އެމީހުން އުޅުނީ، އެ ހަފްލާ ޒީނަތްތެރިކުރަން ބޭނުންކުރާ ބައެއް ތަކެތި ތައްޔާރުކޮށް ނިންމުމުގައެވެ. ބައެއް ކަރުދާސްތައް ކަފަން ކަތުރާއި ތެރެހާއި ބައެއް ސާމާނުތައް ހިފައިގެން އުޅުނު އެ ދެމީޙުންނާ އެކު ޒުލޭހާވެސް އެ މަސައްކަތުގައި އުޅުނު އިރު، އެ ުއފާވެރި ވަގުތު ހަރާބުކޮށްލަން އޭނާ ޒޫނާ ހުއްޓުވައި އެއްޗެހި ކިޔަން އެ ވަގުތު ބޭނުން ނުވީއެވެ.
ހެދުން ހިފައިގެން ގެއަށް ނޫރާ އައީ ޕާޓީއަށް ދާން ވަގުތު ކުޑަތަން ވެފައި ވަނިކޮށެވެ. އޭރު މުނާޒާއި ނޫރާއެއް ވެސް ގެއަކު ނެތެވެ.
ޒުލޭހާ ރީތިވެގެން ސޯފާގައި އިނީ އޭނާ ބަލައި ކާރު އައިސް ގުޅަން ދެނެވެ. ފަންކާގެ ވަޔާއެކު މުޅި ގޭތެރެއަށް އެޅިފައިވާ ކުދި ކަރުދާސްކޮޅުތައް ތަޅުންމަތީ ކޮޅު ކޮޅަށް ދަތުރު ކުރަމުން ދިޔަ މަންޒަރަށް ބަަލަން އިން ޒުލޭހާ ހިތަށް އެރީ ގޭތެރެ ސާފުކުރާނީ ޕާޓީއަށް ފަހު ކަމަށެވެ.
ވިސްނުމެއް ގައި އިން ޒުލޭހާ ސޮފާ މަތީ ހުރި ތެރަސްފުޅިއާއި ކަތުރު ނެގީ އެ އެއްޗިހި ހުންނަ ތަންތަނަށް ލާށެވެ. އެވަގުތު ޒޫނާ ގެއަށް އައިސް ވަނުމާ އެކު ޒުލޭހާ އޭނާއާ ދިމާއަށް ބަލާލަމުން ބޭރަށް ދިޔައީ ކޮންތާކަށް ތޯ ސާފުކުރަން ސުވާލުކޮށްލަމުން އިން ތަނުން ތެދިވިއެވެ.
އަތުން ހިފަހައްޓައިގެން ހުރި ކޮތަޅުގެ ތެރެއިން ރަން ކުލައިގެ ވިދުމެއް ހުރި ހެދުމެއް ނަގައި އެ ހެދުން ޒޫނާ ނިއުޅުވާލިއެވެ. އަދި ގައިގާ ޖައްސާލަމުން އެ ހެދުން ބަލައި ގޮސް ހެޔޮވަރު ކުރަން ދެން އެތަނުގައި މަޑު ކުރީމައި ލަސްވީ ކަމަށް ބުންޏެވެ.
ތެދު ބަހުން ޒޫނާ ޖަވާބު ދިން ނަމަވެސް އެ ވާހަކަތައް މުޅިން ގަބޫލު ކުރާކަށް ޒުލޭހާ ބޭނުމެއް ނުވިއެވެ. ހެދުމެއް ހެޔޮވަރުކުރަން ގޮސް އެހާ އިރެއް ނުވާނެ ކަމަށާއި ދާ ތާކަށް ދަނީ ސައިކަލުގައި ކަމުން ގޮއްސަ އަންނަން އެހާ ވަގުތު ހޭދަ ނުވާނެ ކަމަށް ޒުލޭހާ ބުނަމުން ކުރިއަށް ޖެހިލިއެވެ.
ޒޫނާ އޭނާގެ ދިފާއުގައި އިތުރު ތަނަކަށް ނުދާކަމަށް ބުނުމުން ޒޫނާގައި ފައިކޮޅުން ފެށި ބޮލުގެ އިސްތަށިގަނޑާ ހަމައަށް ޒުލޭހާ ބަލާލީ ޒާތަކަށެވެ. އެ ވަގުތު ނޫރާގެ ކައިވެނި ހަފްލާއަށް ޒޫނާ ދާން ތައްޔާރުވަނީ ކަން އެނގުމުން ޒުލޭހާއަށް އުނދަގޫ ވިއެވެ. ސިކުނޑީގައި އެކި ހިޔާލުތައް ފުނިޖެހެމުން ދިޔަ ވަަރަކަށް ޒުލޭހާގެ ރުޅިގަނޑު ވެސް ދިޔައީ ގަދަވަމުންނެވެ. އެއާއެކު އޭނާ ކައިރިން އަޅާފައި ކޮޓަރިއާ ދިމާއަށް މިސްރާބު ޖެހި ޒޫނާގެ އިސްތަށިގާނޑުގައި ހިފާ ޒުލޭހާ ދަމައިގަތެވެ.
