ވ. އަންބަރާ މައްސަލައިގައި ވަކި ގޮތެއް ނުނިންމާ ރަށުގެ ވެއްޓަށް ބަދަލު ގެންނާތީ ފެލިދެއަތޮޅު ކައުންސިލްގެ ރައީސް، ޝުޖާއު އަލީ ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.

ޝުޖާއު ކަންބޮޑުވުން ފާޅުކުރައްވައި ވިދާޅުވީ، އަމްބަރާ ތަރައްގީ ކުރުމުގެ މަޝްރޫއުގައި ތިމާވެށީގެ ގާނޫނާ ހިލާފަށް ކޮށްފައިވާ ކަންތައްތައް އަލުން ބެލުމަށް އެންވަޔަރަމަންޓް މިނިސްޓްރީއަށް ހުށަހަޅާފައިވީ ނަމަވެސް އެކަމަށް ގޮތެއް ނުނިންމާ މިހާރު ރަށުގެ ވެއްޓަށް ބަދަލު ގެންނަމުން ދާ ކަމަށެވެ.

"ރަށުގެ ވެއްޓަށް ބަދަލު ގެނައުމަށް މިހާރު ކުރަމުންދާ މަސައްކަތާ މެދު ކަންބޮޑުވުން ފާޅުކުރަން!" ޝުޖާއު ވިދާޅުވިއެވެ. މީގެ ކުރިން ޝުޖާއު ވަނީ މި މައްސަލަ އެންވަޔަރަމަންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އަށް ވެސް ހުށަހަޅާފައެވެ. ނަމަވެސް ތިމާވެއްޓަށް ގެއްލުންވާ ފަދަ އެއްވެސް އަމަލެއް ހިންގާފައި ނުވާ ކަމަށް އީޕީއޭ އިން ބުނެފައި ވެއެވެ. އަދި ރިސޯޓު ތަރައްގީ ކުރުމުގެ މަޝްރޫއު ކުރިއަށް ގެންދަނީ އެ އެޖެންސީގެ އެންވަޔަރަމަންޓް އިމްޕެކްޓް އެސެސްމަންޓް (އީއައިއޭ) އާ އެއްގޮތުގެ މަތިން ކަމަށް އެ އެޖެންސީ އިން ބުންޏެވެ.

ނަމަވެސް އީޕީއޭގެ ނިންމުމާމެދު ހިންހަމަ ނުޖެހި ޝުޖާއު ވަނީ މައްސަލަ އެންވާރަމެންޓް މިނިސްޓްރީއަށް ހުށަހަޅާފައެވެ. އަދި އެކަމާ ކަންބޮޑުވުން ފާޅުކޮށް ޝުޖާއު އޭރު ވިދާޅުވީ "ވެއްޓަށް ގެންލުން ވަނީ ދީފަ، އެކަމަކު ދީފައިވާ ގެއްލުމަށް ޑިވެލޮޕަރު ޒިންމާއެއް ނެތް. ތިޔަ ނިންމެވުން ރައްޔިތުން ރަނގަޅަށް ކޮސްކޮށްލައިފި!" ކަމަށެވެ.

މީގެ ކުރިންވެސް ވ އަތޮޅު ކައުންސިލުން ވަނީ އަމްބަރާ ރިސޯޓެއްގެ ގޮތުގައި ތަރައްގީ ކުރަން ނިންމި ނިންމުމާމެދު އަލުން ވިސްނުމަށް ސަރުކާރުގައި އެދިފައެވެ. އަދި އެންވަޔަރަންމަންޓް މިނިސްޓްރީ އާއި ޓޫރިޒަމް މިނިސްޓްރީގެ އިތުރުން ރައީސް އޮފީހަށްވެސް ކައުންސިލުން ސިޓީ ފޮނުވިއެވެ. ވ. އަމްބަރާ އަކީ 2016 ވަނަ އަހަރު ލީސް އުސޫލުން ރިސޯޓު ތަރައްގީ ކުރުމަށް ދޫކޮށްފައިވާ ރަށެެކެވެ.