އައްޑޫގެ ދެކުނުން ރާއްޖޭގެ އިކޮނޮމިކް ޒޯން، މޮރިޝަސްގެ ދަށުގައި އޮންނަ ޗާގޯސް އައިލެންޑްސްގެ ކަނޑުގެ ސަރަހައްދާ ފުށޫއަރާ ކަމަށް ބުނެ ކަނޑުގެ ގާނޫނާ ބެހޭ ބައިނަލްއަގުވާމީ ޓްރައިބިއުނަލަށް 2019 ވަނަ އަހަރު އެ ގައުމުން ހުށަހެޅި މައްސަލައިގެ އަޑުއެހުންތަކަށް މިއަދު ނިމުމެއް އަންނާނެއެވެ.
މޮރިޝަސްއާއި ރާއްޖެއާާ ދެމެދު ކަނޑުގެ ސަރަހައްދުގެ މައްސަލަ ކުރިމަތި ވީ ޗާގޯސް އާކިޕެލަގޯ އަކީ މޮރިޝަސްގެ ސިޔާދަތީ ބާރު ހިނގާ ތަނެއް ކަމަށް އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ) އިން އިން މީގެކުރިން ކަނޑައެޅުމުންނެވެ. އައިސީޖޭ އިން އޭރު އެގޮތަށް ނިންމީ ޗާގޯސް އަކީ މޮރިޝަސްގެ އިހްތިސާސް އޮތް ތަނެއްތޯ ބެލުމަށް ލަފައަކަށް އެ ގައުމުން ހުށަހެޅުމުން ސެޕްޓެމްބަރު 2019 ގައެވެ. އޭރުވެސް އަދި މިހާރުވެސް ޗާގޯސްގެ މައްޗަށް ބާރު ހިންގަނީ އިނގިރޭސިވިލާތުންނެވެ. އައިސީޖޭގެ 2019 ވަނަ އަހަރުގެ ނިންމުމުގައިވާ ގޮތުން ޗާގޯސް ރަށްތަކުގެ މައްޗަށް އިނގިރޭސިވިލާތުން ބާރު ހިންގުމަކީ ގާނޫނާ ހިލާފަށް ކުރާ ކަމެކެވެ.
އިޓްލޮސް އިން މިދިޔަ އަހަރުވެސް ނިންމީ ޗާގޯސްގެ މައްޗަށް އިނގިރޭސިވިލާތުން ބާރު ހިންގަނީ ގާނޫނާ ހިލާފަށް ކަމަށެވެ. އިޓްލޮސްގައި މިހާރު ހިނގަމުންދާ ދިވެހިރާއްޖެއާއި މޮރިޝަސްގެ ކަނޑުގެ ސަރަހައްދާ މެދު ދެ ގައުމުގެ ދެމެދުގައި ހިޔާލުތަފާތުވާ ކަނޑުގެ ސަރަހައްދުގެ ބޮޑުމިނުމުގައި 95،000 އަކަ ކިލޯމީޓަރުގެ ސަރަހައްދެއް ހިމެނެއެވެ. ޗާގޯސްގެ ރަށްތަކުގައި ހިމެނޭ އެންމެ ބޮޑު ރަށް، ޑިއެގޯ ގާސިއާ އިނގިރޭސީންގެ އަތުން ކުއްޔަށް ނަގައިގެން އެމެރިކާ އިން ގެންދަނީ އެ ރަށުގައި އަސްކަރީ މަރުކަޒެއް ހިންގަމުންނެވެ.
ޗާގޯސް މައްސަލައިގައި ރާއްޖެއިން މިހާތަނަށް ކަންތައް ކޮށްފައިވާ ގޮތް
ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގައި އިނގިރޭސި ވިލާތާ އެކު 1992 ވަނަ އަހަރު މަޝްވަރާކުރިއެވެ. ފެންނަން ހުރި ލިޔެކިޔުންތަކުން އެނގޭ ގޮތުގައި މަޝްވަރާ ކުރީ ލަންކާ އާއި އިންޑިއާއާ އެކު ވެސް އެއްބަސްވި ގޮތަށް އިކުއި ޑިސްޓެންސް އުސޫލުން އިން ވަކިކުރާށެވެ. ނަމަވެސް މިކަމާ ގުޅޭގޮތުން ރަސްމީ އެއްބަސްވުމެއް އެކުލަވާލާފައެއް ނުވެއެވެ. އޭގެފަހުން އަންކްލޮސް ގައި ރާއްޖޭން ސޮއިކުރީ މި މައްސަލަ މިގޮތައް އޮވެ ދިގުދެމިގެން ދިޔަތާ އެތައް ދުވަހެއް ފަހުންނެވެ.
