ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ ތެރެއިން ހިންގި ކަމަށް ބުނާ ހިޔާނާތުގެ މައްސަލައިގައި އިފްތިތާހީ ބަޔާން ދިނުމަށް އެ މައްސަލައިގައި ތުހުމަތު ވާ ފަރާތް ކަމުގައިވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން ދެކޮޅު ހެއްދެވުމުން އިފްތިތާހީ ބަޔާން އިއްވުން އަންނަ މަހުގެ 3 ވަނަ ދުވަހަށް ތާވަލް ކޮށްފިއެވެ.

މީގެ ކުރިން މި މައްސަލައިގައި ބޭއްވި އަޑުއެހުމުގައި ވެސް އިފްތިތާހީ ބަޔާން އިއްވުމަށް ދިން ފުރުސަތުގައި، އިފްތިތާހީ ބަޔާނަށް ތައްޔާރުވާން ހެކި މުތާލިއާކުރަން އެކަށީގެންވާ ވަރަށް ވަކީލުންނާއި ޔާމީނަށް ބައްދަލު ނުކުރެވޭ ޝަކުވާ ވަނީ ހުށަހަޅާފައެވެ. އެ އަޑުއެހުމަށް ފަހު މިއަދު ކުރިއަށް ގެންދިޔަ ޔާމީންގެ މައްޗަށް ހިންގާ ޝަރީއަތް ތާވަލްކޮށްފައި ވަނީ ދައުވާ ލިބޭ ފަރާތުން މައްސަލައިގެ އިފުތިތާހީ ބަޔާން އިއްވުމެވެ. ނަމަވެސް މިއަދުވެސް އިފްތިތާއީ ބަޔާން އިއްވުމަށް ޔާމީން ވަނީ ދެކޮޅު ހައްދަވާފައެވެ.

މިއަދުގެ ޝަރީއަތުގައި ޔާމީނަށް ވާހަކަ ދެއްކެވުމަށް ދިން ފުރުސަތުގައި ވިދާޅުވީ، ޝަރީއަތް އޮތީ ބަންދު ދުވަސް ދުވަހުގައި ވެސް ކުރިއަށް ގެންދަން ޖެހޭހާ އަވަސް މިނުގައިތޯ ޕްރޮސެކިއުޝަނުން ސާފުކޮށް ދޭން އެދިވަޑައިގަންނަވާ ކަމަށެވެ. މިހާރު ޝަރީއަތް ހިންގަމުންދާ ގޮތަށް އަލިއަޅުއްވާލައްވަމުން ޔާމީން ވަނީ ޝަރީއަތްތައް ހުކުރު ދުވަހު ނުބާއްވަނީ ކީއްވެތޯ އައްސަވާފައެވެ.

ޖަވާބުގައި މައްސަލަ ބައްލަވާ ގާޒީ އަލީ ނަދީމު ވިދާޅުވީ، ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި ކަނޑައެޅިފައިވާ ގޮތަކީ ވެސް އަދި ޝަރީއަތްކުރުމާ ބެހޭ ޖިނާއީ އިޖުރާއަތުގެ ގަވާއިދުގައި ވެސް، ޝަރީއަތް ކުރުމުގެ މަރުހަލާ ކުރިއަށް ގެންދަން ކަނޑައެޅިފައިވާ ގޮތަކީ މިއީ ކަމަށެވެ.

އިފްތިތާހީ ބަޔާން އިއްވުމަށް ތަކުރާރުކޮށް ޔާމީންގެ ފަރާތުން ދެކޮޅު ހެއްދެވުމުން، މި މައްސަލައިގެ އިފްތިތާހީ ބަޔާން ދެން އޮންނަ އަޑުއެހުމެއްގަައި ބޭއްވުމަށް ނަދީމު ނިންމެވިއެވެ. އެގޮތުން ދެން އަޑުއެހުމެއް ބާއްވާނީ އަންނަ މަހުގެ ތިން ވަަނަ ދުވަހު ކަމަށް ނަދީމު ވިދާޅުވިއެވެ.

ފުއްގިރި ކުއްޔަށް ދިނުމުގެ މައްސަލާގައި ރައީސް ޔާމީންގެ މައްޗަށް ކުރަނީ ރިޝްވަތު ހިފުމާއި މަނީލޯންޑަރިންގެ ދައުވާއެވެ. އަދި ޔާމީންގެ މައްޗަށް ދައުލަތުން ވަނީ މަގާމުގެ ނުފޫޒު ބޭނުން ކުރައްވައިގެން މއ. ކުރިކީލަހިޔާ އަހްމަދު ރިޒާ "ކްރިކް ރިޒާ" މެދުވެރިކޮށް ރިޝްވަތުގެ ގޮތުގައި 1.12 މިލިއަން ޑޮލަރު ހޯއްދަވައި، އެ ފައިސާ ސަން ސިޔާމް (ސަންޓްރެވަލް ސިޔާމް) ގެ ދެ ކުންފުނި މެދުވެރިކޮށް ލޯންޑާ ކުރެއްވި ކަމުގެ ތުހުމަތު ކޮށްފައެވެ.

ވ. އާރަށް ކުއްޔަށް ދޫކުރުމުގައި ރިޝްވަތާއި މަނީ ލޯންޑަރިންގެ ކުށް ސާބިތުވުމާ ގުޅިގެން ރައީސް ޔާމީނަށް ވަނީ އެ ދެ މައްސަލައިގައި 11 އަހަރުގެ ޖަލު ހުކުމެއް އިއްވާފައެވެ. އެ ހުކުމް ޔާމީންގެ މައްޗަށް އިއްވީ މިދިޔަ ޑިސެމްބަރު 25، 2022 ގައެވެ.