ސާގު ބޮނޑިބަތަކީ ދިވެހިންގެ އިތުރުން އޭޝިއާގެ ގިނަ ގައުމުތަކުގައިވެސް ވަރަށް މަގުބޫލު ފޮނި ކެއުމެކެވެ. ޒަމާނުއްސުރެ ދިވެހިންގެ މެދުގައި ބޮޑު މަގުބޫލުކަމެއް ހޯދާފައިވާ ސާގަކީ ހަށިގަނޑަށް ބޭނުންވާ ހަކަތަ ލިއްބައިދޭ ގިނަ މާއްދާތައް އެކުލެވިގެންވާ، ކުޑަކުދިންނާ އުމުރުން ދުވަސްވީ މީހުންނަށްވެސް ވަރަށް ރަނގަޅު ކެއުމެކެވެ. ރާއްޖޭގެ އެކި ހިސާބުތަކުގައި ސާގު ބޮނޑިބަތް ކައްކާ ގޮތް ތަފާތެވެ.

ބޭނުންވާ ތަކެތި:

  • 4 ޖޯޑު ފެން
  • 1 ޖޯޑު ސާގު
  • 1/3 ޖޯޑު ހަކުރު
  • 1/4 ޖޯޑު ގެރިކިރު (ގެރިކިރުގެ ބަދަލުގައި ކާށިކިރުވެސް ބޭނުންކުރެވިދާނެ)
  • 3 ރާނބާފަތް(1 އިންޗި)
  • 4 ކާފޫރު ތޮޅި
  • ފޮނިތޮށި ކޮޅެއް
  • ކުޑ ކާކުލަކޮޅެއް
  • 2 ސަމުސާ ފިނިފެން

ތައްޔާރުކުރާނެ ގޮތް:

4 ޖޯޑު ފެން ތައްޔަކަށް އަޅާލުމަށްފަހު ރަނގަޅަށް ފެން ކެކެން ފެށުމުން ސާގު އަޅާލާށެވެ. ސާގުގެ ކުލަ ބަދަލުވަންދެން ކައްކާފައި ފުރޭންޏަކުން ސާގު ފުރާނާލާފައި ފެންފޮދު އުކާލާށެވެ. ސާގުމަޑުކުރި ތެއްޔަށް ތޮޅި، ކާފޫރު ތޮޅި، ހަކުރު، ރާނބާފަތް އަޅާލުމަށްފަހު މަޑުގިނީގައި ހަކުރުވިރެންދެން ކައްކާށެވެ. އެއަށްފަހު ގެރިކިރު ނުވަތަ ކާށިކިރު އެޅުމަށްފަހު މާފަން އަދި ކުޑަ ކާކުލަ ކޮޅެއް އަޅާލުމަށްފަހު އޭގެ ތެރެއަށް ސާގު އަޅާލާށެވެ. މަޑުގިނީގައި 5 ވަރަކަށް މިނިޓްވަންދެން ކައްކާލުމަށްފަހު ޓްރޭއަށް އަޅާލާށެވެ. ސާގު ފިނިކޮށް ކާން ބޭނުންނަމަށް ފްރިޖަށްވެސް ލެވިދާނެއެވެ.

ސިއްހީ ފައިދާ:

ފަހުގެ ދިރާސާތަކުން ދައްކާ ގޮތުން ގްލޫޓެން އެކުލެވޭ ކާނާ ގިނައިން ބޭނުން ކުރުމަކީ ސިއްހަތަށް ވަރަށް ގިނަ ގެއްލުން ލިބޭކަމެކެވެ. އެހެންކަމުން ސާގުފަދަ 'ގްލޫޓެން ފްރީ' ބާވަތްތައް ކެއުމުގައި ހިމެނުމަކީ ވަރަށް މުހިއްމުކަމަށެވެ. ސާގަކީ ވަރަށް ގިނަ އަދަދަކަށް ކާބޯހައިޑްރޭޓްސް ހިމެނޭ ކެއުމަކަށްވާއިރު ސާގަކީ ހަށިގަނޑަށް ހަކަތައާއި ފިނިކަން ގެނުވައިދޭ ކެއުމެކެވެ. ސަގަކީ ވައިގެ މައްސަލަ ހުންނަ މީހުންނަށްވެސް ރަނގަޅު ކެއުމެކެވެ.