ދިވެހިންގެ އެހީއާ އެކު ފަލަސްތީނުގެ ގާޒާގައި އެޅުމަށް ހަމަޖެހިފައިވާ މިސްކިތުގެ ފައުންޑޭޝަން އަޅައިފިއެވެ.

އިއްޔެ މިކަމަށްޓަކައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ގާޒާގެ އިސްވެރިންނާ އެ ސަރަހައްދުގައި ދިރިއުޅޭ ގިނަ އަދަދެއްގެ ރައްޔިތުން ވަނީ ބައިވެރިވެފައެވެ.

އިންޓަނޭޝަނަލް އެއިޑް ކެމްޕެއިން (އައިއޭސީ) އިން އިސްނަގައިގެން ކުރިއަށް ގެންދާ މި މަސައްކަތުގައި ގާޒާގައި، ތިން ބުރީގެ މިސްކިތެއް އެޅުމަށް ވަނީ ހަމަޖެހިފައެވެ. 'މަސްޖިދުލް ގުއްދޫސް' ގެ ނަމުން މި މިސްކިތަށް ނަންދީފައި ވާއިރު އައިއޭސީން ބުނީ މި މިސްކިތް ބިނާކުރާނީ މުންނާރަކާއެކު 1100 މީހުންނަށް ނަމާދުކުރެވޭ ގޮތަށް ކަަމަށެވެ.

ގާޒާގައި އިމާރާތްކުރާ މިސްކިތުގެ ފައުންޑޭޝަން އެޅުމުގެ ރަސްމިއްޔާތު - ފޮޓޯ އައިއޭސީ

މި މިސްކިތުގެ ފުރަތަމަ ފަންގިފިލާ އަންހެނުންނަށް ހާއްސަކޮށްފައި ވާއިރު އެ ތަނުގައި 390 މީހުންނަށް ނަމާދު ކުރެވޭނެއެވެ. އައިއޭސީ އިން ބުނީ ގާޒާގެ ކޮންޓްރެކްޓަރަކާ ހަވާލުކޮށްގެން ކުރިއަށް ދާ މި މަސައްކަތް މިއަހަރު ނިންމާލެވޭނެ ކަމަށް އުއްމީދު ކުރާކަމަށެވެ.

ދުނިޔޭގެ އެކި ހިސާބުތަކުގައި ހާލުގައިޖެހިފައިވާ މުސްލިމުންނަށް އެހީވުމަށް އައިއޭސީ އިން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. ދިވެހިންގެ ދީލަތި އެހީ އާ އެކު ކުރިއަށް ދާ މި އެހީގެ ޕްރޮގްރާމްގެ ތެރެއިން އައިއޭސީ އިން ވަނީ ސީރިއާ އަދި ފަލަސްތީނުގެ ކުޑަކުދިނަށް އީދު ހާދިޔާ ދީފައެވެ. މީގެ އިތުރުން ދާދި ފަހުން އައިއޭސީ އިން ވަނީ ބަންގްލަދޭޝްގައި އަސާސީ ކާބޯތަކެތީގެ 1500 ޕެކޭޖު ފޯރުކޮށްދިނުމުގެ މަސައްކަތްވެސް ކުރިއަށް ގެންގޮސްފައެވެ.