"ޕާޓިއަށް ދާންތަ ތިއުޅެނީ... ކަލޭ ތިއުޅެނީ ނޫރާ ލަދު ގަންނުވާނެ ގޮތެއް ނޭނގިގެންތަ؟... މުނާޒަށް ކަލޭ ތީ ކާކުކަން ނޭނގުނަސް ކަލޭ ތީ ކާކޫކަން އެގޭ މީހުންނަށް އެނގޭކަށް މަ ބޭނުމެއް ނޫން.... ލާހިކެއް ނޫން އެއްތާކަށް ވެސް ދާކަށް.... މާ ސޯލިހު މީހަކަށް ހެދިގެން މަގޭ ކުރިމަތީ އަދި އެބަ އުޅެއެއްނު... ރަނގަޅަށް ޕާޓީއަށް ފޮނުވައިދޭނަމޭ.."
ޒުލޭހާގެ އަތުގައި އޮތް ކަތުރުން ނޫރާގެ އިސްތަށިގަނޑު ބުޑުން އޭނާ ބުރިކޮށްލިއެވެ. އެ ގޮތް މިގޮތަށް އެއްވެސް ތަރުތީބެއް ނެތި އެ އިސްތަށގަނޑު ބުރިކޮށްލި އިރު ޒުލޭހާ ދިޔައީ ހުއްޓުމެއްނެތި ޒޫނާއާ ދިމާއަށް އެއްޗިހި ކިޔަމުންނެވެ.
"މާ ނަލަވެގެން ތިއްތި ދައްކަން ފިރިހެނުންނަށް ދެއްކެމުން ދުވާނެ ކަމެއް ނެތް... ލަދެއް ހަޔާތެއް ނެތިގެން އުޅެ، މުޅި އާއިލާ ބަދުނާމު ކޮށްފަ ތިހުރީ.. ކަލޭ އެ ޕާޓިއަށް ގޮއްސިއްޔާ ކަލޭގެ ސުންޕާކަން މަގޭ ނޫރާއަށް ޖެހިދާނެ. ދެން އެންމެ ރަނގަޅު ވާނީ ނޫރާ މީހަކާ އިނދެގެން ދިޔައިމަ ނޫރާގެ ދިރިއުޅުމަށް ޒޫނާގެ ހިޔަނިވެސް ނޭޅުނީއްޔާ..."
ޒުލޭހާ ކިޔަމުން ދިޔަ އެއްޗިހީގެ އިތުރުން ޒޫނާގެ ރީތި ދިގު އިސްތަށިގަނޑު ކޮށާލުމުން އޭނާ ދިޔައީ ކަރުނަ އަޅާ ރޮމުންނެވެ. ރޮމުން ދުވެފައި ގޮސް ކޮޓަރިއަށް ވަން ޒޫނާ ދެން މިރޭ އެ ޕާޓީއަށް ނުދާނެ ކަން ޒުލޭހާއަށް އެނގުމުން އޭނާ އެގެއިން ނިކުތީ ކާރު އައިސްފި ކަަމަށް ބުނެ މުނާޒު އޭނާއަށް ގުޅުމުންނެވެ.
ޒޫނާގެ އިސްތަށގަނޑު ކޮށާލި ފަހުން އޭނާ ގެއިން ބޭރަކަށް ނުދެއެވެ. އޭނާގެ އިސްތަށިގަނޑު ދިގު ވިޔަސް އަމިއްލައަށް ވެސް އިސްތަށިގަނޑު ކުރުކޮށް ކޮށާލައެވެ. ޒުލޭހާ އެ ދުވަހު އިސްތަށިގަނޑު ބުރިކުރަމުނ ކިއީ އެއްޗެހީގެ ސަބަބުން ޒޫނާ އޭނާގެ އިސްތަށުގަނޑު ދިގު ކުރާކަށް ނުވިސްނައެވެ.
