ފުލުހުންގެ ފްލެޓުތައް ނިމިގެން ހަވާލުކުރާ އިރު ފްލެޓުތަކުގެ ކުލި ކުޑަކުރަން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވައުދުވަޑައިގެންފިއެވެ.

ރޭ ފުލުހުންގެ 90 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް ބޭއްވި ހަފްލާގައި ރައީސް ވިދާޅުވީ ފުލުހުންނާ ސިފައިންގެވެސް އެންމެ ބޮޑު އެއް ކަންބޮޑުވުމަކީ ބޯހިޔާވަހިކަމުގެ މައްސަލަ ކަމަށެވެ.

ރަށުން ބޭރުގައި އަދި އާއިލާއާ ދުރުގައި ވަޒީފާ އަދާކުރަން ޖެހިފައިވާ ފުލުހުންނަށް މި ދަތިކަން ވަކިން ބޮޑަށް އިހްސާސް ކުރަން ޖެހޭކަން ފާހަގަކުރައްވައި ރައީސް ސޯލިހް ވިދާޅުވީ ފުލުހުންނަށް ބޯހިޔާވަހިކަން ހޯދައިދިނުމަށް ފަށާފައިވާ "ބްލޫ ހައުސިން ސްކީމް" ގެ ދަށުން ހަދާ ފްލެޓްތައް ނިމިގެން ހަވާލުކުރާއިރު، ފްލެޓްތަކުގެ އަގަށް ހެޔޮ ބަދަލެއް ގެނައުމަށް ސަރުކާރުން މަޝްވަރާ ކުރަމުން އަންނަކަމަށެވެ.

"އިރާދަކުރެއްވިއްޔާ ތިޔަބޭފުޅުންނާ އެ ފްލެޓްތައް ހަވާލުކުރެވޭ އިރު، ރަނގަޅު ހެޔޮ ބަދަލެއް އަގަށް އަންނާނެކަމުގެ ޔަގީންކަން އަޅުގަނޑު އަރުވަން."
ރައީސް ސޯލިހް

ކުރީގެ ރައީސް މުހައްމަދު ވަހީދުގެ ވެރިކަމުގައި ސިފައިންނާއި ފުލުހުންގެ ފްލެޓްތައް އެޅުމަށް ހަވާލުކުރި ނޫމަޑި ކުންފުންޏަށް އެ މަސައްކަތް ކުރިއަށް ނުގެންދެވުން އެ އެއްބަސްވުން ވަނީ ބާތިލު ކޮށްފައެވެ. އަދި ފަހުން މި މަސައްކަތް ކުރިއަށް ގެންދިއުމަށް އައިލެންޑް އެކްސްޕާޓް އާ ހަވާލުކޮށްފައި ވާއިރު ކޮވިޑް19ގެ ސަބަބުން އެ ކުންފުންޏަށް ދިމާވި މާލީ ދަތިތަކާ ގުޅިގެން ކުންފުނިން ވަނީ މި މަޝްރޫއު ދޫކޮށްލާފައެވެ.

އައިލެންޑް އެކްސްޕާޓް ކުންފުނިން މަސައްކަތް ހުއްޓާލި އިރު ފުލުހުންގެ ތިން ޓަވަރުގެ 87 ޕަސެންޓް މަސައްކަތް ވަނީ ނިމިފައެވެ. މިހާރު މި މަސައްކަތް އަމީން ކޮންސްޓްރެކްޝަނާ ހަވާލުކޮށްފައި ވާއިރު ފުލުހުންގެ ފްލެޓުތަކުގެ މަސައްކަތް މިއަހަރު ފުރަތަމަ ތިން މަސް ދުވަހުގެ ތެރޭގައި ނިންމާލެވޭނެ ކަމަށް ކުރިން ވަނީ ލަފާކޮށްފައެވެ. އެހެންނަމަވެސް އެ މަސައްކަތް އަދިވެސް ނިމިފައި ނުވާއިރު މި ދައުރު ނިމުމުގެ ކުރިން ފްލެޓްތައް ހަވާލު ކުރާނެކަމަށް ރައީސް އޮފީހުން ވަނީ ލަފާކޮށްފައެވެ.