ސިއްހަތު ސަލާމަތުން ހުރި، ހަށިގަނޑު ވަރުގަދަ މީހަކު އެސްފިޔަޖަހާހާ ހިނދުކޮޅެއްގެ ތެރޭގައި އެނދުމަތިވެދާނެއޭ ބުނުމުން ގަބޫލުކުރަން ދަތިވެދާނެއެވެ. ހަށިގަނޑު ވަރުގަދަ، ހީވާގި، އަދި އަމިއްލަ ފައިމައްޗަށް ތެދުވެ އުޅުނު ދުޅަހެޔޮ ޒުވާނެއްގެ މުޅި ދިރިއުޅުން އެއްކޮށް ބަދަލުވެ، އެހެން މީހެއްގެ އެހީ އާއި ނުލާ ޒަރޫރީ ބޭނުންތައް ފުއްދުމުން މަހްރޫމްވުމަކީ ވަރަށް ވެސް ހިތްދަތިކަމެކެވެ.

މި ހިތްދަތިކަމުގެ އިތުރުން ގައިގައި އަޅާވޭންތަކާއެކު އަމިއްލަ ފައި މައްޗަށް ކޮޅަށް ތެދުވުމަށް އައްޑޫ ސިޓީ މީދޫ، އަބްލައީވާދީ، އަހްމަދު ރަޝީދު (އައްމަޓީ) އަންނަނީ ކޮންމެ ދުވަހު ހަނގުރާމަކުރަމުންނެވެ. އައްމަޓީއަކީ އަބަދުވެސް އަމިއްލަ މަސައްކަތުން ދިރިއުޅުން ބިނާކުރަމުން ދިޔަ ހީވާގި ޒުވާނެކެވެ.

ގިނަ ދުވަސްތަކެއްވަންދެން ފުލުހުންގެ ވަޒީފާގައި އުޅުމަށްފަހު، އަމިއްލަ ކުންފުންޏެއްގައި ވަޒީފާ އަދާ ކުރަމުން ދިޔަ އައްމަޓީގެ މުޅި އާއިލާ ބަރޯސާވެފައިވަނީ އޭނާއަށެވެ. 18 އަހަރުން ދަށުގެ 4 ކުދިންނާއި އޭނާގެ އަނބިމީހާގެ ހުރިހާ ޒިންމާތަކެއް ބަލަހައްޓަމުން ދިޔައީ ހަރުދަނާކަމާ ރޭވުންތެރިކަމާ އެކުގައެވެ.

އުމުރުން 18 އަހަރުގެ އަންހެން ކުއްޖަކާއި، 10 އަހަރުގެ ފިރިހެން ކުއްޖެއްގެ އިތުރުން ހަތް އަހަރާއި ފަސް އަހަރުގެ ދެ އަންހެން ކުދިން ބަލަހައްޓަމުން ދިޔަ އައްމަޓީއަށް ބަލީގެ އަލާމާތްތައް ފެންނަން ފެށީ 2023 ވަނަ އަހަރުއެވެ. ފުރަތަމަ ފައިގެ ބާރު ދެރަވެ ހިނގާބިނގާވެ އުޅުމަށް ދަތިވި ނަމަވެސް، އޭނާއަށް އޭއެލްއެސް ޖެހިފައިވާކަން ކަށަވަރުވީ 2025 ވަނަ އަހަރު އިންޑިއާއިން ހެދި ނިއުރޮލޮޖިކަލް އަދި އީއެމްޖީ ޓެސްޓުތަކުންނެވެ.

އައްމަޓީގެ މެޑިކަލް ޑޮކިއުމެންޓްތައް

އޭއެލްއެސް އަކީ ސިކުނޑި އާއި މައިބަދައިގައި ހުންނަ، މަސްތައް ކޮންޓްރޯލްކުރާ ނާރުތައް ހަލާކުކޮށްލާ ބައްޔެކެވެ. މި ބައްޔަށް ސީދާ ފަރުވާއެއް ހޯދިފައި ނުވި ނަމަވެސް، ބަލީގެ ދުވެލި މަޑުޖައްސައިލުމަށް މެދުކެނޑުމެއް ނެތި ތެރަޕީ ބޭނުންވެއެވެ. އާއިލާއިން ބުނި ގޮތުގައި، އަހްމަދު ރަޝީދުގެ ހަށިގަނޑުގެ ގުނަވަންތަކުގެ ބާރު ދެރަވެ، އަމިއްލައަށް ހެލިފެލިވެ އުޅުމާއި ވާހަކަދެއްކުމަށް މިހާރު ވަނީ ވަރަށް ބޮޑަށް ދަތިވެފައެވެ.

