ވިލިމާލޭގައި ހުންނަ މުހްޔިއްދީން ސްކޫލް ދަރިވަރުންގެ ފަރާތުން ސީރިއާގެ ކުދިންނަށް ހަދިޔާ ކުރި އީދު ހެދުމުގައި މިއަދު އެކުދިން ތިބީ އުފަލުން ފޮޅިފައެވެ.

އިންޓަނޭޝަނަލް އެއިޑް ކެމްޕެއިން (އައިއޭސީ) ޓީމުން ބުނީ، މުހްޔިއްދީން ސްކޫލް ދަރިވަރުންގެ ފަރާތުން ހަދިޔާ ކުރި އީދު ހެދުން ސީރިއާގެ 76 ކުއްޖަކަށް ދެވިފައި ވާ ކަމަށެވެ.

އަންހެން އަދި ފިރިހެން ކުދިން ހިމެނޭ ގޮތުން ގިނަ އަދަދެއްގެ ކުދިންނަށް އީދު ހެދުން ލިބުނު އިރު މިއަދު އައިއޭސީ އިން އާންމު ކުރި ފޮޓޯތަކުން ފެންނަނީ އެކުދިން އުފަލުން ފޮޅިފައި ތިބި މަންޒަރެވެ.

މުހްޔިއްދީން ސްކޫލުގެ ދަރިވަރުންގެ އިސްނެގުމަށް އައިއޭސީ އިން ޝުކުރު އަދާކޮށްފަައި ވާ އިރު އެ ޖަމްއިއްޔާއިން ބުނީ އެފަދަ ކަންކަމުގައި ޓީޗަރުންގެ ފަރާތުން ލިބޭ އެއްބާރުލުލުމާއި އިސްނެގުމަށް އެ ޖަމްއިއްޔާއިން އަބަދުވެސް މަރުހަބާ ކިޔާނެ ކަމަށެވެ.

މުހްޔިއްދީން ކުދިން ސީރިއާގެ ކުދިންނަށް ހަދިޔާ ކުރި ހެދުމުގައި އެ ކުދިން އުފަލުން / ފޮޓޯ: އައިއޭސީ

ރާއްޖެއާއި ރާއްޖޭން ބޭރުގައި އެހީތެރިކަން ބޭނުންވެފައި ތިބެ ގިނަ ބަޔަކަށް އެ ޖަމްއިއްޔާއިން އެހީތެރިކަން ފޯރުކޮށްދެމުން ގެންދާ އިރު މިއަދު ވަނީ ނޭޕާލްގައި ދިރިއުޅޭ ނޭޕާލް ރައްޔިތުންގެ އިތުރުން ރޮހިންގްޔާ އަދި އިންޑިއާގެ ކޮމިއުނިޓީތަކަށް ވެސް އެހީ ފޯރުކޮށްދެވިފައެވެ. އެގޮތުން އެ ކޮމިއުނިޓީތަކުގައި ދިރިއުޅޭ މީހުންގެ ތެރެއިން ޖުމްލަ 200 އާއިލާއަކަށް ކާބޯތަކެތީގެ ޕެކޭޖްގެ އިތުރުން އީދު ހެދުމާއި ކުޅޭ ސާމާނާއި އަދި ސްޓޭޝަނަރީސްވެސް ވަނީ ހަދިޔާ ކޮށްފައެވެ.

އައިއޭސީން ފަލަސްތީނުގެ ކުދިންނަށް ހަދިޔާ ގަނެދީފައި / ފޮޓޯ: އައިއޭސީ

މީގެ އިތުރުން ފަލަސްތީނުގެ ޣައްޒާގެ 500 ޔަތީމު ކުދިންނާއި ޣައްޒާގެ ފަގީރު އާއިލާތަކުގެ ކުދިންނަށް ވެސް އެ ޖަމްއިއްޔާއިން ވަނީ އެހީތެރިކަން ފޯރުކޮށްދީފައެވެ.

އައިއޭސީ އަކީ ފުޅާ ދާއިރާއެއްގައި އިންސާނީ އެހީ ފޯރުކޮށް ދިނުމުގައި ހަރަކާތްތެރިވާ ޖަމާއަތަކަށް ވާއިރު، އެ ޖަމާއަތުން ފޯރުކޮށް ދޭ އެހީ ހޯދުމުގައި އާންމުންގެ އެއްބާރުލުން ވެސް ހޯދައެވެ. އެގޮތުން ފައިސާ އާއި ތަކެތީގެ އެހީ ދިނުމުގެ ފުރުސަތު އަބަދުވެސް ހުޅުވާލައި އޮންނަ ކަމަށް އެޖަމާއަތުން ބުނެއެވެ.