ދަ މޯލްޑިވްސް ކޮރަލް އިންސްޓިޓިއުޓު (އެމްސީއައި) އިން އިސްނަގައިގެން ބާއްވާ 'ކޮރަލް ފެސްޓިވަލް 2023' އައްޑޫ ސިޓީގައި ބޭއްވުމަށް ނިންމައިފިއެވެ.

އެމްސީއައި އިން ބުނީ ތިން ދުވަހުގެ މުއްދަތައް ބަހާލަައިގެން ކުރިއަށް ގެންދާ މި ފެސްޓިވަލް އޮންނާނީ މި މަހުގެ 28 އިން 30ވަނަ ދުވަހުގެ ނިޔަލަށް ކަމަށެވެ. މި ފެސްޓިވަލްގެ ފުރަތަމަ ދެ ދުވަހުގެ ހަރަކާތްތައް އައްޑޫ ސީޓި ހިތަދޫގައި ހުންނަ މޯލްޑިވްސް ނޭޝަނަލް ޔުނިވަސިޓީގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާއިރު ފެސްޓިވަލްގެ 3 ވަނަ ދުވަހު ނޭޗާ ޕާކްއަށް ސްނޯކްލިންއަށް ދިއުމާއި ހުޅުމީދޫ ނޭޗާ ޕާކް ސަރަހައްދަށް ޒިޔާރަތް ކުރުމަށް ހަމަޖެހިފައި ވާކަމަށް އެމްސީއައި އިން ވަނީ ބުނެފައެވެ.

މި ފެސްޓިވަލާ ބެހޭ ގޮތުން އެމްސީއައި އިން ބުނީ ފެސްޓިވަލްގެ އެންމެ ބޮޑު މަގްސަދަކީ ރާއްޖޭގެ މުރަކައިގެ ދިރުންތަކުގެ މުހިންމުކަން ދެނެގަތުމާއި އަދި އެ ތަކެތި ރައްކާތެރިކުރުންކަމަށެވެ. އަދި ދިވެހިންގެ ހިތްތަކަށް މުރަކައިގެ މުހިންކަން އަންގައިދިނުމަކީވެސް މި ފެސްޓިވަލްގެ މަގްސަދެއްކަމަށް އެމްސީއައި އިން ވަނީ ބުނެފައެވެ.

މި ފެސްޓިވަލުގައި މުރަކައިގެ ތަޖުރިބާކަރުންނާއި، ކަމާ ގުޅުންހުރި ރާއްޖެގެ ޖަމިއްޔާތަކުގެ އިތުރުން ސިޔާސީ ލީޑަރުންނާ މެރިން އީކޯ ސިސްޓަމް އިން ބައިވެރިވާނެއެވެ. މި ފެސްޓިވަލްގައި މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ރާއްޖެގެ މުރަކައިގެ ބަގީޗާތައް ދެމެހެއްޓެނެވި ގޮތެއްގައި ރައްކާތެރިކުރެވޭނެ ގޮތާމެދު މަޝްވަރާތައްކުރުމަށް ވަނީ ހަމަޖެހިފައެވެ.

މީގެއިތުރުން އެމްސީއައި އިން ބުނީ މި ފެސްޓިވަލްގައި ގިނަ ސްޓޯލްތަކެއް ހުންނާނެކަމަށެވެ. މި ގޮތުން ކުޑަކުދިންނަށް ހާއްސަކޮށްގެން ކުރިއަށް ގެންދާ ކުޅިވަރު ސްޓޯލްތަކުގެ އިތުރުން ކާބޯތަކެތީގެ ސްޓޯލްއެއްވެސް ހުންނާއެވެ.