މީގެ ކުރިންވެސް ބައެއް ޑްރޯންތައް ވައްޓާލާފައި ވާ އިރު މިއަދު ވައްޓާލި ޑްރޯން އުފުލީ މަސްތުވާތަކެތީގެ ބާވަތެއް ކަމަށް ވާ ކްރިސްޓަލް މެތް އެވެ.
އުރުދުންގެ އަސްކަރިއްޔާއިން ބުނީ، ވައްޓާލެވުނު ޑްރޯންގެ ދަތްގަނޑުން އުފުލަމުން ދިޔަ މަސްތުވާތަކެތި ކަމާބެހޭ އިދާރާއާ މިޙާރު ހަވާލު ކޮށްފައި ވާ ކަމަށާއި، މައްސަލަ އިތުރަށް ތަހުގީގު ކުރަމުން ދާ ކަމަށެވެ.
ދޭތެރެ ދޭތެރެއިން އުރުދުންގެ ސަރަހައްދުގެ ތެރެއަށް މިގޮތަށް ވަންނަ ޑްރޯންތައް ވައްޓާލަމުން ގެންދިޔަ ނަމަވެސް، މިއީ ކްރިސްޓަލް މެތް އަތުލައިގަނެވުނު ފުރަތަމަ ފަހަރު ކަމަށް އޮފިޝަލުން ބުނެއެވެ. މީގެ ކުރީގެ ހާދިސާތަކުގައި އަތުލެވިފައި ހުރީ ހަތިޔާރުގެ އިތުރުން މަސްތުވާތަކެތީގެ އެކިބާވަތްތަކެވެ.
ހުޅަނގުގެ ބައެއް އިދާރާތަކުން ބުނާ ގޮތުގައި، އުދުރުން އަކީ، މަންޓި ބިލިއަން ޑޮލަރުގެ އަގު ކުރެވޭ މަސްތުވާތަކެތި އެކިއެކި ތަންތަނަށް ޓްރާންސިޓް ކުރުމަށް ސްމަގްލަރުން ބޭނުން ކުރާ މަގެކެވެ. އާންމު ގޮތެއްގައި އެ މަގުން ސްމަގްލް ކުރާ މަސްތުވާތަކެއްޗަކީ ސީރިއާގައި އުފައްދާ އެމްޕެތަމައިން ނުވަތަ ކެޕްޓަގަން ކަމަށް ވެސް ބުނެއެވެ.
މަސްތުވާތަކެއްޗާއި އެނޫންވެސް ސްމަގްލިން އާ ގުޅޭ ކަންކަން ހުއްޓުވުމަށް އުރުދުން އާއި ސީރިއާގެ އަސްކަރީ އޮފިޝަލުން ބައްދަލު ކޮށް މަޝްވަރާ ކުރަމުން ދިޔަ ނަމަވެސް، ސީރިއާގެ ވެރިން [ދިމިސްގުން] އެދެވޭ ފިޔަވަޅުތަކެއް ނާޅާ ކަމަށް އުރުދުންގެ އޮފިޝަލުން ވިދާޅުވެއެވެ.
މި ހާދިސާ އާ ގުޅިގެން ސީރިއާގެ އޮފިޝަލުން ރަސްމީކޮށް ވާހަކަ ދައްކާފައި ނުފިނަމަވެސް، އާންމުކޮށް ހިނގާ ސްމަގްލިންގެ މައްސަލައިގައި އެގައުމުގެ ރައީސް ބައްޝާރުލް އަސަދު ވިދާޅުވެފައި ވަނީ ޑްރަގް ޓްރެފިކިންގައި ސީރިއާގެ ދައުރެއް ނޯންނާނެ ކަމަށާއި މަސްތުވާތަކެއްޗާ ދެކޮޅަށް މަސައްކަތް ކުރުމުގައި އެގަމުންވެސް ގެންގުޅެނީ އަރަބި އެެހެން ގައުމުުތަކުގައި ވެސް ގެންގުޅޭ ސިޔާސަތު ކަމަށެވެ.
ސީރިއާ އަކީ ހަނގުރާމަވެރި ސަރަހައްދަކަށް ވާ އިރު، އެތާނގައި އެކިއެކި ގަބީލާތަކާއި އެކިއެކި ގައުމުތަކަސް ނިސްބަތްވާ ގިނަ އަދަދެއްގެ ހަނގުރާމަވެރިންގެ ގްރޫޕުތައް މިހާރުވެސް ހަރަކާތްތެރިވަމުން ދެއެވެ. އަދި ސީރިއާގެ ބައެއް ސަރަހައްދުތަކަކީ، ބައްޝާރުގެ ސަރުކާރުގެ ކޮންޓްރޯލް ހިނގާ ސަރަހައްދުތަކެއް ނޫނެވެ.
ސީރިއާ ހަނގުރާމައާ ހެދި އެގަމު އަރަބި ލީގުން ވަކިކޮށްފައި އޮންނަތާ 12 އަހަރަށް ފަހު އަލުން އެ ލީގަށް ވެއްދި އެއް ސަބަބުގެ ތެރޭގައި މަސްތުވާތަކެއްޗާ ދެކޮޅަށް މަސައްކަތް ކުރާނެ ކަމަށް ބުނުން ހިމެނެއެވެ.
އުދުރުންގެ އޮފިޝަލުން ބުނީ، ހުސްވި ޖޫން މަހުން ފެށިގެން މިހާތަނަށް ބޯޑަރު ހުރަސް ކުރި 3 ޑްރޯނެއް ވައްޓާލާފައި ވާ ކަމަށާއި އޭގެ ތެރެއިން އެއް ޑްރޯންގައި އުފުލީ ހަތިޔާރު ކަމަށް ބުނެފައެވެ.