2022 ވަނަ އަހަރުގެ ސާފު ފައިދާގެ ގޮތުގައި 728 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށް އެ ކުންފުނިން ބުނެފިއެވެ.

އެ ކުންފުނިން އާންމު ކުރި 2022 ވަނަ އަހަރުގެ އަހަރީ ރިޕޯޓުން ދައްކާ ގޮތުގައި ޓެކްސްއަށް ކެނޑުމަށްފަހު މިދިޔަ އަހަރު އެކުންފުންޏަށް ލިބިފައިވާ 728 މިލިއަން ރުފިޔާގެ ސާފު ފައިދާއަކީ އޭގެ ކުރީ އަހަރާ އަޅާ ބަލާއިރު 50 ޕަސެންޓުގެ ކުރިއެރުމެކެވެ. 2021 ވަނަ އަހަރު ސާފު ފައިދާގެ ގޮތުގައި އެ ކުންފުންޏަށް ލިބިފައިވަނީ 487 މިލިއަން ރުފިޔާއެވެ.

އެސްޓީއޯގެ ސާފު ފައިދާ އިތުރުވުމުގެ މައިގަނޑު ސަބަބަކީ ކުންފުނިން ކުރަމުން އަންނަ ވިޔަފާރިތައް ހަރުދަނާކުރެވިފައިވުން ކަމަށް އެ ކުންފުނިން ބުނެއެވެ. ކުންފުނީގެ ފައިދާ ރަނގަޅު ކުރެވުމާއި އެސްޓީއޯ ގްރޫޕްގެ ގިނަ ކުންފުނިތަކުން ފައިދާ އިތުރުވުމާއިއެކު އެސްޓީއޯ ގްރޫޕްގެ ފައިދާ ވެސް ވަނީ 1 ބިލިއަނަށް އަރާފައެވެ.

އޮޕަރޭޓިން ޕްރޮފިޓްގެ ގޮތުގައި ފުރަތަމަ ފަހަރަށް 1 ބިލިއަން ރުފިޔާ އެސްޓީއޯއަށް ލިބިފައިވަނީ މިދިޔަ އަހަރުއެވެ. އޭގެ ކުރީ އަހަރު އޮޕަރޭޓިން ޕްރޮފިޓްގެ ގޮތުގައި އެކުންފުންޏަށް ލިބިފައިވަނީ 643 މިލިއަން ރުފިޔާއެވެ. މީގެއިތުރަށް ފާއިތުވި އަހަރު އެސްޓީއޯގެ ޖުމްލަ ފައިދާ 41 ޕަސެންޓު އިތުރުވެފައިވާއިރު އެ ކުންފުނަޏަށް ޖުމްލަ ފައިދާގެ ގޮތުގައި ލިބިފައިވަނީ 2 ބިލިއަން ރުފިޔާއެވެ.

މިދިޔަ އަހަރު އެސްޓީއޯއިން ރެކޯޑު އަދަދަކަށް އާމްދަނީ އަދި ފައިދާ ހާސިލްކޮށްފައިވާއިރު އާމްދަނީގެ ގޮތުގައި 18.2 ބިލިއަން ރުފިޔާ އެކުންފުންޏަށް ލިބިފައިވެއެވެ. މިކަމުގެ މައިގަނޑު ސަބަބެއްގެ ގޮތުގައި އެސްޓީއޯއިން ފާހަގަ ކުރަނީ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމާއެކު، ފާއިތުވި އަހަރު އެ ކުންފުނިން ވިއްކި ތެލުގެ އަދަދުވެސް އޭގެ ކުރީ އަހަރާއި އަޅާބަލާއިރު %27 އިތުރުވެފައިވުމެވެ. އަދި މާކެޓް ޝެއާ ލިބި ވިއްކުނު ތެލުގެ ވޮލިއުމް އިތުރުވުމާއެކު ކުންފުނީގެ އެހެނިހެން ވިޔަފާރިތައް ކުރިއަރާ އާމްދަނީ އިތުރުވެފައި ވުމަކީވެސް އެ ކުންފުނީގެ އާމްދަނީ އިތުރުވި ސަބަބެއް ކަމުގައި އެ ކުންފުނިން ބުނެއެވެ.