އެމްއެންޑީއެފް ކޯސްޓްގާޑަށް އިންޑިޔާގެ އަސްކަރިއްޔާއިން ހަދިޔާ ކުރި ހުރަވީ ޝިޕްގެ ބަދަލުގައި އިންޑިޔާ ސަރުކާރުން ދިން އާ ޝިޕް މާލެ އަތުވެއްޖެއެވެ.

އެމްއެންޑީއެފުން ބުނީ، ކޯސްޓްގާޑް ޝިޕް ހުރަވީ މިހާރު ހިދުމަތުގައި ގިނަ ދުވަސްތަކެއް ވެފައިވާތީ، ހުރަވީގެ ބަދަލުގައި އިތުރު އުޅަނދުފަހަރު ހޯދާ އެމްއެންޑީއެފްގެ އޮޕަރޭޝަނަލް ގާބިލްކަން އިތުރު ކުރުމަކީ ދިވެހި ސަރުކާރުން ވަރަށް ބޮޑު އިސްކަމެއް ދީގެން ކުރާ ކަމެއް ކަމަށެވެ. އަދި އެކަމަށް އެހީތެރިވުމުގެ ގޮތުން އިންޑިޔާ ސަރުކާރުން މިހާރު ވަނީ ކޯސްޓްގާޑް ޝިޕް ހުރަވީގެ ބަދަލުގައި އެހެން އުޅަނދެއް ހަދިޔާކޮށްފައި ކަަމަށް އެމްއެންޑީއެފުން ބުނެއެވެ،

އެ އުޅަނދު މާލެ އައިސްފައި ވަނީ މިދިޔަ ހޮނިހިރު ދުވަހުއެވެ. އަދި އެ އުޅަނދު ރަސްމީކޮށް ހަވާލު ކުރުމަށް ފުރިހަމަ ކުރަންޖެހޭ ކަންކަން ދަނީ ކުރަމުންނެވެ.

އެގޮތުން އަންނަ މަހުގެ ތެރޭގައި އެ އުޅަނދު ރަސްމީކޮށް ހަވާލުކުރުމަށް ފުރިހަމަ ކުރަންޖެހޭ ލިޔެކިޔުންތަކާއި އަދި އެ އުޅަނދަށް އައްޔަން ކުރެވޭ ކޯސްޓްގާޑްގެ ސިފައިން، އުޅަނދުގައި ބޭނުންކުރާ މުހިއްމު މެޝިނަރީ އަދި އިކުއިޕްމަންޓްތަކާއި އޮޕަރޭޓިން ޕްރޮސީޖާސްތަކަށް އަހުލުވެރިވުމަށް ކޮންމެހެން ބޭނުންވާ ތަމްރީން ޕްރޮގްރާމްތައް ހިންގަމުންދާ ކަމަށް ވެސް އެމްއެންޑީއެފުން ބުނެއެވެ.

ދެ ހަފުތާގެ މުއްދަތަށް ރޭވިފައިވާ އެ ތަމްރީން ޕްރޮގްރާމް ނިމި ރަސްމީކޮށް އުޅަނދު ހަވާލުކުރުމުގެ ކަންކަން ނިމުމުން އެ އުޅަނދު މާލެ ގެނައުމުގައި ހަރަކާތްތެރިވި އިންޑިއަން ނޭވީގެ ކުރޫ އަނބުރާ އިންޑިޔާއަށް ދިއުމަށް ހަމަޖެހިފައިވާ ކަމަށް އެމްއެންޑިީއެފުން ބުނެއެވެ. އަދި މި ފަހަރު އިންޑިޔާއިން ހަދިޔާކުރާ އުޅަނދަކީ ހުރަވީއަށް ވުރެ ބޮޑު، އޮޕަރޭޝަނަލް ގާބިލްކަން އިތުރު، ފަހުގެ އުޅަނދެއް ކަމަށް ވެސް އެމްއެންޑީއެފުން ބުނެއެވެ. އެ އުޅަނދު އެމްއެންޑީއެފަށް ހަދިޔާކުރުމާ އެކު ކޯސްޓްގާޑު ޝިޕް ހުރަވީ ޑީކަމިޝަން ކުރެވޭނެ ކަމަށް ވެސް ބުނެއެވެ.

އެމްއެންޑީއެފް ކޯސްޓްގާޑް ފްލީޓްގައި އޮތް އެންމެ ބޮޑު އަދި އަސްކަރީ ގޮތުން އެންމެ ގާބިލް އުޅަނދު ކަމަށްވާ، ކޯސްޓްގާޑް ޝިޕް ހުރަވީ އަކީ އޭޕްރީލް 16، 2006 ގައި އިންޑިޔާ ސަރުކާރުން ދިވެހިރާއްޖެއަށް ހަދިޔާކޮށްފައިވާ އުޅަނދެކެވެ. އެ ދުވަހުން ފެށިގެން އެ އުޅަނދު ކޮންމެ ދެ އަހަރަކުން ރީފިޓްކޮށް މަރާމާތު ކޮށްދެމުން އައީ އިންޑިޔާގެ ހިލޭ އެހީގައެވެ. އެގޮތުން މިހާތަނަށް ހަ ފަހަރެއްގެ މަތިން އެ އުޅަނދު އިންޑިޔާގެ ނޭވަލް ޑޮކްޔާޑުގައި ރީފިޓްކޮށް މަރާމާތު ކޮށްފައިވާ ކަަމށް އެމްއެންޑީއެފުން ބުނެއެވެ.

މީގެއިތުރުން އެމްއެންޑީއެފްގެ އޮޕަރޭޝަނަލް ގާބިލްކަން އިތުރު ކުރުމަށްޓަކައި އިންޑިޔާ ސަރުކާރުން 2019 ވަނަ އަހަރު ވެސް ވަނީ އިތުރު އުޅަނދެއް (ސީޖީ ކާމިޔާބު) ހަދިޔާ ކޮށްފައެވެ.