މިއަދަކީ، ބަރަކާތްތެރި ރަމަޟާން މަސް ނިންމާ އައި އުފާވެރި ފިތުރު އީދު ދުވަހެވެ. ނުވަތަ ކުޑަ އީދެކެވެ.

ދުވަސް ފެށިގެން ދަނީ ގިނަ ބަޔަކު ބައިވެރިވެ ބޮޑު ޖަމާއަތެއްގައި ކުރެވޭ އީދު ނަމާދުންނެވެ.

މާލޭގައި ބައެއް މިސްކިތްތަކުގައި އީދު ނަމާދު ކުރި އިރު ބޮޑު ޖަމާއަތުގައި އީދު ނަމާދު ކުރީ މާލެ ޓްރެކް ދަނޑުގައެވެ.

ގިނަ އަދަދެއްގެ އަންހެނުންނާއި ފިރިހެނުން އަދި ކުޑަކުދިން ބައިވެރިވި އީދު ނަމާދުގައި މިއަދު އިއްވި ހުތުބާގައި ގޮވާލީ ރުޅިވެރިކަމާއި ހަސަދަވެރިކަމުން ހިތްތައް ސާފުކޮށް، އެކަކު އަނެކަކާ ގުޅުން ބަދަހިކޮށް އެއްބައިވަންތަވުމަށެވެ.

ހުތުބާގައި ބުނި ގޮތުގައި، އީދު ނަމާދުގެ ޖަމާއަތުގެ ސަބަބުން:

  • އެއް ބަޔަކު އަނެއް ބަޔަކާ ތައާރަފްވެ، ހެޔޮ ދުއާ ބަދަލުކުރުމުގެ ފުރުސަތު ލިބޭ
  • އިސްލާމީ ގާތްތިމާގެ ކަމުގެ ޝުއޫރުތައް ފާޅުކުރެވޭ
ފިތުރު އީދު 2023 - މާފަންނު ޓްރެކް ދަނޑުގައި ބޮޑުޖަމާއަތުގައި ކުރި އީދު ނަމާދު / ފޮޓޯ: ދަ ޕްރެސް

އިދު ނަމާދަށް ފަހު މިއަދު ފެނިގެން ދިޔަ ތަފާތު އަނެއް މަންޒަރަކީ، ކޮވިޑަށް ފަހު ގިނަ ބަޔަކު އެއްތަނަކަށް އެއްވެ ހާއްސަކޮށް އާއިލާތައް އެއްތަނަކަށް އެއްވެ ތިބޭނެ އެންމެ ފުރަތަމަ މަންޒަރެވެ.

މަލޭގެ ހުލަނގު ހާބަރު ސަރަހައްދުގައި ހުރި ފްޑްކޯޓްތައް މިއަދު ހެނދުނު އޮތީ ފުރާލާފައެވެ. އާއިލާތަކާއި ރައްޓެހިން އިންސާފު ކުރަމުން ދިޔައީ ހެނދުނުގެ ނާސްތާއަށެވެ.

އަންހެން، ފިރިހެން، އަދި ކުޑަކުދިންނާއި ޒުވާނުންގެ ގިނަ އަދަދެއްގެ ބަޔަކު ހެނދުނުގެ ނާސްތާ ކުރީ އެކުވެރިކަމުގެ ޖައްވެއްގައެވެ.

ފިތުރު އީދު 2023 - އީދު ނަމާދަށް ފަހު އާއިލާތަކާއި ރައްޓެހިން ފްޑްކޯޓުގައި ސައިބޮނީ / ފޮޓޯ: ދަ ޕްރެސް

އާއިލީ ގުޅުންތަކާއި، އެކުވެރިކަމުގެ ގުޅުންތަކަކީ، އީދު ފަދަ މުނާސަބު ދުވަސްތަކުގައި ކޮންމެހެން ކުރަން ޖެހޭނޭ ކަންކަމަށް ވާއިރު ދިވެހިންގެ ތެރެއިން މި ރީތި އާދަ ނުވަތަ ސިފަ ފެނިގެން ދިޔުމަކީ އެ މަންޒަރު ފެނުނު މީހެއްގެ ހައިސިއްޔަތުން ހިތަށް އުފާވެެރިކަމެއް ގެނެސްދިން ކަމެކެވެ.

ފިތުރު އީދު 2023 - އީދު ނަމާދަށް ފަހު އާއިލާތަކާއި ރައްޓެހިން ފްޑްކޯޓުގައި ސައިބޮނީ / ފޮޓޯ: ދަ ޕްރެސް

އެކުވެރިންނާ ހީސާމާސާކޮށް، ވާހަކަ ދައްކާލައި ހާލުއަހުވާލު އޮޅުންފިލުވާލުމަށް ލިބިގެން ދިޔަ ރަނުގެ ފުރުސަތަކަށެވެ.

ހުތުބާގައި ބުނި ފަދައިން އީދު ނަމާދުގެ ޖަމާއަތަށް އެންމެން ހާޒިރު ކުރުވީ އިސްލާމްދީން ކަމަށް ވާއިރު ދީނުގައި ބާރު އަޅާ އެންމެ މުހިންމު އެއް ކަމަކީ ވެސް އާއިލާ ގުޅުންތަކާއި އެކުވެރިކަމުގެ ގުޅުންތައް ބަދަހިކޮށް ދެމެހެއްޓުމެވެ. މިއަދުގެ އެ މަންޒަރުން ހާމަވާ ނުވަތަ ދޭ އަނެއް މެސެޖަކީ އެއްބައިވަންތަކަމާއި، އެކުވެރިކަމާއި އެއްބަނޑުއެއްބަފާކަމުގެ މަތިވެރި ގުޅުމުގެ މުހިންމު ކަމެވެ.