ރާއްޖެއާއި ޗާގޯސް އާ ދެމެދުގައިވާ ކަނޑުގެ ސަރަހައްދު އިން ވަކި ކުރުމާ ގުޅޭ ގޮތުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، މޮރިޝަސްގެ ބޮޑުވަޒީރަށް ފޮނުއްވި ސިޓީފުޅާ ގުޅިގެން ރާއްޖޭގެ އިގްތިސާދީ ސަރަހައްދުން ބައެއް ގެއްލުނު ކަމަށް ދެކެވަޑައިނުގަންނަވާ ކަމަށް ކުރީގެ ޕްރޮސިކިއުޓާ ޖެނެރަލް އަހްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރާއްޖޭގެތަޖުރިބާކާރު އެއް ގާނޫނީ ވަކީލެއްގެ ގޮތުގައިވެސް ފާހަގަ ކޮށްލެވޭ މުއިއްޒު އެގޮތަށް ވިދާޅުވެފައި ވަނީ ރާއްޖެއިން މޮރިޝަސްގެ ބޮޑު ވަޒީރަށް ފޮނުއްވެވި ސިޓީއާ ގުޅޭ ގޮތުން ޖުމްހޫރީ ޕާޓީގެ ލީޑަރު، ގާސިމު އިބްރާހީމު ރޭ ދެއްކެވި ވާހަކަފުޅަށް ރައްދު ދެއްވަމުންނެވެ. ރޭ ކުރެއްވި ޓްވީޓެއްގައި ގާސިމް ވިދާޅުވެފައި ވަނީ، އިޓްލޮސްގެ ހުކުމާ ގުޅިގެން އިގްތިސޯދީ ނަފާ ހޯދަން ދިވެހިންނަށް ލިބެން އޮތް 200 ނޯޓިކަލް މޭލުގެ ބޮޑު ސަރަހައްދު ހޯދުމަށް އޮތް ފުރުސަތު ގެއްލިއްޖެ ކަމަށެވެ.

އަދި ދިވެހިންނަށް އެ ސަރަހައްދު ގެއްލުމުގައި މީގެ ކުރިން ރާއްޖެއިން ގެންގުޅެމުން އައި ސިޔާސަތު ބަދަލުކޮށް، ރައީސް އިބްރާހީމް މުހައްމަދު ސޯލިހު މޮރިޝަސްގެ ބޮޑުވަޒީރު ޕްރަވިންދް ޔުގާނަތަށް ފޮނުއްވި ސިޓީފުޅު ބޮޑު ދައުރެއް އަދާކުރި ކަމަށް ގާސިމް ވިދާޅުވިއެވެ. މީގެ އިތުރުންވެސް ރައީސްގެ އެ ސިޓީފުޅު ގާނޫނުއަސާސީ އާއި ރާއްޖޭގެ ކަނޑުތަކާއި ބެހޭ ގާނޫނާ ހިލާފުވާ ކަމަށް ގާސިމް ވަނީ ވިދާޅުވެފައެވެ.

"ރާއްޖޭގެ ސަރަހައްދުން އެންމެ ކޮޑި އިންޗިއެއް ވެސް ދިވެހީންނަށް ގެއްލޭ ގޮތަށް ނިންމާ އެއްވެސް ނިންމުމަކަށް އަޅުގަނޑުމެން ތާއީދެއް ނުކުރާނަމެވެ،" ގާސިމްގެ ޓްވީޓްގައި ވެއެވެ.

ގާސިމް އަށް ރައްދު ދެއްވަމުން މުއިއްޒު ވަނީ ސަރުކާރުން އެކަމުގައި އަމަލު ކުރެއްވި ގޮތް ދިފާއުކުރައްވާފައެވެ. އެގޮތުން މުއިއްޒު ވިދާޅުވީ "51 ވަނަ ޕެރެގްރާފުގައި ރާއްޖޭގެ ސިޔާސަތު ބަދަލުވިކަމަށް ހަވާލާދެނީ ޗާގޮސްގެ މައްޗަށް ސިޔާދަތު އޮންނާނީ މޮރިޝަސްއަށްތޯ ނުވަތަ އިނގިރޭސިވިލާތަށްތޯ އޮތް ސުވާލަށް. ރައީސްގެ ސިޓީގެ ސަބަބުން ރާއްޖޭގެ އިގްތިސާދީ ސަރަހައްދުން އެއްވެސް މިންވަރެއް އުނިވުމަށް މަގުފަހި ވިކަމަށް ނުދެކޭ" ކަމަށެވެ.

އިޓްލޮސް އިން އިމުގެ މައްސަލައިގައި ކުރި ހުކުމާ ގުޅިގެން ހަމަ އެ ދުވަހުގެރޭ ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވައި، ރާއްޖެ އަށް 47،232 އަކަ ކިލޯމީޓަރުގެ ސަރަހައްދެއް ލިބުމަކީ ކާމިޔާބެއްގެ ގޮތުގައި ސަރުކާރުން ސިފަކުރިއެވެ. ނަމަވެސް ޖުމްހޫރީ ޕާޓީ އާއި އެމްއާރުއެމާއި އެމްއެންޕީގެ އިތުރުން، ޕީޕީއެމުން މިކަމުގައި ސަރުކާރާ ހިޔާލު ތަފާތެވެ.

މީގެ އިތުރުން މި މައްސަލައިގައި އެމްއެންޕީން ވަނީ ރައީސްގެ އިތުރުން، ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދާއި ބަންޑާރަ ނައިބު އިބްރާހީމް ރިފްއަތު މަގާމުން އިސްތިއުފާ ދެއްވުމަށް ގޮވާލައިފައެވެ.