އަރަބިންގެ ތެރޭގައި އަދި އިސްލާމީ ދުނިޔޭގައި އެންމެ އިހުތިރާމް ލިބިގެންވާ ދަރިފަސްކޮޅު، ގުރައިޝް ވަންހައިން އައި ހާޝިމްގެ ދަރިކޮޅު ނުވަތަ ވަންހައަށް ނިސްބަތްވާ އުރުދުންގެ ރަސްގެފާނު އަބްދުﷲ 2 ގެ އެންމެ ދޮށީ ދަރިކަލުން ޕްރިންސް އަލް ހުސައިން ބިން އަބްދުﷲ ގެ ކައިވެނިފުޅު މާދަމާ އޮންނާނެއެވެ.
ކުލަގަދަ ރަސްމިއްޔާތަކާ އެކު މި ކައިވެނިފުޅު އޮންނާނީ އުދުރުންގައި ކައިވެނި ހަފްލާތައް ބޭއްވުމަށް ހާއްސަ ގަނޑުވަރުގައެވެ.
އުރުދުންގެ މިހާރުގެ ރަސްގެފާނު އަބްދުﷲ 2 ބިން ހުސައިން އާއި ކްއީން ރާނިއާ ކައިވެނި ބައްލަވައިގަނެގެން ލިބިވަޑައިގެންނެވި ހުސައިން (28އ) ކައިވެނި ބައްލަވައިގަންނަވަނީ ސައުދީގެ އާކިޓެކްޗަރެއް ކަމަށް ވާ ރަޖްވާ އަލްސީފް (29އ) އާއެވެ. އެއީ ސައުދީ ޝާހީ ހާންދާނުގެ މެންބަރެކެވެ.
މި ކައިވެނީގެ ރަސްމިއްޔާތަށް ގިނަ ބަޔަކަށް ދައުވަތު ދީފައި ވާއިރު އެ ދެބޭފުޅުންގެ ކައިވެނިފުޅު މާދަމާ އޮންނާނެ ކަން އިއުލާން ކޮށް ދެބޭފުޅުން ހިމެނޭ ޕޯސްޓަރުތައް ވަނީ އުރުދުންގެ އެތަން މިތާގައި ހަރުކޮށްފައެވެ.
ހުސައިން ކައިވެނި ބައްލަވައިގަންނަވާ އަލްސީފް އަކީ ސައުދީ އަރަބިއްޔާގެ ރިޔާދަށް ނިސްބަތްވާ އެމެރިކާއިން ކިޔަވާވިދާޅުވެގެން ހުންނެވި އާކިޓެކްޗަރެކެވެ.
އަލްސީފްގެ މަންމަ އަކީ، ސައުދީގެ ރަސްގެފާނު ކިންގް އަބްދުލް އަޒީޒު އާލް ސޫދު ގެ އަނބިކަނބަލުން ހުސާ ބިންތް އަހުމަދު އަލް ސުދައިރީގެ އާއިލީ ބޭފުޅެއް ކަމަށް ވާ އައްޒާ ބިންތް ނާއިފް އަބްދުލް އަޒީޒު އަހްމަދު އަލް ސުދައިރީއެވެ. ސައުދީ ރަސްގެފާނު ކިންގް އަޒީރުގެ 7 ބޭފުޅުން ތިއްބަވާ އިރު މިހާރުގެ ރަސްގެފާނު ސަލްމާން އަކީ ވެސް އޭނާގެ ބޭފުޅެކެވެ.
އަލްސީފް ގެ ބައްޕައަކީ، އެލް ސެއިފް އެންޖިނިއަރިންގެ ބާނީ އަދި ރިޔާދުގައި ހުންނަ އައިކޮނިކް ބިލްޑިން ކަމަށް ވާ ކިންގްޑަމް ޓަވަރު ހެދި ކުންފުނީގެ ވެރިޔާއެވެ. އަލްސީފް ވަނީ އާކިޓެކްޓިންގެ ދާއިރާއިން 2017 ވަނަ އަހަރު ބެޗެލާސް ޑިގްރީ ހާސިލު ކުރައްވާފައެވެ.
