުރު ދުވަހު އިޓްލޮސް އިން ޗާގޯސްގެ ކަނޑުގެ ސަރަހައްދުން ފުށު އަރާ ހިސާބު ބައިހަމަކޮށް ބަހާލުމުން ރާއްޖެއިން ކުރިން ބޭނުން ކުރަމުން ދިޔަ 200 ނޯޓިކަލް މޭލުން 5 މޭލު ވަނީ ގެއްލިފައެވެ. ރާއްޖެއަށް ލިބުނީ 47،232 އަކަ ކިލޯމީޓަރެވެ. އެއީ ރާއްޖެއަށް 135 ނޯޓިކަލް މޭލެވެ. އަދި މޮރިޝަސް އަށް 45،331 އަކަ ކިލޯމީޓަރު ލިބިފައި ވެއެވެ.

މި ކަމާ ގުޅިގެން ސަރުކާރުން މިއީ ލިބުނު ކާމިޔާބެއްގެ ގޮތުގައި ފާހަގަ ކުރަމުން އަންނަ އިރު، ރައީސް ނަޝީދުގެ އިތުރުން އެމަނިކުފާނަށް ތާއީދު ކުރައްވާ ބޭފުޅުންނާއި އިދިކޮޅު ސިޔާސީ ފަރާތްތަކުން އަންނަނީ ސަރުކާރަށް ފާޑު ވިދާޅުވެ، ސަރުކާރާ ދެކޮޅަށް ވާހަކަ ދައްކަވަމުންނެވެ.