އަންހެން ވިޔަފާރިވެރިންގެ އަމިއްލަ އުފެއްދުންތައް ޕްރޮމޯޓް ކޮށްދިނުމަށް އަންހެން ވިޔަފާރިވެރިން ބާރުވެރިކުރާ ޖަމިއްޔާ، ވިމެން އެންޓްރަޕްރިނިއާސް އެސޯސިއޭޝަން މޯލްޑިވްސް (ވީމް) އާއި އުރީދޫ މޯލްޑިވްސްގެ އީ-ކޮމާސް ޕްލެޓްފޯމް ކަމަށްވާ މޫލީއާ ދެމެދު އެއްބަސްވެއްޖެއެވެ.
ވީމް އަކީ ރާއްޖޭގެ އަންހެން ވިޔަފާރިވެރިންގެ އުފެއްދުންތައް ޕްރޮމޯޓް ކޮށްދިނުމުގެ އިތުރުން ސްޓޭކްހޯލްޑަރުންނާއި ގުޅިގެން އެ އުފެއްދުންތެރިންނަށް ބޭނުންވާ ފަންނީ ގާބިލުކަން އިތުރު ކުރުމަށް ބޭނުންވާނެ ތަމްރީނު ތަކާއި އެހެނިހެން ގޮތްގޮތުންވެސް އެހީތެރިކަން ފޯރުކޮށްދެމުން އަންނަ ޖަމިއްޔާއެކެވެ.
އެކި އުފެއްދުންތައް މާކެޓްކޮށް، އަދި އެތަކެތި ވިއްކަން ބޭނުންވާ ފަރާތްތަކަށް މިހާރުވެސް ފުރުސަތު ފަހިކޮށްދެމުން އަންނަ މޫލީއަކީ، ރާއްޖޭގެ ކޮންމެ ސަރަހައްދަކުންވެސް އެ ޕްލެޓްފޯމެއް މެދުވެރިކޮށް ތަކެތި ވިއްކުމުގެ ފުރުސަތު އޮންނަ ޕްލެޓްފޯމެކެވެ. އަދި މޫލީން އެތަކެތި ޑެލިވާކޮށްދެނީވެސް ހިލޭ އެވެ.
ވީމް އާއި މޫލީއާ ދެމެދު ވެވުނު އެއްބަސްވުމުގެ ދަށުން، އަންހެން ވިޔަފާރިވެރިންގެ އުފެއްދުންތައް ޕްރޮމޯޓް ކުރުމަށް މޫލީއަކީ އެންމެ އެކަށޭނެ ޕްލެޓްފޯމަށް ވެގެންދާނެއެވެ. އެގޮތުން އަތްތެރި މަސައްކަތުގެ ބާވަތްތައް، ކާށި ތެޔޮ އަދި އަތުން ހަދާ ގަހަނާ ފަދަ ތަކެތި މޫލީ ވެބްސައިޓްގެ “ހަދިޔާ ވިތު ވީމް” ކަލެކްޝަނުން ލިބެން ހުންނާނެއެވެ.
މި ކަލެކްޝަނުން ލިބޭނެ ތަކެތީގެ ތެރޭގައި:
- ކީޗެއިންސް ބައި އީޔާއެމްވީ
- ހޭންޑްމޭޑް ޖުވެލަރީ ސެޓް ބައި ފަހޫ ކަލެކްޝަން
- ހޭންޑް މޭޑް އިއަރިންގްޒް ބައި އުމޭޒް އެމްވީ
- ކިޑްސް ބުކް ބަންޑަލް ބައި ޔުނިކްރާފްޓް އެމްވީ
މީގެ އިތުރުންވެސް މިއީ އަންހެނުންގެ ވިޔަފާރިތައް ކުރިއަރުވައި ތަރައްގީ ކޮށް އަންހެނުން ބާރުވެރިކުރުމަށް ފަހިވެގެންދާނެ އިތުރު ފުރުސަތެއް ކަމަށް އުރީދޫއިން ގަބޫލުކުރެއެވެ.