ފޭދޫ ފިނޮޅު ކައިރިން 2 ލޯންޗް ޖެހި ހިނގި އެކްސިޑެންޓެއްގައި މީހަކު މަރުވެއްޖެއެވެ. އޭނާ މަރުވީ އެކްސިޑެންޓާ ގުޅިގެން އޭޑީކޭއަށް ގެނެސް ފަރުވާ ދެމުން ދަނިކޮށެވެ.
ފުލުހުން ބުނީ، ފޭދޫ ފިނޮޅު ކައިރިން ދެ ލޯންޗު ޖެހި އެކްސިޑެންޓުވެގެން ރިޕޯޓް ކުރީ 4:40 ކަމަށެވެ.
މި އެކްސިޑެންޓުގައި މަރުވީ ކުޑަރިކިލު، އޯޝަންވިލާ، އުމުރުން 52 އަހަރުގެ ސައުދުﷲ އަހްމަދު ކަމަށް "ދަ ޕްރެސް" އަށް ވަނީ އެނގިފައެވެ. ސައުދު އަކީ ސާސް-އީ ކޮންސްޓްރަކްޝަން ކުންފުނީގެ ވެރިޔާއެވެ. މީހުންނާ ގުޅޭ އަދި ހިތްހެޔޮ ސައުދު އަކީ ރާއްޖޭގައި ވަރަށް ފުޅާދާއިރާއެއްގައި ކޮންސްޓްރަކްޝަން މަސައްކަތް ކުރި ފަރާތެކެވެ. ސަރުކާރުގެ ގިނަ ޕްރޮޖެކްޓް ތަކާއި ހައުސިން ޕްރޮޖެކްޓެއްވެސް އޭނާގެ ކުންފުނިން ކުރިއަށް ގެންދެއެވެ.
ސައުދު އިން ލޯންޗް އެކްސިޑެންޓް ވި އިރު އޭގައި އެވަގުތު ތިބީ އޭނާގެ އިތުރުން ދެ ކްރޫ މެމްބަރުންން ކަމާއި ލޯންޗު ދަތުރު ކުރަމުން ދިޔައީ ގުޅީފަޅުން ހުޅުމާލެއަށް ކަން "ދަ ޕްރެސް" އަށް އެނގިފައި ވެއެވެ.
ނަމަވެސް ފުލުހުން މީޑިއާ އަށް ހާމަކުރި މައުލޫމަތުގައި ބުނީ ނިޔާވެފައި ވަނީ އުމުރުން 53 އަހަރުގެ މީހެއް ކަމަށެވެ.
އެކްސިޑެންޓާ ގުޅިގެން ބަލަން ޖެހޭ ކަންކަން ފުލުހުން ބަލަމުން އަންނަ ކަމަށް ބުނެފައި ވާ އިރު ދެ ލޯންޗަށް ލިބުނު ގެއްލުމާއި ދެ ލޯންޗްގައި ތިބި މީހުންގެ އަދަދު އަދި އެ މީހުންގެ ހާލަތު ސާފެއް ނުވެއެވެ.