ތޫނު ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގި ކުށުގައި ފުލުހުންނާ އަމިއްލަ އަށް ހަވާލުވި އިބްރާހީމް ފައިހް ނިޒާމްގެ މައްޗަށް ދައުވާކުރަން މިދިޔަ ހަފްތާގައި ފޮނުވައިފިއެވެ.

މާލޭގައި ހިންގި ސިލްސިލާ މާރާމާރީތަކާ ގުޅިގެން، ފައިހް ހޯދަން ފުލުހުން އެންމެ ފުރަތަމަ އިއުލާނުކުރީ މިދިޔަ ފެބްރުއަރީ މަހުގެ 15 ގައެވެ. އޭނާ ހޯދުމަށް ފުލުހުން ދެވަނަ ފަހަރަށް އިއުލާނުކުރީ ފުރަތަމަ އިއުލާނުކުރިތާ މަސް ދުވަހެއްވީ ފަހުންނެވެ.

ފައިހް ހައްޔަރުވިޔަ ނުދިނުމަށްޓަކައި އޭނާ ފޮރުވައިގެން ގެންގުޅޭ ކަމުގެ ތުހުމަތުގައި ކޯޓު އަމުރެއްގެ ދަށުން ފުލުހުން ފަސް ފިރިހެނަކު ހައްޔަރުކޮށް، އޭގެ ތެރެއިން ދެ މީހަކު ވަނީ ދޫކޮށްލައިފައެވެ. ބާކީ ތިބި ތިން މީހުން 15 ދުވަހަށް ބަންދުކުރުމަށް ކޯޓުން އަމުރުކުރިއެވެ.

އޭނާ އެންމެ ފަހުން ހަވާލުވީ، ފަސް މީހުން ހައްޔަރުކުރި ފަހުންނެވެ.

މީޑިއާތަކަށް ދިން މައުލޫމާތުގައި ޕްރޮސެކިއުޓަރު ޖެނެރަލްގެ އޮފީހުން ބުނީ، މިދިޔަ ބުދަ ދުވަހުގެ ފައިހްގެ މައްޗަށް ދައުވާކުރަން ފޮނުވާފައިވާ ކަމަށެވެ. އޭނާގެ މައްޗަށް ކޮށްފައި ވަނީ ނުރައްކާތެރި ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގުމުގެ ކުށުގެ ދައުވާއެވެ.

މިވަގުތު ޝަރީއަތް ނިމެންދެން ފައިހް ހުރީ ބަންދުކޮށްފައެވެ. އޭނާ ހައްޔަރުކުރީ މާރާމާރީގެ މައްސަލައެއްގައި ކަމަށްވީ ނަމަވެސް، ދައުވާކުރަނީ ކޮން މައްސަލައެއްގައި ކަމެއް ކަން އަދި ސާފެއް ނޫނެވެ.