މާލޭގައި މަގުމަތީގައި ކުނި ބަހައްޓާ މައްސަަލަ އަށް ހައްލު ހޯދުމުގެ ގޮތުން ކޮމިއުނަލް ބިންތަކެއް ކަނޑައަޅާ އެތަންތަނަށް ކުނި އެޅުމުގެ އިންތިޒާމް ހަމަޖައްސައި ދިނުމަށް ވިސްނުން ގެންގުޅެމުން އަންނަކަމަށް ވެމްކޯގެ މެނޭޖިން ޑިރެކްޓަރު ޔޫސުފް ސިރާޖު ވިދާޅުވެއްޖެއެވެ.
މާލޭގެ މަގުމަތީގައި ކުނި ބަހައްޓާ މައްސަލަ އާންމުވެފައި ވާއިރު ސިރާޖު ވިދާޅުވީ ކުނި މެނޭޖްކުރުމުގެ މަސައްކަތް އިތުރަށް ހަރުދަނާ ކުރުމަށް އިދާރާތަކާއި ގުޅިގެން ކުރަން ހުރި މަސައްކަތްތައް ގިނަ ކަމަށާ، ރެގިއުލޭޓަރީ ގޮތުން ކުރަން ހުރި މަސައްކަތްތައް ވެސް ގިނަ ކަމަށެވެ.
ކުނި މެނޭޖްކުރުމާއި ކުންޏަށް ޒިންމާވުމަކީ ކުރަން ޖެހޭ ކަމެއްކަން ގިނަ މީހުންނަށް ބަލައި ނުގަނެވޭކަން ފާހަގަކޮށް ސިރާޖު ވިދާޅުވީ ކުނީގެ މައްސަލައަށް ދުރު ރާސްތާ ހައްލެއް ލިބޭނީ މި ވިސްނުން ބަދަލުކޮށްގެން ކަމަށެވެ.
އަލަށް އިމާރާތްކުރާ ތަންތަނުގައި ކުނި މެނޭޖް ކުރެވޭނެ ގޮތެއް ހުރުން ލާޒިމް ކުރި ނަމަވެސް އަދިވެސް އެކަން އެގޮތަށް ނުކުރާކަމަށް ސިރާޖުވަނީ ވިދާޅުވެފައެވެ. "މާލޭގައި ކުނި ނެގުމުގެ ހިދުމަތް ދޭ ގޮތަށް ބަލާއިރު އެއީ ދުނިޔޭގެ އެހެން ތަންތަނާއި އަޅާ ބަލާއިރު ވަރަށް ތަފާތުކޮށް ދޭ ހިދުމަތެއް. ދުނިޔޭގެ އެހެންތަންތަނުގައި އިމާރާތްކުރާ އިރު ކުނި ނަގަން ފަސޭހަ އިންތިޒާމްތައް ހަމަޖެހިފައި ހުރޭ" ސިރާޖު ވިދާޅުވިއެވެ.
މީގެ އިތުރުން ސިރާޖު ވިދާޅުވީ ރާއްޖޭގެ ތަންތަން އިމާރާތްކޮށްފައި ހުރީ ކުނި މެނޭޖްކުރެވޭނެ ގޮތަށް ވިސްނައިގެން ނޫންކަމަށާ، އަލަށް ކުރެވޭ އިމާރާތްތަކުގައިވެސް ކުނިމެނޭޖްކުރެވޭނެ އިންތިޒާމެއް ހަމަޖެހިފައި ނުވާކަމަށެވެ.