ވ. ކެޔޮދޫ މިސްކިތުގެ މައި ދޮރާށީގެ ބިއްލޫރިގަނޑު ތަޅާލައި ގުރުއާން މުސްހަފުތައް ވީދާލި މީހާ ޝަރީއަތް ނިމެންދެން ބަންދުކުރުމަށް ކެޔޮދޫ ކޯޓުން އަމުރުކޮށްފިއެވެ.
ފުލުހުން ބުނީ ހޯމަ ދުވަހުގެ ރޭ ކެޔޮދޫ މިސްކިތުގެ ބިއްލޫރިގަނޑު ތަޅާލި މައްސަލައާ ގުޅިގެން އުމުރުން 27 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރު ކޮށްފައި ވާކަމަށެވެ.
މީގެކުރިންވެސް ކެޔޮދޫ މިސްކިތުގައި ހުންނަ ހަތިމުތައް ވީދާލާ މައްސަލަވަނީ ފެންމަތިވެފައެވެ. މިގޮތުން ކެޔޮދޫ މިސްކިތުގައި ހުރި ހަތިމުތަކެއް ދެ ފަހަރެއްގެ މަތިން ވީދާލާފައިވާއިރު މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު ވެސް އެ ރަށު މިސްކިތުގައި އޮތް 10 ވަރަކަށް ހަތިމު ވީދާލާފައި ވެއެވެ. އަދި މިދިޔަ ހަފްތާގެ ހޮނިހިރު ދުވަހުގެ ރޭ އަނެއްކާ ވެސް އެ ރަށު މިސްކިތުގައި އޮތް 20 ވަރަކަށް ހަތިމު ވަނީ ވީދާލާފައެވެ.
މިސްކިތުގެ ހަތިމުތަކަށް ގެއްލުންދާ މައްސަލަ ފުލުހުން ބަލަމުން ދަނިކޮށް ހޯމަދުވަހުގެރޭ މިސްކިތް ކައިރީގައި ދިރިއުޅޭ ޒުވާނަކު ބޭރަށް ނިކުތް ވަގުތު ބާރު އަޑުފަށްގަނޑެއް އިވި އިތުރަށް ބެލި ބެލުމުން ބިއްލޫރިގަނޑު ތަޅާލާފައި މިސްކިތުން މީހަކު ނުކުތްތަން އޭނާ އަށް ފެނުމާއެކު ހުއްޓުވާ އިތުރު މީހުންނަށާއި ފުލުހުންނަށް ގުޅާ އޭނާ ވަނީ ފުލުހުންނާ ހަވާލުކޮށްފައެވެ.