ގިނަ ބައެއްގެ މަގުބޫލުކަން ލިބުނު ޓީވީ ޑްރާމާ 'އަޕްނާ ޕަން' ގައި މަސައްކަތް ކޮށްފައިވާ ޓީވީ ތަރި އަދި ކާސްޓިން ޑައިރެކްޓަރު އާތީ މިއްތަލް ފުލުހުން ހައްޔަ ރުކޮށްފިއެވެ.

ފުލުހުން އާތީ ހައްޔަރު ކޮށްފައި ވަނީ ފުޅާ ދާއިރާއެއްގައި ހަށިވިއްކުމުގެ ވިޔަފާރި ކުރަމުންދާ ކަމަށް ލިބުނު ރިޕޯޓަކާ ގުޅިގެން ފުލުހުން ހިންގި އޮޕަރޭޝަނެއްގައެވެ.

މި އޮޕަރޭޝަން ކުރިއަށް ގެންދިޔަ ގޮތުގެ މައުލޫމާތު ހިއްސާކުރަމުން ފުލުހުން ބުނީ އާތީ ހަށިވިއްކުމުގެ ވިޔަފާރިކުރާ ހޮޓަލަށް ކަސްޓަމަރުންގެ ގޮތުގައި ދެ ފުލުހުން ފޮނުވާފައި ވާކަމަށެވެ. އެ ދެފުލުހުންނަށް އަންހެން ކުދިން ހޯދައިދިނުމަށް އާތީ ވަނީ ކޮންމެ މީހެއްގެ އަތުން 60،000 ރުޕީސް ހޯދުމަށް ޑިމާންޑް ކޮށްފައި ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

މުމްބާއީގެ ކްރައިމް ބްރާންޗް11 އިން ކުރިއަށް ގެންދިޔަ މި އޮޕަރޭޝަނުގައި ހަށިވިއްކުމުގެ ވިޔަފާރި ކުރަމުން ދިޔަ ތަނުން މޮޑެލްކުރާ ދެ އަންހެނުން ވަނީ ސަލާމަތް ކޮށްފައެވެ.

ފުލުހުންނަށް މައުލޫމާތު ދެމުން އެ ދެ އަންހެނުން ވަނީ އާތީ އާ އެންމެ ފުރަތަމަ ދިމާވީ ޕްރޮޖެކްޓެއްގެ މަސައްކަތުގެ ތެރެއިން ކަމަށް ބުނެފައެވެ. އަދި ފަހުން ހަށިވިއްކުމުގެ ވިޔަފާރީގެ ތެރެއަށް ވަނުމަށް އާތީ އެ ދެމީހުންނަށްވެސް ދައުވަތު ދިންކަމަށް އެމީހުންގެ ބަޔާނުގައި ވަނީ ބުނެފައެވެ. މީޑިއާ ރިޕޯޓްތައް ބުނާ ގޮތުން އެ ދެ އަންހެނުން ހަށިވިއްކަމުން ދިޔައީ އާތީ، އެމީހުންނަށް 15000 އިންޑިއަން ރުޕީސް ދޭނެކަމަށް ވައުދު ވުމުންނެވެ. ފުލުހުން މިހާރު ވަނީ ހަށިވިއްކުމުގެ ވިޔަފާރީގެ ތެރެއިން ސަލާމަތް ކުރި ދެ އަންހެނުންވެސް ރިހިބިލިޓޭޝަން ސެންޓަރަށް ފޮނުވާލާފައެވެ.