ބައިނަލްއަގުވާމީ ކުންފުނިތަކުން މުދާ ހޯދުމަށް ވަގު ޓެލެގްރަފިކް ޓްރާންސްފާ (ޓީޓީ) ބޭނުން ކުރި މައްސަލަައިގައި އުމުރުން 37 އަހަރުގެ ހުސެއިން ޝިފާއުގެ މައްޗަށް 23 ދައުވާއެއް އުފުލާފައިވާ ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް އޮފީސް (ޕީޖީ) އިން ބުނެފިއެވެ.

ޕީޖީން ބުނީ، ހުސައިން ޝިފާއު އާއި އިތުރު މީހަކާ ބައިވެރިވެގެން މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގައި ރަޖިސްޓްރީ ކޮށްފައިވާ އަމިއްލަ ފަރުދުންގެ ވިޔަފާރިއެއް ކަމުގައިވާ "ކިންގްޑަމް އޮފް ފުރުޓްސް" މެދުވެރިކޮށް ރާއްޖެއިން ބޭރުގެ ކުންފުނިތަކުގެ މުދާ ރާއްޖެ އެތެރެކޮށް އެ މުދަލަށް ބޭރު ކުންފުނިތަކަށް ދައްކަން ޖެހޭ ފައިސާ ދެއްކުމުގައި މަކަރާއި ހީލަތް ހަދާފައިވާ މައްސަލައިގައި ޝިފާއުގެ މައްޗަށް 23 ދައުވާއެއް ކުރުމަށް އެދި މިއަދު ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާ ކަމަށެވެ.

ޝިފާއުގެ މައްޗަށް ކުރާ ދައުވާތަކުގެ ތެރޭގައި، ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތުގެ 310 ވަނަ މާއްދާގެ ދަށުން، އެނގިހުރެ ސައްހަ ނޫން ލިޔުމެއް ދިނުމުގެ ކުށުގެ 09 ދައުވާއަކާއި، ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތުގެ 212 ވަނަ މާއްދާގެ ދަށުން، މަކަރާއި ހީލަތް ހެދުމުގެ ކުށުގެ 07 ދައުވާއަކާއި މަނީ ލޯންޑްރިން އަދި ޓެރަރިޒަމަށް ފައިނޭންސް ކުރުން ހުއްޓުވުމުގެ ގާނޫނު 53 ވަނަ މާއްދާގެ ދަށުން، މަނީ ލޯންޑްރިންގެ ކުށުގެ 07 ދައުވާއެއް ހިމެނެއެވެ. މި ދައުވާތައް ސާބިތުވެއްޖެ ނަމަ މަދުވެގެން 38 އަހަރުގެ ޖަލު ހުކުމެއް އަންނާނެ ކަމަށް ޕީޖީޏް ބުނެއެވެ.

މި ކުށުގެ އަމަލު ޝިފާއު ހިންގާފައި ވަނީ ރާއްޖެއިން ބޭރުގެ އެކި ކުންފުނިތަކުން އޭނާ ގަނެފައިވާ ތަކެއްޗަށް ފައިސާ ދިން ކަމަށް ދެއްކުމުގެ ގޮތުން ސައްހަ ނޫން ލިޔުން އުފައްދައި ހުށަހަޅައިގެންނެވެ. މި މައްސަލައިގައި ހިމެނޭ ފައިސާގެ އަދަދަކީ 123،844.54 ޑޮލަރެވެ. ދިވެހި ރުފިޔާއިން ނަމަ އެއީ 1،909،682 ރުފިޔާއެވެ. ޕީޖީން ބުނީ މި ފައިސާ ދައުލަތަށް ނަގައި ދިނުމަށް އެދި ހުށަހަޅާފައި ވާނެ ކަމަށެވެ.