އަލް މަޝްއަރު ހައްޖު އެންޑް އުމްރާ ގުރޫޕުން ރޯދަމަހުގެ އުމްރާ އަށް ސައޫދީ އަށް ގެންދަން ފްލައިޓް ޗާޓަރު ކުރި ކުންފުންޏަށް ދޫކުރި ދެ ޗެކް ބައުންސް ވެފައި ވަނިކޮށް، އެ ގުރޫޕުގެ އިތުރު މައްސަލައެއް ފެންމަތިވެފައި ވާކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ އަލް މަޝްއަރު ހައްޖު އެންޑް އުމްރާ ގުރޫޕުން ދިން ދެ ޗެކް ބައުންސްވެފައި ވަނިކޮށް ސައޫދީ އެއާލައިންސްގައި އުމްރާއަށް ގެންދިޔަ ބައެއްގެ ޓިކެޓަށް ވެސް ފައިސާ ނުދައްކާ މައްސަލައެއް މިހާރު ފެންމަތިވެފައި ވާކަމަށެވެ. މައުލޫމާތު ލިބިފައިވާ ގޮތުން ސައޫދީ އެއާލައިންސަށް މަޝްރައު އުމްރާ ގުރޫޕުން 90،000 ޑޮލަރު ދައްކަން ޖެހެއެވެ.

"ޓްރެވެލް 2 މޯލްޑިވްސް" ކިޔާ ކުންފުންޏެއް މެދުވެރިކޮށް ފްލައިޓް ޗާޓަރު ކުރުމާއި ޓިކެޓް ނެގުމުގެ ހަރަދަށް 141،450 ޑޮލަރު އަރާފައިވާއިރު ފައިސާ ފަހުން ދައްކާނެ ކަމަށް ބުނެ އަލް މަޝްއަރު އުމްރާ ގުރޫޕުުން ދޫކުރި ދެ ޗެކު ބައުންސްވި މައްސަލަ އެ ކުންފުނިން ވަނީ އިސްލާމިކް މިނިސްޓްރީ އަށް ހުށަހަޅާފައެވެ. އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު ވިދާޅުވީ ބައުންސްވި ދެ ޗެކަށް އަދިވެސް އެ ގުރޫޕުން ފައިސާ ދައްކާފައި ނުވާކަމަށެވެ.

އިތުރަށް މިނިސްޓަރު ޒާހިރު ވިދާޅުވީ ޗެކް ބައުންސްވި މައްސަލަ ބަލަމުންދަނިކޮށް ސައުދީ އެއާލައިންސްގެ ފްލައިޓެއްގައި އެ ގުރޫޕުން ގެންދިޔަ 70 ވަރަކަށް މީހުންގެ ރިޓާން ޓިކެޓަށްވާ ފައިސާ ނުދައްކާ މައްސަލަވެސް ކުރިމަތިވެފައި ވާކަމަށެވެ. އަދި އެ ފައިސާ ދައްކަންވެސް އަލް މަޝްއަރު އުމްރާ ގުރޫޕަށް ބާރު އަޅަމުން އަންނަ ކަމަށް މިނިސްޓަރު ޒާހިރު ވަނީ ވިދާޅުވެފައެވެ.

އިސްލާމިކް މިނިސްޓްރީން ވަނީ އެ ގުރޫޕުގެ މި މައްސަލަތަކާ ގުޅިގެން އަލް މަޝްއަރު ގުރޫޕްގެ ހަވާލުގައި ގެންދިޔަ 200 އަށް ވުރެ ގިނަ އުމްރާވެރިން ރާއްޖެ ގެނައުމުގައި ދަތިތަކެއް ކުރިމަތިވެދާނެތީ ކަންބޮޑުވުން ފާޅުކޮށްފައެވެ.