ދިވެހި ދައުލަތަށް ގިނަ ހިދުމަތްތަކެއް މީގެ ކުރިން ކޮށްދެއްވާފައިވާ އާދަމް މޫސާ (ބުޗާގެ ދޮންމަނިކު) އަވަހާރަ ވެއްޖެއެވެ.

އުމުރުފުޅުން 92 އަހަރުގައި ދޮންމަނިކު އަވަހާރަވެފައި ވަނީ އޮސްޓްރޭލިއާގެ ބިސްބްރޭންގައި އޮސްޓްރޭލިއާ ގަޑިން ރޭ ދަންވަރު 4:45 ގައެވެ. ދައުލަތަށް 40 އަހަރުގެ ދިގު ހިދުމަތްތަކެއް ކޮށްދެއްވި ދޮންމަނިކު ގިނަ ބަޔަކަށް އެނގެނީ ކުރީގެ ހޯމް އެފެއާޒްގެ ދަށުން ހިންގި ފިލްމު ސެންސަރުބޯޑުގެ ޗެއާމަންގެ ގޮތުގައެވެ.

މީގެ އިތުރުންވެސް ދޮންމަނިކު ވަނީ ޕަބްލިކް މެއިންޓެނަންސް ޑިވިޝަންގެ ވަކީލްކަމާއި މަހްކަމަތުލް އަމަންއާންމުގެ ސެކްރެޓަރީކަމާއި ތަހުގީގު ކޮމިޓީގެ ސެކްރެޓަރީކަމާއި ވުޒާރަތުއް ދާހިލިއްޔާގެ ހާއްސަ ވަކީލުކަމާއި މެރިން ޑިވިޝަންގެ ވަކީލު ކަމުގެ އިތުރުން ރ. އަތޮޅުގެ އަތޮޅުވެރިކަން ވެސް ކުރައްވާފައި ވެއެވެ.

1998 ވަނަ އަހަރާ ޖެހެންދެކަ ދޮންމަނިކު ހުންނެވީ ސަރުކާރަށް ހިދުމަތް ކުރެއްވުމުގައެވެ. އަދި ފާއިތުވު 8 އަހަރުވެސް ދިރިއުޅުއްވަމުން ގެންދެވީ އޮސްޓްރޭލިއާގައެވެ. ބުއްޗާގެ ދޮންމަނިކު އަކީ ކުރީގެ ޔޫތް އެންޑް ސްޕޯޓްސް މިނިސްޓަރު އިރުތިޝާމް އާދަމްގެ ބައްޕައެވެ.

ދޮންމަނިކު އަވަހާރަވިކަން ހާމަ ކުރައްވާ އިރުތިޝާމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ، ބައްޕައަކީ އާއިލާ އަދި ދިވެހި ގައުމަށްޓަކައި އިހުލާސްތެރި ހިދުމަތްތަކެއް ކުރައްވާފައިވާ ބޭފުޅެއް ކަމަށާއި އަދި ބައްޕައަށް އަބަދުވެސް އެންމެ މުހިންމީ އާއިލާ ކަމަށް ދެކެވަޑައިގެން އާއިލާގެ އުފަލަށްޓަކައި ހުރިހާ ކަމެއް ވެސް ކުރެއްވި ބޭފުޅެއް ކަމަށެވެ.

ދޮންމަނިކު ކުރެއްވި ތިން ކައިވެންޏަކަށް 22 ދަރިން ލިބިވަޑައިގެންފައި ވެއެވެ. އަދި 24 ކާފަ ދަރިންނާއި 4 މުނިކާފަ ދަރިން ވަނީ ލިބިވަޑައިގެންފައެވެ.