ކުރީގެ ރައީސް، އަބްދުﷲ ޔާމީންގެ މައްޗަށް ކްރިމިނަލް ކޯޓުން އިއްވާފައިވާ 11 އަހަރުގެ ޖަލު ހުކުމުގެ އިސްތިއުނާފުގެ މައްސަލަ ތާވާލު ނުކޮށް ލަސްވަމުންދާތީ އިދިކޮޅު ކޯލިޝަންގެ މެންބަރުން ހައިކޯޓަށް ގޮސްފިއެވެ.

ހައިކޯޓުން ނުކުމެ ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ޕީއެންސީގެ ރައީސް އަބްދުއްރަހީމް ވިދާޅުވީ، މިއަދު ހައިކޯޓަށް ދާންޖެހުނީ ޔާމީންގެ އިސްތިއުނާފުގެ މައްސަލަ ލަސްވަމުންދާތީ ކަމަށެވެ. ނަމަވެސް ރަޖިސްޓްރާއާ ބައްދަލު ނުވުމުގެ ސަބަބުން މައުލޫމާތު ސާފު ކުރެވޭ ގޮތެއް ނުވި ކަމަށް އަދުރޭ ވަނީ ވިދާޅުވެފައެވެ.

އަދި އެކަމާ ކަންބޮޑުވުން ފާޅުކުރަމުން އިތުރަށް އަދުރޭ ވިދާޅުވީ "މިކަމުގެ ކަންބޮޑުވުން އިންތިހާއަށް އެބައޮތް. ރިޔާސީ އިންތިހާބަށް ހަތަރު މަސްދުވަހަށް ވެއްޖެ. އަޅުގަނޑުމެންގެ ރިޔާސީ ކެންޑިޑޭޓަކީ ރައީސް ޔާމީން. އެމަނިކުފާނަށް ކުރިމަތިލެވޭނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނި ނަމަވެސް ކެމްޕޭން ކުރުމުގެ ފުރުސަތެއް ނެތް." ކަމަށެވެ.

ޔާމީންގެ މައްޗަށް އިއްވާފައިވާ 11 އަހަރުގެ ޖަލު ހުކުމް އިސްތިއުނާފު ކޮށްދިނުމަށް އެދި ހައިކޯޓަށް މައްސަލަ ހުށަހަޅާފައިވަނީ ހުސްވި އޭޕްރީލް މަހުގެ 4 ވަނަ ދުވަހު އެވެ.

ވ. އާރަށް ކުއްޔަށް ދިން މައްސަލައިގައި ޔާމީންގެ މައްޗަށް ދައުލަތުން އުފުލާފައިވާ ރިޝްވަތާއި މަނީ ލޯންޑަރިންގެ ދައުވާ ސާބިތުވާ ކަމަށް ކަނޑައަޅައި، 11 އަހަރުގެ މުއްދަތަކަށް ޔާމީން ޖަލަށްލުމާއެކު، ރިޔާސީ އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު އެމަނިކުފާނަށް ވަނީ މިވަގުތު ގެއްލިފައެވެ. ނަމަވެސް މިއަހަރުގެ ސެޕްޓެމްބަރު މަހުގެ 9 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިހާބުގައި ރައީސް ޔާމީނަށް ކުރިމަތިލެވޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އޮތް ކަމަށް އަދުރޭ މީގެ ކުރިން ވަނީ ވިދާޅުވެފައެވެ.