ދާދި ފަހުން މުޅި ރާއްޖެ ވެސް ސިއްސުވާލި ވާހަކައަކީ، ނ.މަނަދޫ / އަންނާރުމާގެ ނައީމާ މޫސާ (62އ) އަނިޔާވެރި ގޮތަކަށް ރޯދަމަސް ތެރޭގައު މަރާލާފައި އޮއްވާ ފެނުނު ވާހަކައެވެ.

އެކަނިމާ އެކަަނި ދިރިއުޅެމުން އައި ނައީމާ، އަމިއްލަ ގޭގެ ކޮޓަރިތެރޭގައި މަރުވެފައި އޮތް އޮތުމާ މެދު ސުވާލު އުފެދޭ އެތައް ކަމެއް ހުރި އިރު އެއްވެސް އިދާރާއަކުން ރަސްމީ ގޮތެއްގައި މިހާތަނަށް އެއްޗެއް ބުނެފައެއް ނުވެއެވެ. މި އަނިޔާވެރި މަރު ހިނގިފަހުން ދެ ހަފްތާއާ ގާތް ކުރާއިރު، ރަށު ތެރޭގައި ވެސް އެކި ގޮތްގޮތަށް ވާހަކަ ދެކެވެއެވެ. މިހާރު އަންނަނީ އާ ވާހަކަތަކެއް ރަށު ތެރޭގައި ފެންމަތިވަމުންނެވެ.

މަނަދޫ ރަށުގެ ރައްޔިތުން ސިއްސުވާލި، ނައީމާގެ މަރަކީ އެ ރަށުގައި މިހާތަނަށް ހިންގި އެންމެ ބޮޑު ޖަރީމާ ކަމަށް ފާހަގަ ކުރަމުން ނަން ނުޖަހަން ޝަރުތު ކޮށް އެ ރަށުން ވާހަކަ ދެއްކި މީހަކު "ދަ ޕްރެސް" އަށް ކިޔާދިން ގޮތުގައި، މީގެ ކުރިންވެސް އެ ރަށަކީ ވައްކަމާއި މަސްތުވާތަކެތީގެ މައްސަލަ ކޮންމެވެސް ވަރަކަށް އޮތް ރަށެއް ނަމަވެސް މިހާރު އެކަން ވެސް ފުޅާ ދާއިރާއެއްގައި ކުރަމުންގޮސް ޒުވާން ޖީލު ހަލާކުގެ މަގަށް ވަނީ އެޅިފައެވެ.

އެގޮތުން ނައީމާގެ ގާތިލުކަމަށް ރަށުތެރޭގައި ތުހުމަތު ކުރަމުން އަންނަ މީހާ އަކީ މީގެ ކުރިން ކައުންސިލް އިދާރާގެ ރަނގަޅު ވަޒީފާއެއްގައި އުޅުނު ރަށުގެ މީހުންގެ ގަދަރު ލިބިފައިވީ މީހެއް ނަމަވެސް އޭނާ އަކީ މިހާރު މަސްތުވާތަކެތީގެ ދަލުގައި ޖެހި އެކި ކުށްތަކަށް އަރައިގަންނަމުންދާ މީހެއް ކަމަށް ވެއެވެ. ރަށުގައި މިހާރު އެވާހަކަ ވަރަށް ގަދައަށް ދެކެވޭ ކަމަށާއި އޭނާގެ އަމަލުތައް ހުރި ގޮތުން ޔަގީނާ ގާތަށް އެކަން ކަށަވަރުވާ ކަމަށް ބައެއް މީހުން ބުނާ ކަމަށް މައުލޫމާތު ދިން މަސްދަރުން ބުނެއެވެ. އަދި މިކަމުގައި ގާތިލުގެ އިތުރުން ދެ މީހުންގެ ބައިވެރިވުން ވާ ކަމަށް ރަށުގެ މީހުން ތުހުމަތު ކުރަމުން ދާއިރު އެކަން ކުރި ސަބަބެއްގެ ގޮތުގައި ވަނީ ސިހުރުގެ ކަމެއް ކަމަށް ވެސް ކިޔައެވެ.

