ޝަރުއީ ދާއިރާއަށް ދިގު ހިދުމަތްތަކެއް ކުރެއްވުމަށްފަހު، ގާޒީ ހަސަން ސައީދު ފަޑިޔާރު ކަމުން ރިޓަޔާ ކުރައްވައިފިއެވެ.

ހަސަން ސައީދު ވަނީ ޝަރުއީ ދާއިރާގައި 21 އަހަރު ހިދުމަތް ކުރައްވާފައެވެ. އަދި ކުރިން ދިގު މުއްދަތަކަށް ފެމިލިޓީ ކޯޓުގެ އިސްގާޒީ ކަން ވެސް ކުރައްވާފައިވާ ހަސަން ސައީދުގެ ގިނަ ސުލޫކީ މައްސަލަތަކެއްވެސް ވަނީ ވޭތުވެދިޔަ އަހަރުތަކުގައި ޖޭއެސްސީން ބަލާފައެވެ.

އެގޮތުން ފެމިލީ ކޯޓުގައި ހުންނެވިއިރު ގާނޫނާ ހިލާފަށް ކައިވެންޏެއް ކޮށްދޭން މަގުފަހިކޮށްދިން ކަމަށް ސާބިތުވެ ދާދިފަހުން އޭނާ ވަނީ 14 ދުވަހަށް އޭނާ ސަސްޕެންޑް ކޮށްފައެވެ. އެއީ 2018 ވަނަ އަހަރު އޭނާ ފެމިލީ ކޯޓުގެ އިސް ގާޒީ ކަމުގައި ހުންނެވި އިރު، އެ ކޯޓުގެ މުވައްޒަފަކު ރާއްޖެއިން ބޭރަށް ފޮނުވައިގެން ކުރި ކަމަށް ބުނާ ކައިވެންޏެކެވެ. ނަމަވެސް، ހަސަން ސައީދު ސަސްޕެންޑްކުރީ ގޯސްކޮށް ކަމަށް ބުނެ، ފަނޑިޔާރުންގެ އިސްތިއުނާފް މަޖިލީހުން ވަނީ ސުލޫކާ ހިލާފު ކަމެއް ނެތް ކަމަށް ނިންމާފައެވެ.

މީގެ އިތުރުންވެސް ޖޭއެސްސީން ވަނީ ހަސަން ސައީދުގެ އިތުރު މައްސަލަތަކެއް ބަލާފައެވެ. އެގޮތުން ފެމިލީ ކޯޓުން ކްރިމިނަލް ކޯޓަށް ބަދަލުކުރީވެސް އޭރު ބެލި މައްސަލައެއްގައި އެޅި ފިޔަވަޅެއްގެ ގޮތުންނެވެ.

ހަސަން ސައީދު ރިޓަޔާ ކުރެއްވި ނަމަވެސް އުސޫލުގެ މަތިން، އޭނާއަށް ލިބިވަޑައިގަންވަމުން ގެންދެވި މުސާރަ އާއި ކުރެއްވި ހިދުމަތަށް ބަލައި ކޮންމެ މަހަކު ވެސް ދައުލަތުން އިނާޔަތް ދޭނެއެވެ. މީގެ އިތުރުންވެސް 18 އަހަރުން ދަށުގެ ކުދިން ތިބި ނަމަ އެ ކުދިންގެ އިތުރުން އަނބިމީހާ އަށް ހެލްތް އިންޝިއުރެންސްވެސް ލިބިވަޑައިގަންނަވާނެއެވެ.

ޝަރުއީ ދާއިރާގައި އޭނާ ހޭދަކުރެއްވި މުއްދަތުގެ އަގު ވަޒަންކޮށް އެ ކޮމިޝަންގެ މެމްބަރުންނާއި މުވައްޒަފުންގެ ނަމުގައި ޖޭއެސްސީން ވަނީ ހާއްސަ ޝުކުރެއް އަދާ ކޮށްފައެވެ.