ޑޮކްޓަރުން ލަފާދެއްވާފައި ވަނީ މަސްތަކުގެ ބާރު ހިފެހެއްޓުމަށް އިންޓެންސިވް ފިޒިއޮތެރަޕީއާއި އޮކިއުޕޭޝަނަލް ތެރަޕީގެ އިތުރުން، ކާބޯތަކެތި ދިރުވުމަށާއި ވާހަކަދެއްކުމަށް އެހީތެރިވުމުގެ ގޮތުން ސްޕީޗް އެންޑް ސްވެލޮވިންގ މެނޭޖްމަންޓް ކުރިއަށް ގެންދިއުމަށެވެ. މީގެ އިތުރުން އެސިސްޓިވް ޓެކްނޮލޮޖީގެ ވަސީލަތްތައް ވެސް އޭނާއަށް ބޭނުންވެއެވެ.

ރާއްޖެއިން އާސަންދައިގެ ދަށުން ދުވާލަކު އެއް ގަޑިއިރުގެ ފިޒިއޮތެރަޕީ ލިބުނު ނަމަވެސް، އައްމަޓީގެ ހާލަތު ހުރި ގޮތުން ދުވާލަކު ހަ ގަޑިއިރާއި ހަތް ގަޑިއިރާ ދެމެދުގެ ވަގުތެއް ތެރަޕީއަށް ހޭދަކުރަން ޖެހޭ ކަމަށް އާއިލާއިން ފާހަގަކުރެއެވެ. ރާއްޖޭގައި އެކަށީގެންވާ ފަރުވާ ލިބެން ނެތުމުން އާއިލާއިން ބޭނުންވީ އިންޑިއާއަށް ގޮސް ފަރުވާ ހޯދާށެވެ.

އެހެންނަމަވެސް މި ފަރުވާއަށް އާސަންދަ ނުލިބުމުން އަނެއްކާވެސް އާއިލާއަށް ކުރިމަތިވީ އިތުރު ގޮންޖެހުމެކެވެ. އެހެންނަމަވެސް އައްމަޓީ ގައިގައި އަޅާ ވޭން ބަލަން އާއިލާއަށް ކެތް ނުވިއެވެ. އެންމެ ފަހުން އެކިފަރާތްތަކުގެ ދީލަތި އެހީއާއިވެސް އެކު އިންޑިއާއަށް ފުރައިގެން ދިޔައީއެވެ.

އައްމަޓީގެ މެޑިކަލް ޑޮކިއުމެންޓްތައް

އިންޑިއާއަށް ދިޔަ އިރުވެސް މިފަދަ ދިގުމުއްދަތުގެ ބޮޑު ފަރުވާއަކަށް ހިނގާނެ ހަރަދެއް އާއިލާއަކަށް އަންދާޒާކުރެވިފައެއް ނެތެވެ. އާއިލާއިން އެ ވަގުތު އެންމެ ބޮޑު އިސްކަމެއް ދިނީ އައްމަޓީގެ ސިއްހަތަށެވެ. އައްމަޓީގެ ފަރުވާ ފުރިހަމަކުރުމަށް މިއަހަރުގެ އޮގަސްޓް މަހުގެ ނިޔަލަށް އިންޑިއާގައި މަޑުކުރަންޖެހޭއިރު ކޮންމެ ދުވަހަކު އެކި ބާވަތުގެ ތެރަޕީ ސެޝަން ނެގުމާއި ޒަރޫރީ ބޭނުންތަކަށް ބޮޑު ހޭދައެއް ކުރަންޖެހެއެވެ.

ދިގު މުއްދަތަކަށް ކުރަންޖެހޭ މި ފަރުވާއަށް ބޮޑު ހޭދައެއް ކުރަންޖެހޭއިރު، އެ އާއިލާއަށް މި މާލީ ބުރަ އުފުލުމަށް ވަނީ ގޮންޖެހުންތަކާއި ކުރިމަތިވެފައެވެ. ދިވެހި އަހުންނާއި އުހުތުންގެ ފަރާތުން ލިބޭ ކުޑަވެސް އެހީތެރިކަމަކީ މި އާއިލާއަށް ލިބޭނެ ވަރަށް ބޮޑު އުންމީދެކެވެ. މާލީ އެހީތެރިކަން ފޯރުކޮށްދެވެން ނެތްނަމަ، ވީހާވެސް ގިނަ ބަޔަކަށް މި މެސެޖު ފޯރުކޮށްދީ އަދި އައްމަޓީއަށް ހެޔޮ ދުޢާކޮށްދިނުމަށް އާއިލާއިން ވަނީ އެދިފައެވެ.

އަހްމަދު ރަޝީދަށް އެހީތެރިވުމަށް ފައިސާ ޖަމާކުރަން އާއިލާއިން އާންމުކޮށްފައިވާ އެކައުންޓްތަކަކީ؛

  • އަހްމަދު ރަޝީދުގެ ޑޮލަރު އެކައުންޓް (7730000131830)
  • ނިސްރީން އިބްރާހީމްގެ ދިވެހި ރުފިޔާ އެކައުންޓް (7716166290101)

އިތުރު މައުލޫމާތު ސާފުކުރުމަށް އާއިލާގެ ނަންބަރު 9707061 އަށް ގުޅޭނެ ކަމަށް ވެސް ވަނީ ހާމަކޮށްފައެވެ.