އޭބީސީ އިން ގެނެސްދޭ "ދަ ގުޑް ޑޮކްޓާ"ގެ ހަތްވަނަ ސީޒަނެއް އަންނާނެކަން އިއުލާން ކޮށްފިއެވެ.

އާންމުންގެ މެދުގައި ބޮޑު މަޝްހޫރުކަމެއް ހޯދާފައިވާ މި ސީރީޒަކީ ޑޮކްޓަރުންތަކެއް އުޅޭ ސީރީޒެކެވެ. އޯޓިޒަމް ހުންނަ ޑޮކްޓަރެއް ކަމަށްވާ ޑރ ޝޯން މާފީގެ ހަޔާތުގެ މައްޗަށް ބިނާކޮށް އުފައްދާފައިވާ މި ސީރީޒަކީ އޯޓިޒަމް ހުންނަ މީހުންނަށް އާންމުންގެ ތެރޭގައި އުޅެން އުނދަގޫވެ އެ ކަންތައްތައް ހައްލުކުރެވޭނެ ގޮތްތައް ވެސް ފެނިގެންދާ ސީރީޒެކެވެ. ބަލި މީހުންނަށް ފަރުވާކުރުމަށް ހާއްސަ ހުނަރެއް ޑރ ޝޯން އަށް ލިބިފައިވާއިރު މި ސީޒަންގެ ހަތްވަނަ ބައި ގެނެސްދޭނީ ސީރީޒްގެ ހަވަނަ ބައި ނިންމާލި ހިސާބުންނެވެ.

ހަތްވަނަ ސީޒަން ގެނެސްދޭ ތާރީހު އިއުލާންކޮށްފައިނުވި ނަމަވެސް މި ސީޒަން މި އަހަރު ފަހުކޮޅު ނުވަތަ އަންނަ އަހަރު ކުރީކޮޅު ރިލީޒްކުރާނެއެވެ. ޖުމްލަ 22 އެޕިސޯޑު ހިމެނޭ ގޮތަށް މި ސީޒަން ގެނެސްދޭއިރު ސީރީޒްގެ މައިގަނޑު ތަރިންގެ ގޮތުގައި ފެނިގެންދާނީ ފްރެޑީ ހައިމޯ، ޕޭޖް ސްޕާރާ، ރިޗާޑް ޝިފް، ފިއޯނާ، ކްރިސްޓީނާ ޗޭންޖް، ވިލް ޔުން ލީ، ހިލް ހާޕާ އަދި ނޮއާ ގެލްވިންއެވެ.

"ދަ ގުޑް ޑޮކްޓާ" އަކީ ކްރިޓީކުންގެ ވެސް ބޮޑު ތަރުހީބެއް ލިބިފައިވާ ސީރީޒެކެވެ. އޭބީސީ އިން އެންމެ ގިނަ މީހުން ބެލި ސީރީޒަކީ ވެސް "ދަ ގުޑް ޑޮކްޓާ"އެވެ.