ކައިވެނީގެ ހަފްލާއަށް ޒުލޭހާ ދިޔަ އިރު އޭނާއާއެކު ޒޫނާ ނުދިއުމުން ނޫރާ ވަރަށް ޝަކުވާ ކުރިއެވެ. ޒޫނާ ބޭރަށް ގޮސް ގެއަށް ނާންނަ ކަމަށާއި ލަސްވާތީ ޒުލޭހާ އައީ ކަމަށް ބުނެ ޒޫނާއަށް ހެދި ގޮތް ނޫރާއަށް އޭނާ ސިއްރު ކުރިއެވެ. ނަމަވެސް ނޫރާގެ ހަރަކާތްތައް ހުރި ގޮތުން މަންމަ ދެއްކި ވާހަކަ އެ ދުވަހު ނޫރާ ގަބޫލު ނުކުރާ ކަން އެނގުނެވެ. އެ ހަފްލާގައި އިން އިރުވެސް އިރުއިރުކޮޅުން އޭނާ ޒޫނާއަށް ގުޅޭތޯ މަސައްކަތް ކުރިއެވެ. ނަމަވެސް ޒުނާގެ ފޯން އޮތީ ނިއްވާލާފައެވެ.
ކައިވެންޏަށް ފަހު މުނާޒާ އެކު ދިރިއުޅެން ފެށި ނޫރާ އެެގެއިން ދިޔަ ފަހުން އޭނާގެ ހަޔާތަށް ތަފާތު ކުރިއެރުންތައް އަންނަމުން ދިޔައެވެ. އެއިން ކޮންމެ ކާމިޔާބީއެއްގެ ފަހަތުގައި ވަނީ ޒޫނާގެ ހެޔޮ ދުއާ އެވެ. ޒުލޭހާއަށް ނޭނގޭނެ ހެން ޒޫނާއަށް ގުޅައިގެން ނޫރާގެ އެކި ކަންކަމުގައި ހިޔާލު ހޯދައި މަޝްވަރާ ކުރާއިރު ވެސް ޒޫނާ ދެމުން ދިޔައީ ހެޔޮ ނަސޭހަތެވެ. ގޯސްކަމެއް ނުކުރުމަށް ހިތްވަރުދީ ރަނގަޅަށް ކަންކަން ކުރުމަށް އަބަދުވެސް ނަސޭހަތް ދެމުން ދިޔައީ ދައްތައެއްގެ ވާޖިބު އަދާކުރަމުންނެވެ.
ނަމަވެސް ނޫރާގެ ހަޔާތުގައި ފާހަގަކުރާ އެއްވެސް ހާއްސަ ކަމެއްގެ ހަފްލާއަކަށް ޒޫނާއެއް ނުދެއެވެ. ނޫރާގެ ދަރިފުޅު މައި، އުފަންވި ދުވަހު ވެސް ޒޫނާއެއް ނުދެއެވެ. އެ ކުއްޖާގެ އުފަން ދުވަހެއް ޕާޓީއެއް ނުވަތަ އާއިލާ އެކުގައި ފާހަގަ ކުރާ މާހެފުމެއް ނުވަތަ އީދެއް ވެސް ފާހަގަ ކުރަން ޒޫނާ ނުދެއެވެ. އޭނާ ނޫރާ ކައިރިއަށް ނުދަނީ ދާން ބޭނުން ނުވާތީއެއް ނޫނެވެ. މަންމަ ބުނި ވާހަކަތައް ހަގީގަތަކަށް ވެދާނެތީއެވެ. ޒޫނާގެ ސަބަބުން ނޫރާގެ އުފާވެރި ހަޔާތުގައި ލައްގަނޑެއް ޖެހެން އޭނާ ބޭނުން ނުވާތީއެވެ.
*** *** *** *** *** ***
"ދަރިފުޅާ... މަންމައަށް މައާފް ކުރޭ... މަންމަ ކަން ކުރީ ރަނގަޅަކަށް ނޫން... ހަގީގަތް ހޯދަން މަސައްކަތް ނުކޮށް ފެނުނު އެއްޗެއް ގަބޫލުކޮށްގެން ހުރެ ހުރިހާ ބަދުނާމެއް ދަރިފުޅުގެ ބޮލުގަ އަޅުވާ ވަރަށް އަނިޔާވެސް ކުރެވިއްޖެ... މިއަދު ހަގީގަތް އެނގުނީމަ ދެރަވެއްޖެ. ލަދުވެސް ގަނެއްޖެ.. ޒޫނާ އަކީ ގޯސް ކުއްޖެކޭ ބަސްނާހާ ކުއްޖެކޭ ހިތާ މަންމަ ކަން ކުރީ ރަނގަޅަކަށް ނޫން... މަންމަ އަށް ދަރިފުޅު މައާފަު ކުރާނެ ކަމަށް ހީކުރަން..."
