އަރަބިއްޔާ ސްކޫލްގެ ދަރިވަރުުން މޫނު ބުރުގާ އަޅައިގެން ސްކޫލަށް ދާތީ އެކަން މަނާކުރުމުން، ސްކޫލަށް ދިޔުމުގެ ހައްގުން ކުދިން މަހްރޫމް ކޮށްފައިވާ ކަަމަށް ބުނާ މައްސަލައިގައި ބައެއް ބެލެނިވެރިންގެ ފަރާތުން ވަގުތީ އަމުރެއް ހޯދަން ސިވިލް ކޯޓަށް މައްސަލަ ހުށަހެޅި ނަމަވެސް އެ ކޯޓުން ވަގުތީ އަމުރު ނުދިން މައްސަލަ ހައިކޯޓުގައި އިސްތިއުނާފް ކުރަން ނިންމައިފި އެވެ.

މޫނު ކަޝްފުކޮށްގެން މުޖްތަމައުގެ ތެރެއަށް ނިކުންނަން ބޭނުން ނުވާ އަރަބިއްޔާ ސްކޫލު ކުދިންނަށް، އެ ސުކޫލުން ދީފައިވާ ހުއްދައެއްގެ ދަށުން މޫނު ބުރުގާ އަޅައިގެން ސްކޫލަށް ދެވޭގޮތަށް އޮއްވާ މޫނު ބުރުގާ އަޅައިގެން ސްކޫލަށް ނުދެވޭނެކަން ކުދިންނަށާއި އަދި ބެލެނިވެރިންނަށް އެޑިއުކޭޝަން މިނިސްޓްރީއިން އަންގާފައި ވާ ކަމަށް ބުނެ، އެ ސްކޫލްގެ ބައެއް ބެލެނިވެރިންގެ ފަރާތުން މި މައްސަލަ ހުށަހަޅާފައި ވަނީ، ކުރީގެ ބަންޑާރަ ނައިބު އަދި ރައީސް އޮފީހުގެ ކުރީގެ ލީގަލް އެފެއާޒް މިނިސްޓަރު އައިޝަތު އާޒިމާ ޝަކޫރުގެ ލޯފާމް "ރެހެންދި ޗޭމްބާސް އެލްއެލްޕީ" އިންނެވެ.

ކޯޓަށް ވެއްދި އެ މައްސަލައިގައި އެދިފައިވަނީ، މައްސަލަ ވަކި ގޮތަކަށް ނިމެންދެން، އަރަބިއްޔާގެ ދަރިވަރުންނަށް މޫނު ބުރުގާ އަޅައިގެން ސްކޫލަށް ދިޔުން މަނާ ނުކުރެވޭނެ ކަމަށް ވަގުތީ އަމުރެއް ނެރެދިނުމަށެވެ. ނަމަވެސް މިކަމާ ގުޅިގެން ސިވިލް ކޯޓުގައި ދައުލަތުގެ ފަރާތުން ބުނެފައި ވަނީ، ވަގުތީ އަމުރަށް އެދިފައިވާ އިރު، އިޖުރާއީ ކަންކަމުގެ ތެރޭގައި ވަގުތީ އަމުރަކަށް އެދޭ ފޯމުގައި ވަގުތީ އަމުރުގެ ބާވަތް ފާހަގަ ކޮށްފައި ނުވާ ކަމަށެވެ. އަދި އެ ފޯމާ އެކު ހެކިބަހުގެ ބަޔާން ހުށަހަޅާފައި ނުވާ ކަަމަށް ވެސް ދައުލަތުން ފާހަގަ ކޮށްފައި ވެއެވެ.

މީގެ އިތުރުން ދައުވާ ފޯމުގައި އަރަބިއްޔާ ސްކޫލުގެ ދަރިވަރުންގެ ތެރެއިން މޫނު ބުރުގާ އާ އެކު ސްކޫލަށް ދާތީ ސްކޫލަށް ދިޔުން މަނާކޮށްފައި ވަނީ ކޮން ދަރިވަރުންތަކަކަށް ކަމާއި އެއީ ކޮން ގްރޭޑެއްގައި އުޅޭ ދަރިވަރުންތަކެއް ކަން ވެސް ހާމަކޮށްފައި ނުވާ ކަމަށް ސިވިލް ކޯޓުން ބުނެއެވެ. އަދި ވަގުތީ އަމުރަށް އެދި ހުށަހެޅި ފޯމުގައި ވެސް އެ މައުލޫމާތު ހިމަނާފައި ނުވާ ކަމަށް އެ ކޯޓުން ބުނެއެވެ. އެހެންކަމުން ވަގުތީ އަމުރަކަށް އެދުމުގެ ހައިސިއްޔަތު ވެސް ގެއްލިފައިވާ ކަމަށް ކޯޓުން ބުނެއެވެ. އަދި ދައުވާ ކުރި ފަރާތުން އެދުނު ވަގުތީ އަމުރު ނެރެދެވެން ނެތް ކަމަށް ބުނެ މި މައްސަލައިގެ ޝަރިއަތް ވަނީ ނިންމާލާފައެވެ.

އާޒިމާ ޝަކޫރުގެ ލޯފާމް "ރެހެންދި ޗޭމްބާސް އެލްއެލްޕީ" އިން ވަނީ މޫނު ބުރުގާ ނަގަން އެންގި މައްސަލަ ޖެންޑާ މިނިސްޓްރީއަށްވެސް ހުށަހަޅާފައެވެ. ޖެންޑާ މިނިސްޓަރު އައިޝަތު މުހައްމަދު ދީދީއަށް ފޮނުއްވި ސިޓީގައިވާ ގޮތުން، ތައުލީމު ލިބިގަތުމުގެ ހައްގަކީ އެއްވެސް ކުއްޖަކު އެ ހައްގަކުން މަހްރޫމް ކުރެވޭނެ ހައްގެއް ނޫން ކަމަށާއި ހުރިހާ ކުދިންނަށް ވެސް އެ ހައްގު އެންމެ އެދެވޭ ގޮތުގައި ލިބެމުންދާ ކަން ކަށަވަރު ކުރުމުގެ ޒިންމާ ގާނޫނު ބުނާ ގޮތުން ނަގަން ޖެހޭ އެންމެ މަތީ ފަރާތަކީ ޖެންޑާ މިނިސްޓަރު ކަމަށެވެ.

ދަރިވަރުން މޫނު ބުރުގާ އަޅާ މައްސަލަ ކުރިން ވެސް ފެންމަތިވެފައި އޮތުމުން އަރަބިއްޔާ ސްކޫލުން އެ މައްސަލާގައި އެޑިއުކޭޝަން މިނިސްޓްރީގެ ލަފައަށްވެސް އެދުނެވެ. ނަމަވެސް ސްކޫލުގެ ޑްރެސް ކޯޑުގެ ތެރޭގައި މޫނު ބުރުގާ ނުހިމެނޭ ކަމަށް ބުނެ މޫނު ބުރުގާ އަޅައިގެން ސްކޫލަށް ދިޔުމަކީ މަނާ ކަމެއް ކަމަށް އެޑިއުކޭޝަނުން އަންގާފައިވެއެވެ.

މޫނު ބުރުގާ ނަގަން ދަރިވަރުންނަށް އެންގި މައްސަލައިގައި އެޑިއުކޭޝަނަށް ވަނީ ފާޑު ކިޔުން އަމާޒުވެފައެވެ. އަދި ހަމަ އެހެންމެ ދީނި ބައެއް އިލްމު ވެރިންވެސް ވަނީ އެ ނިންމުން ބާތިލު ކުރުމަށް ގޮވާލާފައެވެ.