ހައިތާރާއި ރަން ސްމަގްލް ކުރަން އުޅުމުގެ ތުހުމަތުގައި އުރުދުންގެ މަޖިލީހުގައި އޮންނަ ޕަލަސްތީން ކޮމިޓީގައި ހިމެނޭ މެންބަރު އިމާދު އަލް އަދްވާން އިޒްރޭލުން ހައްޔަރު ކޮށްފިއެވެ.
އުރުދުންގެ ހާރިޖީ އޮފީހުން ބުނީ، އިޒްރޭލުން އޭނާ ހައްޔަރު ކުރީ އުރުދުންގެ ކޯރުން ހުޅަނގު އައްސޭރިއާ ގުޅިފައި އޮންނަ މައި ބޯޑަރުން ކާރެއްގައި ދަތުރު ކުރަނިކޮށް ކަމަށެވެ. އަދި މި މައްސަލައިގައި އިޒްރޭލުގެ އިދާރާތަކާ ވާހަކަ ދައްކައިގެން މައްސަލައިގެ އަސްލު އިތުރަށް ސާފުކުރުމުގެ މަސައްކަތް ކުރަމުން ދާ ކަމަށް ވެސް ހާރިޖީ އޮފީހުން ވަނީ ބުނެފައެވެ.
އަލް އަދާނީ މިވަގުތު ހުރީ އިޒްރޭލުގެ ފުލުހުންގެ ބެލުމުގެ ދަށުގައި ކަމަށާއި އޭނާ އާ ސުވާލު ކުރަމުން ގެންދާ ކަމަށް ވެސް އުރުދުނުން ބުނެފައި ވެއެވެ.
މި ކަމާ ގުޅިގެން އިޒްރޭލުން ބުނެފައި ވަނީ، އުމުރުން 35 އަހަރުގެ އަލް އަދާނީ ހައްޔަރު ކުރީ ކިންގް ހުސައިން ބްރިޖުން ހުރަސް ކުރަނިކޮށް ކަމަށާއި އެމްޕީއެއްގެ އަތުގައި ހުންނަން ޖެހޭ ވަރަށް ވުރެ އިތުރަށް ހަތިޔާރާއި ރަން ހުރި ކަމަށެވެ.
މި މައްސަލައިގައި ވާހަކަ ދައްކަވަމުން އުރުދުންގެ މަޖިލީހުގެ ނުފޫޒު ގަދަ އެއް މެންބަރު އަދި އިޒްރޭލާ ދެކޮޅު މެންބަރު ހަލީލް އަތިޔާ ވިދާޅުވީ، އުރުދުންގެ ރައްޔިތުން ހައްޔަރު ކޮށްގެން އުރުދުންގެ ކަރާމާތަށް އަރައިގަތުމުގެ ފުރުސަތު ނުދެއްވާނެ ކަމަށާއި، އެ މައްސަލައިގައި އުރުދުންގެ ސަރުކާރުން އަވަސް ފިޔަވަޅުތަކެއް އަޅާ ހައްލު ހޯދަން ޖެހޭނެ ކަމަށެވެ.
މި އަތިޔާ އަކީ، އުރުދުން އިން އިޒްރޭލާއެކު ގާއިމު ކޮށްފައި އޮންނަ ސުލްހައިގެ މުއާހަދާ އުވާލުމަށް ފާޅުގައި އަޑުއުފުއްލަވާ އެއް މެންބަރެވެ. އުރުދުނާއި އިޒްރޭލަކީ ސަރަހައްދީ އިން ހިއްސާ ކުރާ ގައުމުތަކުގެ ތެރެއިން އެންމެ ޒަމާންވީ ގުޅުމެއް އޮންނަ ދެގައުމެވެ. ނަމަވެސް ފަލަސްތީނުގެ ދައުލަތް ގާއިމު ވުމާ ދެކޮޅަށް އިޒްރޭލުން ހިންގާ ހަރަކާތްތަކާ ގުޅިގެން ސިޔާސީ ގޮތުން ދެގައުމުގެ ދެމެދުގައި ކުނި ޖެހެމުން ދެއެވެ. ނުވަތަ ނުތަނަވަސްކަން އުފެދެމުން ދެއެވެ.