2008 ވަނަ އަހަރު ވެރިކަމަށް ވަޑައިގެން، ކުރީގެ ރައީސް މުހައްމަދު ނަޝީދު، ސަރަހައްދުގެ ގައުމުތަކާ ގުޅުން ބަދަހިކުރެއްވުމުގެ މަގްސަދުގައި މޮރިޝަސްއަށް ވަޑައިގަތެވެ. އަދި 2011 ވަނަ އަހަރު އަނެއްކާވެސް މޮރިޝަސްގެ ސަރުކާރުގެ ދައުވަތަކަށް މޮރިޝަސްއަށް ވަޑައިގަންނަވާ ދެ ގައުމުގެ އެކްސްޓެންޑެޑް ކޮންޓިނެންޓަލް ޝެލްފާއި ހާއްސަ އިގްތިސާދީ ސަރަހައްދު ހިމާޔަތް ކުރުމަށް ގުޅިގެން މަސައްކަތް ކުރެއްވުމަށް ވަނީ ނިންމަވާފައެވެ. މި ދަތުރުފުޅަށް ފަހު ނެރުނު ގުޅިފައިވާ ބަޔާނުގައި ފޯޅަވަހީގެ ސަރަހައްދުގައި އިނގިރޭސިވިލާތުން މެރިން ޕްރޮޓެކްޓެޑް އޭރިއާއެއް ކަނޑައަޅަން އުޅޭތީ އެކަމަށް ދެ ގައުމުން ދެކޮޅު ހަދާ ކަމަށް ވަނީ ބުނެފައެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގެ ތެރޭގައި 2017 ވަނަ އަހަރު މޮރިޝަސް އިން ވަނީ ޗާގޯސް އަކީ އެ ގައުމުގެ ތަނެއް ކަމަށް ކަނޑައެޅުމަށް އެދި އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ) ގެ އިސްތިޝާރީ ލަފަޔަކަށް އެދިފައެވެ. ނަމަވެސް އެކަމުގައި އައިސީޖޭ އިން މޮރިޝަސްއާ އެއްކޮޅަށް 2019 ވަނަ އަހަރު ނެރުނު ލަފަޔާ ދެކޮޅަށް އދ. ގެ އާންމު މަޖިލީހުގައި ރާއްޖެއިން ވޯޓު ދިނެވެ.
ޗާގޯސް އަކީ މޮރިޝަސްގެ ބައެއް ކަމަށް ރާއްޖޭގެ ކުރީގެ އެއްވެސް ސަރުކާރަކުން ގަބޫލު ކޮށްފައެއް ނުވެއެވެ. ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ސަރުކާރުން ވެސް ދާދިފަހަކާ ޖެހެންދެންވެސް ޗާގޯސް އަކީ މޮރިޝަސްގެ ބައެއް ކަމަކަށް ގަބޫލެއް ނުކުރެއެވެ. ނަމަވެސް ދިވެހިރާއްޖެ އަކީ ގައުމުތަކަށް ދޭންޖެހޭ އިސްތިއުމާރީ ބާރު ފުރިހަމައަށް ދިނުމަށް ތާއީދުކުރާ ގައުމެއް ކަމަށް ބުނެ ޗާގޯސް އަކީ މޮރިޝަސްގެ ބައެއް ކަމަށް ގަބޫލުކުރަން ދިވެހި ސަރުކާރުން ނިންމާފައިވާ ކަމަށް މިދިޔަ އަހަރުގެ ފަހުކޮޅު ބަންޑާރަނައިބް އިބްރާހީމް ރިފްއަތު ވަނީ ހާމަކުރައްވާފައެވެ. އަދި ޗާގޯސް އަކީ މޮރިޝަސްގެ ބައެއް ކަމަށް ގަބޫލުކުރައްވައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ވަނީ މޮރިޝަސް ސަރުކާރަށް ރަސްމީ ސިޓީފުޅެއް ވެސް ފޮނުއްވާފައެވެ.
ޗާގޯސްއާ ގުޅޭގޮތުން ދިވެހި ސަރުކާރުތަކުން ގެންގުޅެމުން އައި ސްޓޭންޑް މިސަރުކާރުން ބަދަލުކުރުމާ ގުޅިގެން ރާއްޖޭގެ ދެކުނުން ކަނޑުގެ ސަރަހައްދެއް ގެއްލިގެން ހިނގައިދާނެ ކަމަށް ބުނެ ރާއްޖޭގެ ވަރަށް ގިނަ ސިޔާސީ ޕާޓީތަކުންނާއި ސިޔާސީ ލީޑަރުން ގެންދަވަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. ނަމަވެސް ދިވެހި ސަރުކާރުން ބުނެފައި ވަނީ ޗާގޯސް އަކީ މޮރިޝަސްގެ ބައެއް ކަމަށް ގަބޫލުކުރުން ފިޔަވާ ދިވެހި ސަރުކާރުން މިމައްސަލައިގައި ގެންގުޅެމުން އައި ސިޔާސަތަކަށް އަދި ކުރާ އެއްވެސް ދައުވާ އަކަށް ބަދަލެއް ގެނެސްފައި ނުވާ ކަމަށެވެ.
