ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑަށް ފާތިމަތު ޝިރުވީން އައްޔަން ކުރައްވައިފިއެވެ.

ޝިރުވީން މި މަގާމަށް އައްޔަން ކުރައްވާފައި ވަނީ މިއަދުއެވެ.

ރައީސް ސޯލިހު މި މަގާމަށް ޝިރުވީން އައްޔަން ކުރެއްވީ ދައުލަތުގެ ވިޔަފާރި ތަންތަން ޕްރައިވަޓައިޒް ކުރުމާއި ކޯޕަރަޓައިޒް ކުރުމާއި އަދި މޮނިޓާކޮށް އިވެލުއޭޓް ކުރުމުގެ ގާނޫނުގެ 3 ވަނަ މާއްދާގެ ހ ގެ ދަށުން އުފައްދާފައިވާ އެ ބޯޑަށް އެ ގާނޫނުގެ 4 ވަނަ މާއްދާގެ ނ ގެ 4 ވަނަ ނަންބަރުގައި ބަޔާންކުރާ ގޮތުގެމަތިން ގާނޫނީ ދާއިރާއިންނެވެ.

ޝިރުވީން ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުގެ މެންބަރަކަށް އައްޔަން ކުރެއްވުމާ ހަމައަށް މަސައްކަތް ކުރައްވަމުން ގެންދެވީ ދިވެހިރާއްޖޭގެ އެޓާނީ ޖެނެރަލްގެ އޮފީހުގެ ސްޓޭޓް ކައުންސިލްގެ ގޮތުގައެވެ. މީގެއިތުރުން ޝިރުވީންއަކީ ފެމެލީ ލީގަލް ކްލިނިކްގެ އެގްޒެކެޓިވް ކޮމިޓީ މެންބަރެކެވެ.

ޝިރުވީން ވަނީ އިނގިރޭސިވިލާތުގެ ޔުނިވާސިޓީ އޮފް ކެމްބްރިޖުން މާސްޓާސް އޮފް ލޯ ހާސިލް ކުރައްވާފައެވެ.