ފައިސާގެ ދަތިކަން ކުރިމަތިވެފައިވާ އިންޑިއާގެ އެއާލައިނެއް ކަމަށްވާ ގޯ ފަސްޓް ބަނގުރޫޓު ވެފައި ވާކަމަށް ނިންމާ، ބޭންކްރަޕްސީ ޕްރޮސީޑިން އަށް އިއްޔެ ހުށަހަޅައިފިއެވެ.
މިއީ ޖެޓް އެއާވޭސް އިން 2019 ވަނަ އަހަރު ބަނގުރޫޓު ވުމަށް ހުށަހެޅި ފަހުން އިންޑިއާގައި ބޮޑު އެއާލައިނެއް ވެއްޓުނު ފުރަތަމަ ފަހަރެވެ.
މިދިޔަ އޭޕްރީލް މަހުގެ 28 ވަނަ ދުވަހުގެ ނިޔަލަށް ގޯ ފަސްޓްއިން ފައިނޭންޝަލް ކްރެޑިޓަރުންނަށް ނަގާފައިވާ ޖުމްލަ ދަރަންޏަކީ 65.21 ބިލިއަން ރުޕީސް (797 މިލިއަން ޑޮލަރު) ކަމަށް ރޮއިޓާސް އިން ބެލި ބެންކްރަޕްސީ ފައިލިންގައި ބުނެފައިވެއެވެ.
ގޯ ފަސްޓް އިން ނެރުނު ބަޔާނެއްގައި ބުނީ ނޭޝަނަލް ކޮމްޕެނީ ލޯ ޓްރައިބިއުނަލަށް ހުށަހެޅީ އެ އެއާލައިންގެ އެއާބަސް އޭ320ނިއޯ އެއާކްރާފްޓް ފްލީޓްގެ އެކްސްކްލޫސިވް އިންޖީން ސަޕްލައިކުރާ ޕްރެޓް އެންޑް ވިޓްނީ، އެ އެއާލައިނަށް ސްޕެއާ ލީޒްކޮށްފައިވާ އިންޖީނުތައް ދޫކޮށްލުމަށް އާބިޓްރޭޝަނުން ނެރުނު އަމުރަށް ތަބާވުމަށް ދެކޮޅު ހެދުމުން ކަމަށެވެ.
މިކަމާ ގުޅިގެން ރޮއިޓާސްގެ އީމެއިލްތަކާއި ކޯލްތަކަށް ޕްރެޓް އެންޑް ވިޓްނީ އަދި ޖަވާބެއް ދީފައެއް ނުވެއެވެ. އެ ކުންފުނީގެ ބެލެނިވެރި ކުންފުނި ރެތިއޯން ޓެކްނޮލޮޖީސް އިންވެސް މިކަމާ ގުޅޭ ގޮތުން އަދި އެއްޗެއް ބުނެފައެއް ނުވެއެވެ.
މަތިންދާބޯޓެއްގެ އިންޖީނު މެދުތެރެއިން ހުއްޓިދާނެ ކަމުގެ އިންޒާރު ސަލާމަތީ ބާރުތަކުން ދިން ޕްރެޓް އެންޑް ވިޓްނީ އިންޖީނަށް ދިމާވި މައްސަލައަކީ ފާއިތުވި އަހަރުތަކުގައި އިންޑިއާގެ އެއާލައިންތަކަށް އެކި ފަހަރު މަތިން ދިމާވެފައިވާ މައްސަލައެކެވެ.
ޕްރެޓް އެންޑް ވިޓްނީއާ ހަވާލާދީ އިންޑިއާގެ މީޑިއާތަކުން ބުނެފައިވަނީ އިންޑަސްޓްރީގެ ސަޕްލައި ޗެއިން ޕްރެޝަރުތަކުގެ ސަބަބުން އެ ކުންފުންޏަށް އަސަރުކޮށްފައިވާ ކަމަށާއި މި އަހަރުގެ ފަހުކޮޅު އެ ޕްރެޝަރުތަކަށް ލުޔެއް ލިބޭނެ ކަމަށް އުއްމީދު ކުރާކަމަށާއި އޭގެ ސަބަބުން އާ އަދި އޯވަހޯލް ކޮށްފައިވާ އިންޖީނުތަކުގެ އުފެއްދުންތެރިކަން އިތުރުކުރުމަށް އެހީތެރިވެދޭނެ ކަމަށެވެ.
އެނަލިސްޓުން ބުނާ ގޮތުގައި ބޮޑު ވާދަވެރި އިންޑިގޯއަށް މި އަސަރު މާ ރަނގަޅަށް ކެތްކުރެވުނީ އެ ކުންފުނީގެ ބޮޑު ފްލީޓާއި މާލީ ތަނަވަސްކަމުންނެވެ.
ވާޑިއާ ގްރޫޕްގެ ހިއްސާ އޮންނަ އަދި ކުރިން ގޯ އެއާގެ ނަމުން މަޝްހޫރު ވެފައިވާ ގޯ ފަސްޓް އިން ވެސް އެ ކުންފުނީގެ ވެބްސައިޓުގައި ބުނެފައިވަނީ މެއި މަހުގެ ތިން ވަނަ ދުވަހުން ފެށިގެން މެއި މަހުގެ ފަސް ވަނަ ދުވަހަށް ޝެޑިއުލްކުރި ފްލައިޓްތައް ކެންސަލް ކުރީ "އޮޕަރޭޝަނަލް ސަބަބުތަކާ ހުރެ" ކަމަށެވެ.
