ދިވެހި ސަރުކާރުން، ސިއްހީ ދާއިރާގެ މުވައްޒަފުންގެ މުސާރައިގެ ބަދަލުތަށް ގެންނަނީ ހަމައެކަނި ދިވެހި މުވައްޒަފުންނަށް ކަމަށް ސަރުކާރުން ހާމަކޮށްފިއެވެ.

ސިއްހީ ދާއިރާގެ މުވައްޒަފުންގެ މުސާރައިގެ އޮނިގަނޑަށް ގެނައި ބަދަލާ ގުޅޭ ގޮތުން މައުލޫމާތު ދެއްވަމުން، ޕޭ ކޮމިޝަންގެ ސެކްރެޓަރީ ޖެނެރަލް ޑރ. މުހައްމަދު ފައިޒަލް ވިދާޅުވީ، ސިއްހީ ދާއިރާގެ ޖުމްލަ 3710 މުވައްޒަފުންގެ މުސާރައަށް މި މަހުން ފެށިގެން ހެޔޮބަދަލުތަކެއް އަންނަ އިރު އެބަދަލުތައް އަންނާނީ ހަމައެކަނި ދިވެހި މުވައްޒަފުންނަށް އެކަނި ކަމަށެވެ.

އެގޮތުން ރީޖަނަލް ހޮސްޕިޓަލްތަކުގެ 520 މުވައްޒަފުންނާއި އަތޮޅު ހޮސްޕިޓަލުތަކުގެ 471 މުވައްޒަފުންނާއި ހެލްތު ސެންޓަރުތަކުގެ 965 މުވައްޒަފުން ހިމެނެއެވެ. އަދި އައިޖީއެމްއެޗް ގެ 1004 މުވައްޒަފުންނާއި ހުޅުމާޅެ ހޮސްޕިޓަލުގެ 298 މުވައްޒަފުންގެ އިތުރުން މިނިސްޓްރީ އޮފް ހެލްތާއި އެމިނިސްޓްރީގެ ދަށުން ހިންގަމުންދާ ތަންތަނުގެ 452 މުވައްޒަފުން ހިމެނެއެވެ.

އަދި ހުރިހާ ފަންނުތަކުގެ މުވައްޒަފުންވެސް އެންމެ ދަށްވެގެން ފުރަތަމަ ޑިގްރީ ހާސިލް ކުރުމަށް ބާރުއެޅުމުގެ ގޮތުން ފުރަތަމަ ޑިގްރީއަށްވެސް މުސާރައިގެ ފަރަގުތަކެއް ހުންނާނެކަމަށާއި އަދި ކެންސަރު ފަރުވާތައް ފަދަ ހާއްސަ ފަންނުތަކަށް ދިވެހިން ކުރިމަތިލުމަށް ހިތްވަރު ދިނުމުގެ ގޮތުން އެފަދަ ފަންނުތަކަށް ނިސްބަތުން ރަނގަޅު މުސާރަތަކެއް ކަނޑައަޅާފައިވާނެ ކަމަށް ފައިޒަލް ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުންވެސް މި ޕޭ ޕްރޭމްވޯކްގެ ސަބަބުން އަތޮޅުތަކުގައި ގާއިމް ކޮށްފައިވާ ހޮސްޕިޓަލްތަކަށް ސިއްހީ ފަންނުވެރިން ހޯދުމުގައި ދިމާވާ ދަތިތަކަށް ހައްލެއް ލިބިގެންދާނެ ކަމަށް ފައިޒަލް ފާހަގަ ކުރެއްވިއެވެ. އަދި އިތުރު ތަނެއްގައި މަސައްކަތް ނުކުރަން އެއްބަސްވެ، ވަޒީފާ އަދާކުރާ ހޮސްޕިޓަލުގައި އެކަނި ހިދުމަތްދޭ ސިއްހީ މުވައްޒަފުންނަށްވެސް ހާއްސަ އިނާޔަތެއް ދޭން ވަނީ ސަރުކާރުގެ ފަރާތުން ނިންމާފައެވެ.

ސިއްހީ ދާއިރާގެ މުވައްޒަފުންގެ މުސާރައަށް ހެޔޮ ބަދަލުތަށް އަންނާނެ ކަން މިއަހަރުގެ ރިޔާސީ ބަޔާނުގައި އިބްރާހިމް މުހައްމަދު ސޯލިހް ވަނީ އިއުލާން ކުރައްވާފައެވެ. އެގޮތުން މުސާރަތަކަށް އައި ބަދަލުތަށް އެމަނިކުފާނު ވަނީ އިއްޔެ ހާމަކުރައްވާފައެވެ.