ރާއްޖެއާއި ޗާގޯސް އާ ދެމެދުގައިވާ ކަނޑުގެ ސަރަހައްދު އިން ވަކިކޮށްފައިވާ އިރު، މޮރިޝަސްއަށް ލިބުނު ޗާގޯސް ކަނޑުގެ ސަރަހައްދު ހިމާޔާތް ކުރަން އެ ގައުމުން ނިންމި ނިންމުމަކީ ރާއްޖޭގެ ދެކުނުގެ މަސްވެރިކަމަށް ވަރަށް ބޮޑު ފައިދާއެއް ކުރާނެ ކަމެއް ކަމަށް އެންވާރަމަންޓް މިނިސްޓްރީން ބުނެފިއެވެ.
އެ މިނިސްޓްރީން ނެރުނު ނޫސް ބަޔާނެއްގައި ބުނީ، ޗާގޯސްގެ އުތުރުން އޮތް ސަރަހައްދަކީ ހިމާޔަތް ކުރެވިފައިވާ ކަނޑުގެ ސަރަހައްދަކަށް ހެދުމަށް ނިންމާނެކަން މޮރިޝަސް އިން ހާމަކޮށްފައި ވާތީ އެކަމަށް މަރުހަބާ ކިޔާ ކަމަށެވެެ. ޗާގޯސްގެ 7 އަތޮޅާއި 70 ރަށް ހިމެނޭ ގޮތަށް ވަށައިގެންވާ ކަނޑުގެ 640،000 ސްކެއާ ކިލޯމީޓަރުގެ ސަރަހައްދަކީ 2010 ވަނަ އަހަރުން ފެށިގެން މެރިން ރިޒާވެއް ގޮތުގައި ހިމާޔަތްކޮށްފައިވާ ސަރަހައްދެއްް ކަމަށް ވެސް އެ މިނިސްޓްރީން ފާހަގަ ކުރެއެވެ.
މިގޮތަށް ހިމާޔަތްކޮށްފައިވާ ސަރަހައްދުތައް އިތުރުވެގެން ދިއުމަކީ އޭގެ ސަބަބުން ދެކުނުގެ މަސްވެރިކަމަށް އެކަމުން ވަރަށްބޮޑަށް ފައިދާކުރާނެ ކަމެއް ކަމަށާއި ޗާގޯސްގެ މެރިން ރިޒާވްއަކީ ދުނިޔޭގެ ނިސްބަތުން ގުދުރަތީ ދިރުންތައް އެންމެ މުއްސަންދި އެއް ސަރަހައްދު ކަމަށް ވެސް އެންވާރަމަންޓް މިނިސްޓްރީން ބުނެއެވެ. އެހެންކަމުން ހިމާޔަތްކޮށްފައިވާ ސަރަހައްދު އިތުރުވާނެ ކަން ޔަގީންވެގެން ދިއުމަކީ ކަނޑުގެ ދިރުންތައް އާލާވެ ދެމެހެއްޓެނެވި ގޮތެއްގައި މަސްވެރިކަން ކުރުމަށް އެހީތެރި ވެދޭނެ ކަމެކެވެ.
އެ ނިންމުމަކީ، 'ހައި އެމްބިޝަން ކޯލިޝަން' އަދި 'ގްލޯބަލް އޯޝަންސް އެލިއަންސް' އިން ދުނިޔޭގެ ކަނޑުތަކުގެ 30 އިންސައްތަ އަކީ ހިމާޔަތްކުރެވިފައިވާ ތަންތަނުގެ ގޮތުގައި ހަމަޖެއްސުމަށް ކުރިއަށް ގެންދާ ކޮންވެންޝަން އޮން ބަޔޮލޮޖިކަލް ޑައިވާސިޓީގެ ގްލޯބަލް ބަޔޯޑައިވާސިޓީ ފްރޭމްވޯކްގައިވާ ލަނޑުދަނޑިތައް ހާސިލްކުރުމަށް ލިބުނު ބާރެއް ކަމުގައި ދެކޭ ކަމަށް އެ މިނިސްޓްރީން ބުނެއެވެ. އަދި ފާއިތުވީ އަހަރުތެރޭގައި ދުނިޔޭގެ ކަނޑުތަކުގެ ދިރުން ހިމާޔަތް ކުރުމަށް ހައިސީސްގައި ވެށި ހިމާޔަތް ކުރުމަށް ވެވުނު އެއްބަސްވުމަށް ވެސް ލިބޭނެ ބާރަކަށް ވެގެންދާނެ ކަމަށް އެ މިނިސްޓްރީން ބުނެއެވެ.
