އެމްއެމްއޭ ކައިރިން ތޫނު އެއްޗަކުން ހަމަލާދީ މަރާލި ގދ. ފަރެސްމާތޮޑާ، ކޮކާ، އުމުރުން 18 އަހަރުގެ އިބްރާހިމް އާގިލްގެ މަރުގެ މައްސަލައިގެ ޝަރީއަތުގެ އަޑުއެހުން މާދަމާ މެންދުރުފަހު 1:30ގައި ބާއްވަން ކްރިމިނަލް ކޯޓުން ތާވަލްކޮށްފިއެވެ.

މާދަމާގެ ޝަރީއަތުގެ އަޑުއެހުން ކުރިއަށް ގެންދަން ހަމަޖެހިފައި ވަނީ މި މައްސަލައިގައި ދައުވާ ލިބޭ 3 މީހުންވެސް ކޯޓަށް ހާޒިރުކޮށްގެންނެވެ.

އާގިލްގެ މަރުގެ މައްސަލައިގައި ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރި ކަމުގެ ކުށުގެ ދައުވާ ދެ މީހެއްގެ މައްޗަށް އުފުލާފައިރު އެއީ ލ. ފޮނަދޫ، ހިޔާ، ހަމްދޫން ހަމްޒަތާއި، ސ. ހިތަދޫ، ސްވޭހުހީނާގެ، އަލީ މިޖުވާދު މާލިކު އިބްރާހިމްއެވެ. އަދި ހއ. ދިއްދޫ، ސްނޯބާޑް، އިބްރާހީމް ވިޝާމްގެ މައްޗަށް އުފުލައިފާ ވަނީ ތޫނު އެއްޗެއް ނުވަތަ ނުރައްކާތެރި ހަތިޔާރެއް ބޭނުންކޮށްގެން ގަސްތުގައި މީހަކު މެރުމަށް އެހީތެރިވުމުގެ ކުށުގެ ދައުވާއެވެ.

އާގިލް މަރާލާފައި ވަނީ އޯގަސްޓް 31، 2018 ވަނަ ދުވަހުގެ ރެ އެވެ. އޭނާ މަރާލާފައި ވަނީ މާލެ އަތޮޅު ރަށެއްގައި އުޅުމަށް ފަހު އެނބުރި މާލެ އައިސް ލޯންޗުން ފޭބި ވަގުތުއެވެ.

ސީން އޮފް ކްރައިމްސް އޮފިސަރު އަޝްފާގް ހަސަން މީގެ ކުރިން ވަނީ އާގިލްގެ މޭމަތީގެ ވައަތްފަޅިން 1.5 އިންޗި ފުނަށް ކަނޑައިގެން ގޮސްފައި ހުރި ކަމަށާއި، ވާއަތު ބުމަޔާ ދިމާލުން ވެސް ބޮޑުކޮށް ކަނޑައިގެން ގޮސްފައިވާ ކަމަށް ވިދާޅުވެފައެވެ. އާގިލްގެ ހަށިގަނޑުގެ އެކި ތަންތަނަށް އަނިޔާތައް ދީފައި ވަނީ ތޫނު އެއްޗެއް ބޭނުންކޮށްގެން ކަން އެނގޭ ކަމަށް ވެސް އަޝްފާގު ވިދާޅުވިއެވެ.