ޗާގޯސްއަކީ ރާއްޖޭގެ ބައެއްކަމަށް ކަނޑައެޅުމަށް ލިބުނު އެންމެ ފަހުގެ ފުރުސަތު ދޫކޮށްލީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ކަމަށް ފޮރިން މިިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

ޗާގޯސް އައިލެންޑްސް އާއި ރާއްޖެއާ ދެމެދު އިން ކަނޑައަޅަން މޮރިޝަސް އިން އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީސް (އިޓްލޮސް) އަށް ހުށަހެޅި މައްސަލައިގައި ރާއްޖެއަށް ބޮޑުބައި ލިބޭ ގޮތަށް ހުކުމް ކޮށްފައި ވާއިރު، މިކަމާ ދެކޮޅަށް ގިނަ ބަޔަކު ވަނީ ފާޑުކިޔާފައެވެ. [މީގައި ބޮޑުބައި ކަމަށް ފާހަގަ ކޮށްފައި އެވަނީ މީގެ ކުރިން ބަހާފައި ނުވާ އިމެއް ނުވަތަ ނެތް އިމެއް ބެހި އިރު މޮރިޝަސް އަށް ވުރެ ރާއްޖެއަށް ލިބުނު ބައި ތަންކޮޅެއް ބޮޑުވީމަ] އެވެ.

އިއްޔެ އިޓްލޮސްގައި ނިމި ދިޔަ މައްސަލައަކީ މޮރިޝަސް އަށް ޗާގޯސް ލިބުނު ފަހުން ޗާގޯސް އިން 200 މޭލު އަދި ރާއްޖެއިން 200 މޭލު ކުރަހައިފި ނަމަ އެ ދެމެދު ފުށޫ އަރާ އީއީޒެޑް ދެބަޔަށް އެއްވަރުވާނޭ ހަމައަކުން ބެހުމުގެ މައްސަލައެވެ. އެ މައްސަލަ ނިމިގެން ދިޔަ ގޮތުން ރާއްޖެއަށް ވަނީ 47،232 އަކަ ކިލޯމީޓަރު، އަދި މޮރިޝަސް އަށް 45،331 އަކަ ކިލޯމީޓަރު ލިބިފައެވެ. އެއީ ރާއްޖެއަށް 135 ނޯޓިކަލް މޭލެވެ.

މި ފާޑުކިޔުންތަކަށް ރައްދު ދެއްވަމުން ޝާހިދު ވިދާޅުވީ ރާއްޖެއިން އެއްވެސް އިރެއްގައި ޗާގޯސްގެ މައްޗަށް ސިޔާދަތީ ބާރު ކަނޑައަޅާފައި ނުވާކަމަށެވެ. ޗާގޯސްއަކީ ރާއްޖޭގެ ބައެއްކަމަށް އެއްވެސް ގާނޫނު އަސާސީއެއްގައި ބުނެފައި ނުވާކަން ފާހަގަކުރައްވައި ޝާހިދު ވިދާޅުވީ މީގެކުރިން ވެރިކަން ކުރެއްވި އެއްވެސް ރައީސެއްގެ ޒައާމަތުގައިވެސް ޗާގޯސްއަކީ ރާއްޖޭގެ ބައެއްކަމަށް ނުވަތަ ޗާގޯސް ހޯދުމަށް ވެސް ވާހަކަ ދެކެވިފައި ނުވާކަމަށެވެ.

މީގެ އިތުރުން ޝާހިދު ވިދާޅުވީ އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސްގައި ޗާގޯސްގެ މިލްކުވެރިކަމާ ގުޅޭ މައްސަލަ ހިނގަމުން ދިޔައިރު ރާއްޖެއިން އެ މައްސަލައިގެ ތެރެއަށް ވަދެފައިވެސް ނުވާކަމަށެވެ. ލިޔެކިޔުންތަކަށް ބަލާއިރު އެއީ ބައިނަލްއަގްވާމީ ކޯޓެއްގައި ޗާކޯސް އަކީ ރާއްޖޭގެ ތަނެއްކަން ބުނެ އަޑުއުފުލުމަށް ލިބުނި އެންމެފަހުގެ ފުރުސަތުކަމަށް ޝާހިދު ވިދާޅުވިއެވެ. އެހެންނަމަވެސް ރައީސް ޔާމީންގެ ސަރުކާރުގައި އެ ފުރުސަތުގެ ބޭނުން ކޮށްފައި ނުވާ ކަމަށްވެސް ޝާހިދު ވަނީ ވިދާޅުވެފައެވެ.

އިތުރަށް ޝާހިދު ވިދާޅުވީ ކަނޑުގެ އިން ވަކިކުރުމާ ގުޅޭގޮތުން ނިންމި ނިންމުން ބަލައިނުގަތުމަށް ބައެއް ފަރާތްތަކުން ގޮވާލަމުން ދިޔަ ނަމަވެސް އެ ނިންމުމާ ދެކޮޅު ހަދާ ވާހަކަދެއްކެވުމަކީ ބައިނަލްއަގްވާމީ އުސޫލު ތަންދޭ ކަމެއް ނޫންކަމަށެވެ.