ޒޫނާގެ ބޮލުގައި ފިރުމަމުން ޒުލޭހާ އޭނާގެ ހިތުގެ އުދާސްތައް ބަންޑުން ކޮށްލި އިރު އޭނާއަށް ރަނގަޅަށް ވެސް ރޮވިއްޖެއެވެ. ކުޑައިރުއްސުރެ ވެސް ޒޫނާގެ މިޒާޖާއި އުޅުމާއި ސްކޫލްގެ ނަތީޖާއަށް ބަލައި ޒުލޭހާ އޭނާގެ ދެ ދަރިންގެ ތެރެއިން ތަފާތު ކުރަމުން އައީ ޒޫނާ ގޯސް ކުރަމުންނެވެ. ނަމަވެސް ހަގީގަތް އެނގުނު ދުވަހު ޒޫނާ އަކީ އޭނާ ބޭނުންވި ސިފަތައް ހަރުލާފައިވާ ދަރިފުޅުކަން އެނގުމުން މާޒީގައި އޭނާއަށް ހެދުނީ ގޯހެއްކަން އެނގި ނިމިއްޖެއެވެ.
ޒޫނާގެ ކެތްތެރިކަމާއި، ކިޔަމަންތެރިކަމާއި، އެކަކު އަނެއްކަކަށް އަޅާލުމަށާއި މަސްލަހަތަށްޓަކައި ކޮއްކޮގެ ދިފާއަށް ނިކުތުމުގެ ހިތްވަރު ހުރި ކަމަކީ އޭނާގެ ރަނގަޅުކަން ދޭހަކޮށް ދިން ކަމެއްގެ ގޮތުގައި ޒުލޭހާ ގަބޫލު ކުރިއެވެ.
"އެރޭ މަންމަ ކައިރީ ތެދުތެދަށް ޒޫނާ ބުނި ނަމަވެސް އެ ވާހަކަ ގަބޫލެއް އޭރު ނުކުރެވުނީސް... ނޫރާގެ ފަރާތުން އެކަހަލަ ކަމެއް ވެދާނެ ކަމަކަށް ދުވަހަކު ވެސް މަންމަ ހިއެއް ނުކުރަން... މި ހުރިހާ ދުވަހު މަންމަ ދިން އަނިޔާތަކަކީ މައާފަށް ހައްގުވާ ވަރުގެ ކަންކަމެއް ނޫން... ދަރިފުޅު ދުވަހަކު މައާފަު ނުކުރިއަސް މަންމަ އެކަން ގަބޫލު ކުރާނަން. މިހާރު މަންމަގެ ހިތުގައި ދަރިފުޅާ މެދު އެއްވެސް ރުޅިވެރިކަމެއް ނެތް. މަންމަށް ކަން ކުރެވުނު ގޮތުން މިއަދު ލަދުވެސް ގަނޭ..."
ޒުލޭހާއަށް މަޑުމަޑުން އެ އެނދުން ތެދުވީ އޭނާއަށް ބާރަށް ރޮއެގަނެވިދާނެތީއެވެ. އެއާއެކު އޭނާ އެތަނުން ތެދުވެގެން ދިޔައީ އަދި މުސްތަގްބަލުގައި ޒޫނާއާ ކުރިމަތިލައި އެވާހަކަ ދައްކާނެ ހިތްވަރު އޭނާއަށް ލިބޭނެ ކަމުގެ އުންމީދުގައެވެ.
ދޮރު ލައްޕާލުމާއެކު އެ ކޮޓަރި ތެރެއަށް ވެރިވީ ހަމަހިމޭން ކަމެވެ. ބިއްދޮށަށް އެނބުރިގެން އޮތް ޒޫނާ މަޑުމަޑުން އުއްޑުން އެނބުރިލަމުން ލޯ ހުޅުވާލައި ސީލިންގާ ދިމާއަށް ބަލަހައްޓައިގެން އޮތީ ބުދެއް ހެންނެވެ. އޭރު ޒުނާގެ ދެލޮލުން ފައިބަމުން ދިޔަ ކަރުނަތައް އޭނާގެ ކަންފަތާ ދިމާއަށް ދަތުރު ކުރިއެވެ. އޭނާގެ މަންމަ ފިރުމަމުން ދެއްކި ވާހަކަތައް އަޑުއަހަން ނިދާ ކަމަށް ހަދައިގެން އޭނާ އޮތީ ނޭވާ ހިފަހައްޓާލައިގެން ހިތް ފަޅައިގެން ދިޔަޔަސް ހަށިގަނޑަށް ގުޑުމެއް ވެސް ނުގެނެހެވެ.
ސީލިންގާ ދިމާއަށް ބަލަން އޮތް ނޫރާ އޭނާގެ ކައިރީގައި އޮތް ބާލިސް ނަގާ އެ ބާލީސް މޫނުގައި އަޅާލިއެވެ. ދެ އަތުން އެ ބާލީހުައި ބައްދާލަމުން، މޫނާލާ ބާރަށް ފިއްތާލި އިރު، އޭނާއަށް އަޑު ފަޅާފައި ރޮއެގަނެވުނެވެ.
- ނުނިމޭ -