ރުޅިވެރިކަމާއެކު އަޖޫގެ މޫނަށް ބަލާލަން ނޫރާ މޫނު އަނބުރާލިއެވެ. އެވަގުތު އަޖޫ ކުޑަށް ބޯ އަރިކޮށްލަމުން ނޫރާގެ މޫނަށް ބަލާލީ ވިހަ ހިނިތުންވުމަކާ އެކީގައެވެ. އެ މޫނު މަތިން ހިތާމައިގެ ކުލަވަރެއް ނޫރާއަކަށް ނުފެނުނެވެ. ފެންނަމުން ދިޔައީ ނުލަފާކަމާއި ނުބައިކަމެވެ.
"ބުނެފިން ދޯ ދެން މި ނިމުނީ އޭ... އަހަރެން އަޖޫއާ އެކީ އުޅޭކަށް ބޭނުމެއް ނޫނޭ..." ހިތްވަރުކޮށްފައި ނޫރާ ފޯނުން ބުނި ވާހަކަތައް އަނެއްކާވެސް ތަކުރާރުކޮށްލީ ސީދާ އަޖޫގެ ލޮލަށް ބަލަހައްޓައިގެން ހުރެއެވެ. އެއާއެކު އޭނާގެ ތުންފަތްމައްޗަށް ވެރިވެފައިވާ ހިނިތުންވުން ފިަނޑުވެގެން ގޮސް ގެއްލިއްޖެއެވެ. މިހާރު އެ މޫނުމަތިން ފާޅުވަމުން ދިޔައީ އިންތިހާ ދަރަޖައިގެ ރުޅިވެރިކަމެވެ.
ކޮންމެ ފަންގިފިލާއަކަށް ލިފްޓްގެ ދޮރު ހުޅުވުމުން އެ ދެމީހުންގެ ވާހަކަ މެދުކަނޑާލައެވެ. އަދި ލިފްޓްގެ ދޮރު ލެއްޕޭ އިރަށް އަނެއްކާވެސް ވާހަކަ ކުރިއަށް ގެންދެއެވެ. އަޖޫ ދިޔައީ ނޫރާއަށް އެހެން އޭނާ ދޫކޮށްލާފައި ނުދެވޭނެ ކަމަށް ބުނަމުންނެވެ. ގޮއްސިއްޔާ އުފަލުގައި ނޫޅެވޭނެ ވަރުކޮށްލާނެ ކަމަށް ބުނެ އިންޒާރު ވެސް ދިނެވެ.
އެއިން އިންޒާރަަކަށް ބެލުމެއް ނެތި ނޫރާ އޭނާގެ ގޮތުގައި ހިފަހައްޓައިގެން ހުރީ އަޖޫ އޭނާއަށް ބޭވަފާތެރިވީ ކަން އެނގުނު ހިސާބުންނެވެ. އިތުރަށް އެންމެ ހިނދުކޮޅަކު ވެސް އަޖޫއާ އެކީ އުޅޭކަށް ނޫރާ ބޭނުމެއް ނޫނެވެ. އޭނާގެ ނިންމުން ބަދަލު ކުރާކަށް މިފަހަރު އޭނާ ބޭނުމެއް ނުވިއެވެ. އަނިޔާކޮށް ބިރު ދެއްކިއަސް ވަރިހަމައެވެ.
އެ ހިޔާލުގައި ހުއްޓާ ނޫރާގެ ފޯން ރިންގް ވާން ފަށައިފިއެވެ. އެ ގުޅަނީ ޒޫނާކަން އެނގުމުން ލިފްޓް ތެރޭ ހުރެ އެ ކޯލް ނަގައިފިއްޔާ ރޭންޖް ނުލިބޭތީ ވާހަކަ ނުދެއްކޭނެތީ އެ ކޯލް ނުނަގާ ނޫރާ މަޑުކޮށްލިއެވެ. ޒޫނާ މި ވަގުތު ގުޅާނީ ނޫރާ ތިރިއަށް ނައިސް ލަސްވާތީ ކަން އޭނާއަށް އެނގެއެވެ.
ލިފްޓުން ފޭބުމަށްފަހު ގެއިން ބޭރަށް ނިކުންނަށް ދިޔަ އިރު އަނެއްކާ ވެސް ނޫރާގެ ފޯން ރިންގް ވާން ފަށައިފިއެވެ. އެ ފޯނަށް ޖަވާބު ދޭން އުޅުނު ނޫރާ ހުއްޓުވަމުން އަޖޫ އެކި ގޮތްގޮތަށް އަނބުރައަނބުރާފައި ވާހަކަ ދައްކަމުން ދިޔައެވެ. ނަމަވެސް ލޯބިވެރިޔާ ގެއްލޭތީ ދެރަވެގެން ދައްކާ ފަދަ އެއްވެސް ވާހަކައެއް އަޖޫ ނުދައްކައެވެ. ބިރު ދެއްކުމަށް އޭނާ އެކި ހަތިޔާރު ބަހައްޓަމުން ދިޔައީ އޭނާގެ އާރާއި ބާރު ދައްކަމުންނެވެ.