ކަނޑުގެ މާހައުލުތައް ރައްކާތެރިކުރުމާ އެކު، ކަނޑުތަކުގެ ވަސީލަތްތަކުން ލިބޭ ފައިދާ އިތުރުކުރުމުގެ މަގްސަދުގައި ދިވެހި ސަރުކާރާއި ބައިނަލްއަގުވާމީ ޖަމްއިއްޔާއެއް ކަމުގައިވާ ބްލޫ ޕްރޮސްޕެރިޓީ ކޯލިޝަނާއެކު ވެފައިވާ އެއްބަސްވުމެއްގެ ދަށުން "ނޫ ރާއްޖެ" ނަމުގައި މަޝްރޫއުއެއް ސަރުކާރުން ވަނީ ފަށާފައެވެ. އެ މަޝްރޫއުގެ ދަށުން މިހާރު ކުރަމުންދާ މަސައްކަތުގެ ތެރެއިން ސައިންޓިފިކް މައުލޫމާތުގެ އަލީގައި މެރިން ސްޕެޝަލް ޕްލޭނެއް ހެދަމުންދާ އިރު، ޗާގޯސްގެ ހިމާޔަތްކުރެވިފައިވާ ސަރަހައްދާއި އަދި ރާއްޖޭގެ ސަރަހައްދުން ހިމާޔަތް ކުރެވޭ ސަރަހައްދުތައް ގުޅިގެން އުފެދޭ ސަރަހައްދުތައް ވެގެން ދާނީ އިންޑިޔާ ކަނޑުގެ ދިރުންތައް އާލާވުމަށް މަގުފަހިކޮށްދޭނެ އަދި އޭގެ ސަބަބުން ދިވެހިރާއްޖޭގެ މަސްވެރިކަން ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދިއުމަށް އެޅޭ މުހިއްމު ބިންގަލެއް ކަމަށް އެންވާރަމަންޓް މިނިސްޓްރީން ބުނެއެވެ.
ދިވެހިރާއްޖޭގެ ފަތުރުވެރިކަމާއި، މަސްވެރިކަމާއި އިގްތިސޯދީ ހަރަކާތްތައް ބިނާވެގެން ވަނީ ކަނޑުތަކުގެ ދުޅަ ހެޔޮކަމުގެ މައްޗަށެވެ. އެހެންކަމުން، ނޫ އިގްތިސޯދެއް ބިނާކުރުމަށް ރާއްޖެއިން ކުރަމުންގެންދާ މި މަސައްކަތުގެ ސަބަބުން ކަނޑުގެ ދިރުންތައް ހިމާޔަތްކޮށް ބެލެހެއްޓުން މިހާރަށް ވުރެ ހަރުދަނާ ވާނެ ކަމަށް އެ މިނިސްޓްރީން ބުނެއެވެ.
މީގެ އިތުރުން އެންވާރަމަންޓް މިނިސްޓްރީން ބުނީ، އިންޓަނޭޝަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް) ގެ ނިންމުމާ އެކު ރާއްޖެ މި ވަނީ ބައިނަލްއަގުވާމީ ގާނޫނުތަކާ އެއްގޮތަށް ފުރިހަމައަށް އިން ވަކިކުރެވިފައިވާ ގައުމަކަށް ވެފައި ކަމަށެވެ. ރާއްޖެއިން 2000 ވަނަ އަހަރު ބައިވެރިވެފައިވާ މުއާހަދާއާ އެއްގޮތަށް، އެއްވެސް ސަރަހައްދެއްގައި ހާއްސަ އިގްތިސޯދީ ސަރަަހައްދު ފުށުއަރާ ނަމަ، އެ ސަރަހައްދެއް މެދުން ހަމަޔަށް ވާގޮތަށް ބަހައިގެން ކަމަށް އެ މިނިސްޓްރީން ބުނެއެވެ. އެ ގޮތަށް ރާއްޖޭގެ އިން ބައިނަލްއަގުވާމީ ހަމަތަކާއެކު ކަނޑައެޅިގެން ދިއުމަކީ، ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަމާއި، އަދި ކަނޑުގެ ދިރުންތައް ދެމެހެއްޓެނިވި ގޮތެއްގައި ހިމާޔަތްކޮށް ދެމެހެއްޓުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކަށް ލިބޭ ވަރަށްބޮޑު ކުރިއެރުމެއް ކަމަށް އެ މިނިސްޓްރީން ފާހަގަ ކުރެއެވެ.
މިލިޔުން އަހަރެން ކިޔާންވެސް ބޭނުމެއްނޫން. އަޅެފަހެ މީދިވެހިންތަ. ކޯއްޗެއްތަ ވެފާ މިތިބީ. ވާލު ގޮރު ބޮވުނީމާވެސް މިވަރު ނުވޭ. ޗާގޯސްގެ ރަށްތައް ވަގު ޑީލުހަދާ ރައްޔިތުންނަށް އޮޅުވާލާ އަދި މިފަދަސަނާ މިކިޔަނީ ކޮން ގޮރެއް ބޮވިގެންތޯ. މި ކޮމެންޓު ޖަހާލަދީބަލަ.