އުރުދުންގެ ޕްރިންސް ހުސައިން އަކީ، މި އުއްމަތަށް އުފަންވި އެންމެ މާތް ދަރިކޮޅު ކަމުގައި ވާ ހާޝިމް ވަންހައިގެ ޕްރިންސެކެވެ. ހިޖާޒު ކަރައިގެ މައްކާގައި 1916 ގައި ހާސިމްގެ ދަރިކޮޅުން އައި ހުސައިންގެ ރަސްކަން ފެށި، 1924 ގައި ރަސްގެފާނު އަލީ އާއި މިހާރު ސައުދީގެ ވެރިކަން ކުރާ ސައުދު ރަސްގެފާނުގެ ހާންދާނާއި ހަނގުރާމަ ކުރި އިރު އުރުދުންގެ ވެރިއަކަށް ހުންނެވީ ކިންގް އަބްދުﷲ 1 އެވެ. އެހާ ހިސާބުން އެ ދަރިކޮޅު ދިޔައީ އުދުރުނަށެވެ.
އޭގެ މާކުރިން ރަސޫލާ އެ ވަންހައަކަށް ނިސްބަތްވެ ވަޑައިގަންނަވާ ގްރައިޝް ވަންހަ އަކީވެސް ހާޝިމް ވަންހައިގެ ގުޅިފައި އޮތް ވަންހައެކެވެ. ގަދަރު އުފުލިގެން ވާ އެ ދަރިކޮޅު ދެމިގެން އައީ ރަސޫލާގެ ދަރިކަނބަލުން ފާތިމަތުގެފާނާއި 4 ވަނަ ހަލީފާ އަލީގެފާނުގެ ދަރިކަލުން ހަސަންގެ ފަރާތްޕުޅުންނެވެ. އަލީގެފާނަށް ފަހު ހަސަން އާ ހިސާބަށް ހަލީފާކަން ދިޔަ ނަމަވެސް މައްކާގެ ބޮޑުންގެ މެދުގައި ހިޔާލުތަފާތުވުން އުފެދި އައި އޮއްޓަމަން އެމްޕެރާގެ ރަސްކަމުގައި މައްކާއަށް އަމީރެއްގެ ގޮތުގައި ކިންގް ހުސައިން ކަނޑައެޅިއެވެ. އެއީ 1916 އެވެ. ޖޯޑަންގެ ޕްރިންސްގެ އާއިލާ ފެށޭހިސާބަކީ އެއީއެވެ.
އުރުދުންގެ މިހާރުގެ ރަސްގެފާނު އަބްދުﷲ 2 އަށް ފަހު ރަސްކަމުގެ ތަހުތަށް ދެން ވަޑައިގަންނަވާނީ ޕްރިންސް ހުސައިން ކަން އޭނާގެ އުމުރުން 15 އަހަރުގައި ވަނީ ކަނޑައަޅާފައެވެ. އެއީ ކިންގް އަބްދުﷲ 2 ގެ ބޭބޭފުޅު ޕްރިންސް ހަމްޒަތުގެ ކިބައިން ޝާހީ ހުރިހާ ސިއްކައެއް 2004 ގައި އަތުލާފައި ވާތީއެވެ.
މާދަމާ މި ކައިވެނިފުޅު އޮންނަ އިރު މިއީ ތާރީހީ ކައިވެނިފުޅެއް ވެސް މެއެވެ. އެއީ އުރުދުން އާއި ސައުދީގެ ގުޅުން އިތުރަށް ބަދަހިވެ ހަރުދަނާ ވާނެ ކަމެއްގެ ގޮތުގައިވެސް ބެލޭތީއެވެ. އުރުދުންގެ ރަސްގެފާނުގެ އެންމެ ދޮށީ ދަރިކަލުންނަކީ ހުސައިން ނަމަވެސް އަދި 2 އަންހެން ބޭފުޅުންނާއި ފިރިހެން ބެފުޅަކު ހުރެއެވެ.