އެ ވާހަކަތަކަށް ބީރު ކަންފަތެއް ދީގެން ހުރެ ގެއިން ބޭރަށް ނިކުތް ނޫރާ މަޑު ޖެހުނީ އޭނާގެ ދައްތަ ޒޫނާ ގޮވާލުމުންނެވެ. އެއާއެކު ނޫރާގެ ހިތްވަރު އެލުނެވެ. އަޖޫގެ ފަރާތުން ޒޫނާއަށް ހަމަލާއެއް އައިސްދާނެ ބާއޭ ނޫރާގެ ހިތަށް އެރިއެވެ. އެހެންކަމުން ޒޫނާ ގާތު ބަލައި އަންނަން ގުޅާނަން ކަމަށް ބުނެ އަޖޫއާ އެކު މިޒޫމެން ގެއަށް ދާން ނިންމިއެވެ. އަޖޫގެ ސައިކަލު ފަހަތަށް ނޫރާ އެރީ ހިތާ ދެކޮޅަށެވެ.
މިޒޫމެންގޭ ދޮރުމައްޗަށް އަޖޫގެ ސައިކަލު މަޑުކޮށްލުމުން ސައިކަލުން ފޭބުމަށްފަހު ހެލްމެޓާއި ފޮތްތައް ހިފައިގެން ނޫރާ އަވަސްވެގަތީ އެގޭ ތެރެއަށް ވަންނާށެވެ. ކުރިއަށް ހިނގައިގެން ނޫރާގެ އަތުގައި އަޖޫ ހިފެހެއްޓުމުން ނޫރާ އޭނާއާ ދިމާއަށް ބަލާލީ ދެލޯ އަޅާލަމުންނެވެ.
އެއަތުން ނޫރާގެ އަތުގައި ހިފަހައްޓައިގެން އިނދެ އަނެއް އަތުން ކޮލުގައި އަތް ޖައްސާލަމުން ނޫރާ ގާތު އަޖޫ ބުނީ އޭނާގެ ކޮލަށް ކިސް އެއް ދިނުމަށެވެ. ފުސް މޫނު ހަދާލަމުން ނޫނެކޭ ބުނެ ނޫރާ އޭނާގެ އަތުން މިންޖުވާން މަސައްކަތް ކުރިއެވެ.
"މިހާރު ބުނެފިން ދޯ އަހަރެން އަޖޫއާ އެކީ އުޅޭކަށް ބޭނުމެއް ނޫނޭ... ކިހިނެއްތަ ބުނަންނީ... ދިވެހި ބަހުން ބުނީމަ ނޭނގެނީތަ؟ އައި ޑޯންޓް ވޯންޓް ޓު ބީ ވިތް ޔޫ އެނީމޯ... ތީ ސިކް މީހެއް..." ނޫރާ އަޑުގެ ނެތްތަނަށް ހަލޭއްލަވައިގަތުމުން އަޖޫ ފަސްޖެހޭ ގޮތްވިއެވެ. މަގުމަތީ ހުރެ ނޫރާ އެފަދަ ކަމެއް ކޮށްފާނެއެކޭ އޭނާ ހިޔެއް ނުކުރެއެވެ.
ދަތްކުނި ވިކާލަމުން ނޫރާ އާ ދިމާއަށް އަޖޫ ބަލާލީ އިންޒާރު ދޭ ފަދަ ގޮތަކަށެވެ. "އެހެންތަ؟... މިހާރު އާ ބިޓެއް ލިބުނީދޯ... ތި ބިޓެއް ގޮވައިގެން އުޅެވޭތޯ ބަލާލާނަމޭ... ހަމަ ހޭރެމުން އަންނަން ޖެހޭނީ މަގޭ ފައިބުޑަށް... ދެން މަ ބޭނުމީ ތި ނޫރާ މަގޭ ކައިރީ އާދޭސްކުރާ އަޑު އަހަން... ތައްޔާރަށް ހުރޭ... މާ ގިނައިރެއް ނުވާނެ..."
މިހެން ބުނުމަށް ފަހު އަޖޫ ސައިކަލު ސްޓާޓް ކޮށްލީ ނޫރާ ދޭނެ ރައްދަކަށް ބެލުމެއް ނެތިއެވެ. އަޖޫ އެތަނުން ދިއުމުން ފުން ނޭވާއެއް ދޫކޮށްލަމުން މިޒޫމެން ގެއަށް ވަންނަން ނޫރާ އަވަސްވެގަތެވެ.
