1444 ވަނަ އަހަރު ފިތުރު ޒަކާތުގެ ގޮތުގައި އިސްލާމިކް މިނިސްޓްރީއަށް 9 މިލިއަނަށްވުރެ ގިނަ ރުފިޔާ ލިބިފައިވާ ކަމަށް އެ މިނިސްޓްރީން ބުނެފިއެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ، މިއަހަރުގެ ރަމަޟާން މަހު 29 ވަނަ ދުވަހުގެ ނިޔަލަށް ޖުމްލަ 9,003,324.05 ރުފިޔާ ފިތުރު ޒަކާތުގެ ގޮތުގައި ދައްކާފައިވާ ކަމަށެވެ. މި މުއްދަތުގެ ތެރޭގައި ޖުމްލަ 175485 މީހުން ވަނީ ޒަކާތް ދައްކާފައެވެ.

ފަގީރުންގެ ލިސްޓްގައި 8446 މީހުން ހިމަނާފައިވާ ކަމަށާއި އެ މީހުންގެ ތެރެއިން، މާލެ ސިޓީން 1،736 މީހުންނަށް، ބޮލަކަށް 3،450 ރުފިޔާގެ ރޭޓުން މިމަހުގެ 20 ވަނަ ދުވަހު ބަހާފައިވެ އެވެ.

އަދި މިއަހަރުގެ ރަމަޟާން މަހު، ގޮވާމުން ޒަކާތް ބަލައިގެންފައިވާއިރު ޖުމްލަ 12989.3 ކިލޯ، ގޮވާމުގެ ބާވަތްތަކުން ބަލައިގެންފައިވާ ކަމަށް އެ މިނިސްޓްރީން ހިއްސާ ކުރި މައުލޫމާތުގައި ވެއެވެ. އަދި ފިތުރު ޒަކާތުގެ ގޮތުގައި ލިބުނު ގޮވާންވެސް މިދިޔަ ބުރާސްފަތި ދުވަހުގެ ނިޔަލަށް ބަހާ ނިންމާފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން ބުންޏެވެ.