އާބަންކޯ އެޕްރެންޓިސްޝިޕް ޕްރޮގްރާމުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

އާބަންކޯ އިން ބުނީ މިއީ އައު ހުނަރުތައް ތަރައްގީކުރުމާ ވަކި މަސައްކަތުގެ ދާއިރާތަކުން ހާއްސަވުމަށް އެދޭ ފަރާތްތަކަށް ތައުލީމުގެ އިތުރުން މަސައްކަތުގެ މާހައުލުން ތަމްރީން ހޯދައިދިނުމަށް ކުރިއަށް ގެންދާ ޕްރޮގްރާމެއް ކަމަށެވެ.

މި އަހަރުގެ އެޕްރެންޓިސްޝިޕް ޕްރޮގްރާމްގައި ޖުމްލަ 6 ދާއިރާއަކުން 100 ބައިވެރިންނަށް މި ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުސަތު ލިބިގެންދާނެއެވެ. އާބަންކޯ އިން ބުނީ މި އަހަރުގެ ޕްރޮގްރާމްގައި އާންމުންގެ ތެރެއިން 82 ފަރާތާއި، އާބަންކޯގެ މުވައްޒަފުންގެ ތެރެއިން 18 ފަރާތަކަށް ޖާގަ ލިބިގެންދާނެކަމަށެވެ.

އާބަންކޯ އެޕްރެންޓިސްޝިޕް ޕްރޮގްރާމު ކުރިއަށް ގެންދާ ދާއިރާތަކަކީ:

  • ފިޝަރީޒް އެންޑް އެގްރިކަލްޗާ
  • ސޯޝަލް ސެންޓާ
  • އައިސީޓީ
  • ޓްރާންސްޕޯޓް ސެކްޓާ
  • ޓުއަރިޒަމް ސެކްޓާ
  • ކޮންސްޓްރެކްޝަން ސެކްޓާ

މި ހަ ދައިރާގެ ދަށުން ތަފާތު އެކި ޓެކްނިކަލް މަސައްކަތްތައް ދަސްކޮށްދިނުމަށްވަނީ ހަމަޖެހިފައެވެ. އޭގެ ތެރޭގައި ޖުމްލަ 12 މަސައްކަތް ހިމެނިގެންދާއިރު، ދަނޑުވެރިކަން، ކޮމްޕިއުޓާ ހާޑްވެއާ، ހެވީ ވެހިކަލް އޮޕަރޭޝަންސް، ވެލްޑިން އާއި ކޮންސްޓްރެކްޝަން ސައިޓު ސުޕަވައިޒިން ފަދަ އާންމުކޮށް ދިވެހިން ނުފެންނަ މަސައްކަތުގެ ދާއިރާތަކުން ތަމްރީނު ދިނުމަށް ވަނީ ހަމަޖެހިފައެވެ.

މި އެޕްރެންޓިސްޝިޕް ޕްރޮގްރާމްގެ ބައިވެރިންނަށް ތައުލީމުގެ އިތުރުން ވަޒީފާގެ ތަޖުރިބާ ލިބިގެންދާއިރު 06 މަސް ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ މި ޕްރޮގްރާމްގެ ބައިވެރިންނަށް 6000 ރުފިޔާގެ އެލަވެންސެއްވެސް ލިބިގެންދާނެއެވެ.

މި ޕްރޮގްރާމްގައި ބައިވެރިވުމަށް ޝައުގުވެރިވާ ފަރާތްތަކުން މެއި 14، 2023 ވަނަ ދުވަހާ ހަމައަށް ފޯމު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވާއިރު މި ޕްރޮގްރާމް ކުރިއަށް ގެންދާނީ މެއި މަހުން ފެށިގެން ނޮވެމްބަރުގެ ނިޔަލަށެވެ. މި ޕްރޮގްރާމްގައި ބައިވެރިވާ ފަރާތަކަށް ސެޓްފިކެޓެއް ލިބިގެންދާއިރު އާބަންކޯގައި މަސައްކަތްކުރުމުގެ ފުރުސަތު ލިބިގެންދާނެއެވެ.