ރާއްޖެއިން ވަކާލާތު ކުރަމުން އައި ގޮތް ބަދަލުކުރުމުން މޮރިޝަސްގެ ނޫސްތަކުން ރާއްޖެއަށް ތުހުމަތު
ޗާގޯސް އައިލޭންޑްސްގެ މައްސަލައިގައި ރާއްޖެއިން ވަކާލާތު ކުރަމުން އައި ގޮތް ކުއްލިއަކަށް މޮރިޝަސްއާ އެއްކޮޅަށް ދިވެހި ސަރުކާރުން ބަދަލުކުރުމާ އެކު އެ ނިންމުމުގައި ގޮތް ނޭނގޭ މުއާމަލާތްތަކެއް ހިނގައިފައި ވާކަމުގެ ތުހުމަތު މޮރިޝަސްގެ ނޫސްތަކުގައި ވަނީ ވާހަކަ ދައްކާފައެވެ.
މި މައްސަލައިގައި ތުހުމަތު ކުރެވެނީ 500 މިލިއަން އެމެރިކާ ޑޮލަރުގެ ސިއްރު އެއްބަސްވުންތަކެއް ވެފައިވާކަމަށްކަން ވެސް އެ ނޫހުގައި ރިޕޯޓުކޮށްފައި ވެއެވެ.
ނަމަވެސް ޗާގޯސްގެ ރަށްތަކުގެ މައްޗަށް އޮންނާނީ މޮރިޝަސްގެ ސިޔާދަތުކަމަށް ގަބޫލު ކުރާކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ނިންމެވި ނިންމެވުން ދިފާއުކޮށް، ދިވެހިރާއްޖެއިން އެމެރިކާއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު އަބްދުލް ޣަފޫރު މުހައްމަދުގެ ދަރިފުޅު މިމްރަހް ޣަފޫރު ބޭރުގެ ނޫހެއްގައި ވަނީ ލިޔުމެއް އާންމު ކޮށްފައެވެ. "ދަ ޑިޕްލޮމެޓް" ނަމަކަށް ކިޔާ ނޫހެއްގައި މިމްރަހް ލިޔެފައިވާ ގޮތުގައި މޮރިޝަސްއާއި ދިވެހިރާއްޖެއާ ގުޅުން ބަދަހިކުރުމަށް ޗާގޯސްގެ ރަށްތަކުގެ ސިޔާދަތު އޮންނާނީ މޮރިޝަސްއަށް ކަމަށް ރާއްޖެއިން ގަބޫލު ކުރަންޖެހެއެވެ. އަދި އެ ގައުމާ މިހާތަނަށް ގުޅުން ހީނަރުވެފައި އޮތީ މި މައްސަލައާ ގުޅިގެން ކަމަށާއި އިންޑިއަން އޯޝަން ރިމް އެސޯސިއޭޝަނާ ދިވެހިރާއްޖެ ގުޅެން ކުރި މަސައްކަތަށް ހުރަސްއެޅީވެސް މޮރިޝަސްއިން ކަމަށް ބުނެފައި ވެއެވެ.
ދިވެހިރާއްޖޭގެ ހާއްސަ އިގުތިސާދީ ސަރަހައްދުގައި ހިމެނޭ ކަނޑުގެ ސަރަހައްދަކީ ދެކުނުގެ މަސްވެރިން، ހާއްސަގޮތެއްގައި އައްޑުއަތޮޅުގެ މަސްވެރިންގެ މަސްވެރިކަމަށް ވަރަށް މުހިންމު ސަރަހައްދަކަށް ވުމާއެކު، އެ ސަރަހައްދު އެހެން ބަޔަކަށް ދޫކޮށްލުމަށް އެއްބަސް ވުމަކީ ދިވެހިރާއްޖޭގެ މަސްވެރިންނަށް ފޫނުބެއްދޭވަރުގެ ގެއްލުމަކަށް ވާނެކަމަށް ބައެއް ފަރާތްތަކުން ބުނެއެވެ. ހިލާފު އުފެދިގެންދާ ސަރަހައްދަށް ބަލާއިރު އެއީ މަސްވެރިކަން ތިޔާގި ސަރަހައްދަކަށް ވުމާއި، ދިވެހިރާއްޖެއިން އެކްސްޕޯޓްކުރާ ބާވަތްތަކުގެ ނިސްބަތަށް ބަލާއިރު 92 ޕަސެންޓް ހިއްސާ ކުރަނީ މަހުގެ ބާވަތްތައް ކަމަށް ވާތީ، އެސަރަހައްދުން ބައެއް ދިވެހިރާއްޖޭގެ ހިޔާޒަތުން ދޫވުމަކީ ރާއްޖޭގެ އިގުތިސާދަށާއި މަސްލަހަތަށް ނޭދެވޭ އަސަރުކުރާނެ ކަމެކެވެ.
ހަގީގަތް ކޮންމެ ގޮތަކަށް އޮތަސް ޗާގޯސް، މޮރިޝަސްގެ ދަށަށް ދިޔުމަށް ރާއްޖެއިން ވޯޓު ދީފައި ވުމާއެކު އިން ވަކިކުރުމުގައި ދެގައުމުގެ އެސްއީޒެޑް ފުށޫ އަރާ ސަރައްދު މިއަދު ކަނޑައެޅިގެން ދާނެއެވެ.