މިދިޔަ ރޯދަ މަހުގެ ތެރޭގައި ނ. މަނަދޫގައި މަރާލާފައި އޮއްވާ ފެނުނު ނައީމާ މޫސާގެ މަރުގެ މައްސަލައިގައި ގާތީލް ހޯދަން އެރަށުގެ ގިނަ ބައެއްގެ ފިންގާ ޕްރިންޓާއި ޑީއެންއޭ ސާމްޕަލް ނަގަން ފަށައިފިއެވެ.
އެ ރަށު ކައުންސިލްގެ ރައީސް އަބްދުއް ރަހުމާން ސޮބީހު 'ދަ ޕްރެސް' އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، ނައީމާގެ މަރުގެ މައްސަލައިގައި ފުލުހުން ހިންގާ ތަހުގީގު ތެރެއިން އެރަށުގެ ގިނަ ބައެއްގެ ފިންގާ ޕްރިންޓާއި ޑީއެންއޭ މިހާރު އަންނަނީ ނަގަމުން ކަމަށެވެ. މި މަސައްކަތް ފަށާފައި ވަނީ މިދިޔަ ހަފްތާ ތެރޭގައި ކަން ފާހަގަ ކުރައްވަމުން ސޮބީހު ވިދާޅުވީ، މި މަސައްކަތުގައި ރަށުގެ ރައްޔިތުން އެއްބާރުލުން ދިނުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.
އެކި އުމުރުފުރާތަކަށް ބަހާލައިގެން ފިންގަޕްރިންޓާއި ޑީއެންއޭ ސާމްޕަލް ނަގަމުން އަންނަ އިރު، މި ކަން ކުރަމުން ދަނީ އަދި އެއްވެސް މީހަކާ މެދު ތުހުމަތެއް އޮވެގެން ނޫން ކަމަށާއި ތަހުގީގުގެ ބޭނުމަށް ކަމަށް ރައްޔިތުންނަށް އަންގާފައި ވާނެ ކަމަށް ސޮބީހް ވިދާޅުވިއެވެ. މިހާތަނަސް ވެސް ރައްޔިތުންގެ ފަރާތުން މި ކަމުގައި ފުރިހަމަ އެއްބާރުލުން ލިބެމުންދާ ކަމަށް އޭނާ ފާހަގަ ކުރެއްވިއެވެ.
މަނަދޫގައި ގެއެއްގައި އެކަނި ދިރިއުޅެމުން ދިޔަ ނައީމާގެ ހަބަރެއް ނުވެގެން އޭނާގެ އާއިލާއިން ފުލުހުންނަށް ރިޕޯޓު ކުރީ މިމަހުގެ 7 ވަނަ ދުވަހު އިރުއޮށްސި 6:13 ހާއިރުއެވެ. ފުލުހުން އެ ގޭގެ ދޮރު ހަލާކު ކޮށްގެން ވަންއިރު އޭނާ އޮތީ ބިންމަތީގައި މަރާލާފައެވެ. "ދަ ޕްރެސް" އަށް އެނގިފައިވާ ގޮތުން ނައީމާގެ ހަށިގަނޑުގައި ޒަހަމް ހުރި އިރު ކަރުގައި ވަަޅިއަޅައި ބުރިކޮށްލަންވެސް މަސައްކަތް ކޮށްފައި ހުއްޓެވެ.
ނައީމާ މަރުގައި ތުހުމަތު ކުރެވޭ ކަންތައްތަކެއް ފާހަގަ ކުރެވިފައި ވާތީ މި މައްސަލައިގެ ތަހުގީގު ކުރިއަށް ގެންދަނީ ހޮމިސައިޑް އިންވެސްޓިގޭޝަނެއްގެ ގޮތުގައި ކަމަށް މީގެ ކުރިން ފުލުހުން ވަނީ ބުނެފައެވެ. ނަމަވެސް ޕޯސްޓްމޯޓަމް ހެދުމަކާ ނުލާ ނައީމާގެ ހަށިގަނޑު ވަނީ މިމަހުގެ 08 ވަނަ ދުވަހު ވަޅުލާފައެވެ. ނައީމާގެ ތިން ކުދިން ތިބޭއިރު ހުރިހާ ކުދިންވެސް ދިރިއުޅެމުން އަންނަނީ މާލޭގައި ކަމަށް މައުލޫމާތު ލިބެއެވެ.