މިއަދު ރުޅިވެރިކަމާއި ހަސަދަވެރިކަމުން ހިތްތައް ސާފުކޮށް، އެކަކު އަނެކަކާ ގުޅުން ބަދަހިކޮށް އެއްބައިވަންތަވުމަށް، މިއަދުގެ އީދު ހުތުބާގައި ގޮވާލައިފިއެވެ.

ހުތުބާގައި ބުނީ، މުސްލިމުންނަށް އީދު ފެށެނީ މާތް ﷲ އަށް ޝުކުރު ދެންނެވުމުގެ ގޮތުން ކުރެވޭ އީދު ނަމާދުގެ ޖަމާއަތުން ކަމަށެވެ. ހުތުބާގައި ބުނި ގޮތުގައި، އީދު ނަމާދުގެ ޖަމާއަތުގެ ސަބަބުން:

  • އެއް ބަޔަކު އަނެއް ބަޔަކާ ތައާރަފްވެ، ހެޔޮ ދުއާ ބަދަލުކުރުމުގެ ފުރުސަތު ލިބޭ
  • އިސްލާމީ ގާތްތިމާގެ ކަމުގެ ޝުއޫރުތައް ފާޅުކުރެވޭ
"އިސްލާމީ އީދުތަކަކީ އޭގެ އުފަލުގައި އެންމެން ބައިވެރިކުރުވަން ޖެހޭ އިހްތިފާލުތަކެކެވެ. އީދު ދުވަހު އުފާ ފާޅުކުރަންވީ ހަމައެކަނި ތަނަވަސް މީހުންނެއް ނޫނެވެ. މުއްސަނދިން ފަގީރުންނަށާއި މިސްކީނުންނަށް ހެޔޮ ފޯރުކޮށްދީ، އީދުގެ އުފަލުގައި އެ މީހުން ބައިވެރިކުރުވަން ޖެހޭނެއެވެ،"

އެއާއެކު، ހުތުބާގައި ވަނީ، އީދު ނަމާދުގެ ޖަމާއަތަށް އެންމެން ހާޒިރުކުރުވީ އިސްލާމްދީން ކަމަށާއި، އެހެންވެ، ދީނާއި އަގީދާ އަށް ރައްކާތެރިވެ، އަންނަން ހުރި ޖީލުތަކަށް ދީނީ އަގީދާ ފޯރުކޮށްދިނުމަށާއި، އިސްލާމީ ޝަހުސިއްޔަތާއި، މިނިވަންކަމާއި، އިސްތިގުލާލު ރައްކާތެރިކޮށް ދެމެހެއްޓުމަށް އަޒުމް ކަނޑައެޅުމަށް ގޮވާލައިފައެވެ.

އީދު ނަމާދުގެ ޖަމާއަތަށް ފަހު އެއްބަޔަކު އަނެއް ބަޔަކާ ސަލާމްކުރަނީ / ފޮޓޯ: އަހްމަދު އިޔާދު | ދަ ޕްރެސް

މިއަދު އީދު ނަމާދުގެ ޖަމާއަތަށް އެއްވެ ތިބުމުން، އެއްބައިވަންތަކަމާއި، ހުރިހާ އެންމެންގެ މެދުގައި އޮތް ކުލުނާއި ލޯބި ހާމަވެގެން ހިނގައްޖެ ކަމަށް ހުތުބާގައި ވެއެވެ.

"މިއަދު ރުޅިވެރިކަމާއި ހަސަދަވެރިކަމުން އަހަރެމެންގެ ހިތްތައް ސާފުކުރަމާ ހިނގާށެވެ! ބައިބައިނުވެ، އެއްގަލަކަށް އަރަމާ ހިނގާށެވެ! އަހަރެމެންގެ ތެރެއިން ކޮންމެ މީހަކު ވެސް އަނެކާގެ ހައްގު އަދާކުރަމާ ހިނގާށެވެ!"

ހިތްތައް ސާފުކުރުމަށް ގޮވާލުމަށް ފަހު، ހުތުބާގައި އެންމެ ފުރަތަމަ ގޮވާލާފައި ވަނީ މައިންބަފައިންގެ ހައްގުތަކުން ފެށުމަށެވެ. އެގޮތުން މައިންބަފައިން ހިތުގައި ނުޖެއްސުމަށް އަޒުމް ކަނޑައެޅުމަށް ހުތުބާގައި ގޮވާލާފައިވެއެވެ. މައިންބަފައިންގެ އިތުރުން، ރަހިމްގެ ގުޅުންތައް ދެމެހެއްޓުމަށާއި، ގާތްތިމާގެ މީހުންނަށް ޒިޔާރަތްކޮށް ހެޔޮ ފޯރުވުމަށާއި، އީދުގެ ތަހުނިޔާ ފޮނުވައި، ގުޅުން ބޭއްވުމަށް ވެސް ހުތުބާގައި ގޮވާލާފައި ވެއެވެ.

އޭގެ އިތުރުން، ހުތުބާގައި ބުނީ، ވަތަނުގެ އަމާންކަމުގެ ނިއުމަތަކީ މާތް ﷲ ބަޔަކަށް ދެއްވާނެ އެންމެ ބޮޑު އެއް ނިއުމަތް ކަމަށެވެ. ގައުމީ ތަރައްގީކުރެވޭނީ އަމާންކަން ލިބިގެން ކަމަށާއި، ގައުމުގެ ހުރިހާ އެންމެން ވެސް އެ ނިއުމަތް ހިމާޔަތްކުރުމަށް ގަދައަޅާ މަސައްކަތްކުރަން ވާނެ ކަމަށް، ހުތުބާގައި ބުންޏެވެ.

އީދު ނަމާދުގެ ޖަމާއަތް ނިމުމަށް ފަހު، ދެ މީހަކު ސެލްފީ އެއް ނަގާލަނީ / ފޮޓޯ: އަހްމަދު އިޔާދު | ދަ ޕްރެސް

ހަމަ އެއާއެކު، ދޭދޭ ފަރުދުންގެ މެދުގައި އޮންނަ އަރާރުންތަކާއި ދެކޮޅުވެރިކަން ނައްތާލައި، އިންސާނިއްޔަތުކަން އިސްކުރުމަށް، ހުތުބާގައި ގޮވާލާފައިވެއެވެ.

"އިސްލާމްދީން ގޮވާލަނީ އަހަރެމެންނަކީ އެއްބަޔަކު އަނެއްބަޔަކު ދެކެ ލޯބިވާ ބަޔަކު ކަމުގައި ވުމަށެވެ. އަނިޔާވެރިޔާ އާއި އޭނާގެ ފަރާތުން އަނިޔާ ލިބިފައިވާ އެހެން މީހަކާ ދެމެދު ލޯތްބެއް ނޯންނާނެއެވެ. ހަގީގީ ލޯބި އޮންނާނީ އެއްބަޔަކު އަނެއްބަޔަކަށް އޯގާތެރި ވެގެންނެވެ،"

އެންމެފަހުން ހުތުބާގައި ވަނީ ރަމަޟާން މަސް ނިމުނު ނަމަވެސް، މާތް ﷲ އާ ދެމެދު އޮންނަ ގުޅުން ކަނޑާނުލުމަށާއި، ރަމަޟާން މަހަށް ފަހު ވެސް ބަރާބަރަށް ނަމާދުކޮށް، ކީރިތި ޤުރުއާން ކިޔަވައި، ޛިކުރު ކުރުމަށް ހަނދާންކޮށްދީފައެވެ.