އިންޑިއާގެ ސިވިލް އޭވިއޭޝަން މިނިސްޓަރު ޖޯތިރާދިތްޔާ ސިންދިއާ ނެރުއްވި ބަޔާނެއްގައި ވިދާޅުވެފައިވަނީ އިންޑިއާ ސަރުކާރުން އެ އެއާލައިނަށް ވެދެވެން އޮތް ހުރިހާ ގޮތަކުން އެހީތެރިކަން ފޯރުކޮށްދެމުން އަންނަ ކަމަށެވެ. އަދި މިކަމުގައި ޝާމިލްވާ ފަރާތްތަކަށް މި މައްސަލަ ހުށަހަޅުއްވާފައި ވާކަމަށް ވިދާޅުވިއެވެ.
ޕެންޑަމިކަށް ފަހު ވައިގެ ދަތުރުފަތުރުގެ ކުރިއެރުމަށް އިންޑަސްޓްރީން މަސައްކަތް ކުރަމުންދާއިރު، މި ވެއްޓުމުގެ ފައިދާ ވާދަވެރި އެއާލައިންތަކަށް ކުރާނެއެވެ.
ޕްރަބޫދާސް ލިލަދަރްގެ ރިސާޗް އެނަލިސްޓެއް ކަމަށްވާ ޖިނޭޝް ޖޯޝީ ލިޔުއްވާފައިވާ ގޮތުގައި ކުއްލިއަކަށް އޮޕަރޭޝަންތަކަށް ހުރަސް އެޅުމުގެ ސަބަބުން އެހެން އެއާލައިންތަކަށް ފައިދާވެ، ވައިގެ ދަތުރުފަތުރުގެ އަގު ބޮޑުވުމަކީ އެކަށީގެންވާ ކަމެކެވެ.
މިފިޔަވަޅުގެ ސަބަބުން ގޯ ފަސްޓްގެ ލޯނު ދޭ ފަރާތްތައް ހައިރާންވިކަމަށް މިކަން އެނގޭ ދެ ބޭންކަރަކު ރޮއިޓާސްއަށް ކިޔައިދިން ކަމަށް މީޑިއާ ރިޕޯޓުތައް ބުނެއެވެ.
މީގެ ހަފުތާއެއްހާ ދުވަސް ކުރިން ލޯނު ދިން ފަރާތްތަކުން ގޯ ފަސްޓްގެ މެނޭޖްމަންޓާ ބައްދަލުކުރި ނަމަވެސް އެއްވެސް މައުލޫމާތެއް ދީފައި ނުވާކަމަށް ބޭންކަރަކު ބުންޏެވެ. އަދި ލޯނު ދޭ ފަރާތްތައް ވަރަށް އަވަހަށް ބައްދަލުކޮށް ހާލަތު ދެނެގަނެ، ކުރިއަށްދާނެ ގޮތަކާމެދު ގޮތެއް ނިންމާނެ ކަމަށް އެ ފަރާތްތަކުން ބުނެއެވެ.
އެކުއިޓް ރޭޓިންސް އިން ޖެނުއަރީ މަހު ނެރުނު ރިޕޯޓެއްގައި ވާގޮތުން ގޯ ފަސްޓްގައި 56 ބިލިއަން ރުޕީސް (685 މިލިއަން ޑޮލަރު) އިންޑިއާގެ ބޭންކް ދަރަނި އެބަހުއްޓެވެ. އެންމެ ބޮޑު ހިއްސާއެއް އޮންނަނީ ސެންޓްރަލް ބޭންކް އޮފް އިންޑިއާ އާއި ބޭންކް އޮފް ބަރޯދާ އަށެވެ.
"ޕްރެޓް އެންޑް ވިޓްނީގެ އިންޖީނުތައް ގޯސްވުމުގެ ސަބަބުން" ގްރައުންޑް ކޮށްފައިވާ މަތިންދާބޯޓު ތަކުގެ އަދަދު 2019 ވަނަ އަހަރުގެ ޑިސެމްބަރު މަހު ފްލީޓްގެ ހަތް އިންސައްތައިން 2022 ވަނަ އަހަރުގެ ޑިސެމްބަރު މަހު 50 އިންސައްތައަށް އިތުރުވެފައިވާކަމަށާއި، ގްރައުންޑިންއަށް ގެއްލުނު އާމްދަނީއާއި އިތުރު ހަރަދުގެ ގޮތުގައި ގޯ ފަސްޓްއަށް 108 ބިލިއަން ރުޕީސް (1.32 ބިލިއަން ޑޮލަރު) ހަރަދުވެފައި ވާކަމަށް އެ އެއާލައިނުން ބުނެއެވެ.
އިންޑިއާގެ އޭވިއޭޝަން ރެގިއުލޭޓަރުގެ އެންމެ ފަހުގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި ގޯ ފަސްޓް އިން 2021 ވަނަ އަހަރު ދޭން ނިންމާފައިވާ 440 މިލިއަން ޑޮލަރުގެ އައިޕީއޯ ފަސްކުރަން މަޖުބޫރުވި މައްސަލަތަކުގެ ސަބަބުން މިދިޔަ ޖެނުއަރީ މަހު އެ ކުންފުނީގެ މާކެޓް ހިއްސާ 8.4 ޕަސެންޓުގައި ހުރި ނަމަވެސް މާޗް މަހު އެ ކުންފުނީގެ މާކެޓް ހިއްސާ ވަނީ 6.9 ޕަސެންޓަށް ވެއްޓިފައެވެ.
އެ އެއާލައިނުން ފައިސާ ހޯދުމުގެ މަސައްކަތް ކުރަމުން އަންނައިރު، ވާޑިއާ ގްރޫޕުން މެޖޯރިޓީ ހިއްސާ ވިއްކާލަން ނުވަތަ އެ ކުންފުނީގެ ހިއްސާ މުޅިން ދޫކޮށްލަން މަޝްވަރާ ކުރަމުން އަންނަ ކަމަށް ރިޕޯޓްތައް ބުނެއެވެ.