ގާތިލު، ނައީމާ މަރާލުމުގެ ކުރިން އޭނާ އާއިލާ އާއެކު މާލެ ދިޔަ ކަމަށާއި އަދި ސިހުރު ހަދާ މީހަކާ ބައްދަލުކޮށް ގާތިލުގެ އާއިލާއަށް ސިހުރު ހަދާ މީހަކީ ނައީމާ ކަމަށް ސިހުރު ވެރިޔާ ބުނިބުނުން ގަބޫލުކޮށް، ނައީމާ މަރާލަން ޖެހޭ ކަމަށް އެ ރަށު މީހުން ކައިރީ ބުނެ ގާތިލު ވާހަކަ ދައްކާފައި ވާ ކަމަށް ވެސް ރަށުތެރޭގައި ކިޔައެވެ. އަދި ނައީމާގެ ހަށިގަނޑު ފެނުނު ދުވަހު ގާތިލު، ނައީމާ އުޅުނު ގޭގެ ކައިރިއަށް ދިޔަ ކަމަށްވެސް ވެއެވެ. އަދި ހިނަވާ ގެއަށް ދިޔަ ނަމަވެސް ކަށު ނަމާދަށް ނުދާ ކަމަށާއި އޭނާ އުޅެނީ ސިފައަށް ވެސް ބަދަލު ތަކެއް ގެނެސްގެން ކަމަށް ވެސް ރަށުތެރޭގެ ވާހަކަ ތަކާ ހަވާލާދީ މި ނޫހަށް ކިޔައިދިނެވެ.

މިއީ ދުރާލާ ރާވައިގެން ހިންގި ޖަރީމާއެއްކަން ފާހަގަކޮށް މައުލޫމާތު ދިން ފަރާތުން ބުނީ، މީގެ ކުރިންވެސް ރަށު ތެރޭގައި ނައީމާ އަކީ ސިހުރު ހަދާ މީހެއް ކަމަށް އަޑުފެތުރިފައިވާ ކަމަށެވެ. ނަމަވެސް އެއްވެސް ފަރާތަކުން އެކަން ސާބިތުކޮށްދީފައި ނުވާ ކަމަށާއި މި ހުރިހާ ކަމަކީ ވެސް ތުންތުން މަތިން ދެކެވެމުން އަންނަ ވާހަކަ ތަކެއްކަން އޭނާ ބުނެއެވެ.

ރަށުގައި މިނިވަން ކަމާއެކީ ޝައްކުވާ ގާތިލު އުޅެމުން ދާތީ ރަށުގެ ރައްޔިތުން ތިބީ ބިރުވެރިކަމެއްގެ ތެރޭގައެވެ. އެކަމުގެ އޭނާއާ ބައިވެރިވި ކަމަށް ބުނާ ދެ މީހުންނަކީ ވެސް އޭނާގެ ގާތް ރައްޓެހިން ކަމަށް ވާއިރު އެމީހުންނާ މެދު ވެސް ވަކި ފިޔަވަޅެއް އަދި އަޅާފައި ނުވެއެވެ. ރަށު ކައުންސިލްގެ އިތުރުން ފުލުހުންގެ ފަރާތުންވެސް މިކަމަށް ބަހެއް ލިބިފައި ނުވާއިރު ރަށުގެ ރައްޔިތުން ތިބީ މި މަރުގެ ހަގީގަތް ދެނެގަތުމަށް ކެތް މަދުވެފައެވެ. އެންމެންގެ ވެސް އެދުމަކީ މަރުގެ ހަގީގަތް ހާމަވެ ނައީމާ އަށް އިންސާފު ލިބުމެވެ.