ނުރާ އެގެއަށް ވަން އިރު މިޒޫ ހާސްވެ ތެޅި ފޮޅެނީއެވެ. ރޯމަހެއް ހެން ތެޅެމުން ދިޔަ މިޒޫގެ ހަރަކާތްތައް އަވަހެވެ. ނޫރާ ވަނުމާއެކު ގޭގެ ދޮރު ތަންޑު އަޅުވާ ރަނގަޅަށް ތަޅު ލެވުނުތޯ ވެސް އޭނާ ޗެކް ކުރިއެވެ.
ކޮޓަރިއަށް ވަދެފައި ވެސް މިޒޫ ކޮޓަރީތެރޭ ދެކޮޅަށް ހިނގަމުން ދިޔަ އިރު އޭނާ ދިޔައީ އަތުގެ އިނގިލިތަކާ ކުޅެމުންނެވެ. ދޭތެރެއަކުން އަތުގެ ނިޔަފަތިތައް އަނަގޔަށް ލާ ހަފަމުން ދިޔަ އިރު އޭނާ ހުރީ ކަންތައް ބޮޑުވެފައި ކަން ބަަން ހުރި މީހަކަށް އެނގޭހާއެވެ.
އެނދުގައި އިށީނދެގެން އިން ނޫރާ ފޮތްތައް ހާވަމުން ދިޔައީ އެމީހުން ހަދަން ގެނައި ރިވިޝަން ކަރުދާސް ހޯދަމުންނެވެ. އެ ގަނޑު ފެނުމުން ނޫރާ ބޭނުންވީ ވަގުތު ބޭކާރުކޮށް ނުލައި ކުރަން އައި މަސައްކަތް ފަށާށެވެ. ނަމަވެސް މިޒޫ ފައި އެއްތާކު ނުޖެހި ދެކޮޅަށް ހިނގަނީއެވެ.
"އޭ އަދިވެސް އެކަމާ ތަ ބިރުން ތި އުޅެނީ... ދެން އަޖޫއެއް ނާންނާނޭ..." މިޒޫ ހަމަޖައްސާލަން އަޖޫއާ އޭނާ ބްރޭކްއަޕްވެ އެ ގުޅުން ނިންމާލައިފި ކަމަށް ބުންޏެވެ.
"އަޅެ ނޫރާ.. އޭނާ މިގޭ ދަށަށް އައިސް ހާދަ ބަވައިފިއޭ... މަށާ ދިމާއަށް ވަރަށް އެއްޗިސް ކިޔާފަ އެ ދިޔައީ... އޭނާ ބިޓެއް ގޮވައިގެން ދިޔަ ވަހާކަ ބުނީ އަހަރެން ކަން އެނގެޔޭ ކިޔާފަ ވަރަށް ވަރު އަރުވާލި.. މިތަނަށް މީހުންވެސް އެއްވި އެންމެ ފަހުން އަހަރެންގެ ދޮންބެ ބޭރަށް ނިކުމެ އަޖޫއާ ވާހަކަ ދެއްކީ.. ނުގޮއްސިއްޔާ ފުލުހުންނަށް ގުޅާނަމޭ ބުނެގެން އޭނާ ދިޔައީވެސް..." މިޒޫމެން ގޭ ދޮށަށް އަޖޫ އައިސްގެން ކަންތައް ވީ ގޮތް ކިޔައިދީ ނިންމާލުމަށް ފަހު ނޫރާގެ މަގަތުގައި އޭނާ އިށީނެވެ.
"ހޫމް... ދެން އޭނަ އައީ އަހަރެމެން ގެއަށޭ... މަށަށް ވެސް ވަރަށް އިންޒާރު ދިން... މަ ބުނިން ބޭވަފާ ވީމަ ދެން ނޫޅެވޭނޭ... މަ ބްރޭކްއަޕް ވީ އޭނާގެ މިސްޓޭކެއް ފެނިގެން ދޯ... އެވަރުން ވެސް އޭނާ ދެރައެއް ވެސް ނުވޭ. ކުރެވުނު ކަންތަކަށް މައާފަށް ވެސް އެދޭކަށް ނޫޅުނު. އޭނާ ފުއްޕަމުން ދިޔައީ.. އެންމެ ފަހުން މަށާ ދިމާލަށް ބުނީ، މަށަށް އެހެން ބިޓެއް ފެނުނީ ކަން އެނގެޔޯ... ބަލާނަމޯ އެމީހަކާ އެކީ އުޅެވޭތޯ... ބަހައްޓާ.. އެހެން ފުއްޕަފުއްޕާފަ ޖެހޭނީ މައިތިރިވާން..." ނޫރާ ވާހަކަ ދެއްކީ ވަރަށް ހަމަޖެހިލައިގެން އިނދެއެވެ.
- ނުނިމޭ -