ފިތުރު ޒަކާތުގެ ގޮތުގައި ރޯދަ މަހުގެ 25 ދުވަހުގެ ތެރޭގައި 6.1 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.

މިނިސްޓްރީން ބުނީ، މިއަހަރު ރޯދަ މަހުގެ 25 ދުވަހުގެ ތެރޭގައި ފިތުރު ޒަކާތުގެ ގޮތުގައި 6،108،560 ރުފިޔާ ލިބިފައިވާ ކަމަށެވެ. މިދިޔަ އަހަރު މިމުއްދަތުގައި ފިތުރު ޒަކާތުގެ ގޮތުގައި ލިބިފައިވަނީ 5،943،196 ރުފިޔާއެވެ.

އަދި 2021 ވަނަ އަހަރުގެ ރޯދަ މަހުގެ ފުރަތަމަ 25 ގައި ޒަކާތުގެ ގޮތުގައި 5،319،664 ރުފިޔާ ލިބުނު އިރު 2020 ވަނަ އަހަރުގެ ރޯދަ މަހުގެ 25 ދުވަހުގެ ތެރޭގައި ފިތުރު ޒަކާތުގެ ގޮތުގައި ލިބިފައިވަނީ 5،979،474 ރުފިޔާއެވެ.

އޮންލައިންކޮށް ފިތުރު ޒަކާތް ދައްކަން ބޭނުންވާ ފަރާތްތަކަށް އެ ހިދުމަތް މިނިސްޓްރީ އިން ވަނީ ފަހިކޮށްދީފައެވެ.

އޮންލައިންކޮށް ފިތުރު ޒަކާތް ދެއްކޭނެ ގޮތްތައް:

  • ދިރާގު - ދިރާގު ޕޭ
  • އުރީދޫ - އެމް-ފައިސާ
  • މޯލްޑިވްސް އިސްލާމިކް ބޭންކް - ފައިސާ މޯބައިލް
  • ބޭންކް އޮފް މޯލްޑިވްސް - ޕޯޓަލް
  • ފަހިޕޭ އެޕްލިކޭޝަން
  • މިނިސްޓްރީ އޮފް ފިނޭންސް - ބަނޑޭރި ޕޭ

މީގެ އިތުުރުން އުމުރުން ދުވަސްވީ މީހުންނާއި، އޮންލައިންކޮށް ފައިސާ ދައްކަން ބޭނުން ނުވާ ފަރާތްތަކަށް އިސްލާމިކް މިނިސްޓްރީގެ ހޯލްގައި ފައިސާ ބަލައިގަތުމުގެ އިންތިޒާމު ހަމަޖައްސާފައިވާ ކަަމަށް މިނިސްޓްރީއިން ވަނީ ބުނެފައެވެ.

މިނިސްޓްރީއިން ބުނީ މިނިސްޓްރީން ފިތުރު ޒަކާތް ބަލައިގަތުމަށް ހަމަޖެހިފައި ވަނީ ސަރުކާރު ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 10:00 އިން މެންދުރު ފަހު 1:00 އަށް ކަމަށެވެ. އަދި މާލެ ފިޔަވައި އެހެނިހެން ސިޓީތަކާއި ރަށްތަކުގައި ފިތުރު ޒަކާތް ނެގުމާއި ބެހުމުގެ އިންތިޒާމް ހަމަޖައްސާނީ އެރަށެއްގެ ކައުންސިލް އިދާރާއިން ކަމަށެވެ.

މިއަހަރު ފައިސާއިން ފިތުރު ޒަކާތް ދައްކާނަމަ ދައްކަން ޖެހޭ އަދަދު:

  • އާދައިގެ ހަނޑޫ: 12 ރުފިޔާ
  • ތައިލެންޑް ހުދު ހަނޑޫ: 84 ރުފިޔާ
  • ރަތް ހަނޑޫ 99 ރުފިޔާ
  • ބާސްމަތިީ ހަނޑޫ (އާދައިގެ): 84 ރުފިޔާ
  • ބާސްމަތީ ހަނޑޫ (މޮޅު): 100 ރުފިޔާ
  • ބާސްމަތީ ހަނޑޫ (އެންމެ މޮޅު): 125 ރުފިޔާ
  • އާދައިގެ ފުށް: 12 ރުފިޔާ
  • އާޓާ ފުށް: 75 ރުފިޔާ

ފިތުރު ޒަކާތުގެ ގޮތުގައި ދައްކާނީ އެބަޔަކު އާންމުގޮތެއްގައި ކެއުމަށް ބޭނުންކުރާ ގޮވާމުގެ ބޮލަކަށް 2.4 ކިލޯ ގެ މިންވަރެވެ.