ސައުދީ އަރަބިއްޔާއިން އިސްވެ އޮވެ ޔަމަނުގައި ކުރަމުން އަންނަ ހަނގުރާމައަށް އެއްބާރުލުން ދިނުން ހުއްޓާލުމަށް އެމެރިކާއިން ނިންމި ނިންމުމުގެ ސަބަބުން މާޒީގައި ހެދިފައި ހުރި ގޯސްތަކެއް އިސްލާހު ކުރެވިދާނެކަމަށާ، ނަމަވެސް، އެއީ ޔަމަނުގެ 6 އަހަރު ވީ ހަނގުރާމައަށް އޮތް ހައްލެއް ނޫން ކަމަށް އީރާނުން ބުނެފިއެވެ.

ޔަމަނުގެ ހަނގުރާމާގައި ސައުދީއާއި އީރާނު ބެހިފައި އޮންނަނީ ދެކޮޅަށެވެ. ސައުދީއިން އެއްބާރުލުން ދެމުން ދަނީ ބައިނަލްއަގުވާމީ ފެންވަރުގައި ބަލައިގެންފައިވާ ޔަމަނުގެ މައި ސަރުކާރަށެވެ. އީރާނުން އެއްބާރުލުން ދެނީ، ޔަމަނުގެ ކޮންޓްރޯލް ނެގުމަށް ހަނގުރާމަ ކުރަމުންދާ ހޫތީންނަށެވެ.

އީރާނުގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާނު، ސައީދު ހަތީބުޒާދީ ވިދާޅުވީ، ސައުދީގެ ކޯލިޝަނަށް އެއްބާރުލުން ދިނުން ހުއްޓާލުމަށް އެމެރިކާއިން ނިންމި ނިންމުމަކީ ސިޔާސީ ކުޅިގަނޑަކަށް ނުވެއްޖެނަމަ، އެ ކަމަކީ، މާޒީގައި ހެދިފައިވާ ގޯސްތަކެއް އިސްލާހް ކުރުމަށް ލިބުނު ފުރުސަތަކަށް ވެދާނެ ކަމަށެވެ.

ނަމަވެސް، މިއީ ޔަމަނުގެ ހަނގުރާމަށް އޮތް ފުރިހަމަ ހައްލު ނޫން ކަމަށް ހަތީބުޒާދީ ވިދާޅުވިއެވެ. އެއްގަމާއި ކަނޑާއި ވައިގެ މަގުން ޔަމަނާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކަށް ނިމުން ގެންނަން ޖެހޭ ކަމަށާ، ސައުދީ އަރަބިއްޔާ އިސްވެ އޮވެގެން ދެމުންދާ ވަރުގަދަ ހަމަލާތަކަށްވެސް ނިމުން ގެންނަން ޖެހޭ ކަމަށް ހަތީބުޒާދީ ވިދާޅުވިއެވެ.

ޔަމަނުގައި ސައުދީ އަރަބިއްޔާއިން ކުރަމުން އަންނަ ހަނގުރާމައަށް އެއްބާރުލުން ދިނުމުގެ ގޮތުން އެމެރިކާއިން ހަދާފައިވާ އަސްކަރީ ހަތިޔާރު ވިއްކުމުގެ އެއްބަސްވުންތަކައިގެން ކުރިއަށް ވަޑައި ނުގަންނަވާނެ ކަމަށް، އެމެރިކާގެ ރައީސް ޖޯ ބައިޑަން ވަނީ ވިދާޅުވެފައެވެ. ޔަމަނުގައި އުފެދިފައިވަނީ އިންސާނީ ކާރިސާއެއްގެ އިތުރުން، އިސްތިރާޖީ ކާރިސާއެއް އުފެދިފައި ވާ ކަމަށްވެސް ބައިޑަން ވަނީ ސިފަކުރައްވާފައެވެ.

ބައިޑަން ވަނީ ޔަމަނަށް ހާއްސަ މަންދޫބަކުވެސް ހަމަޖައްސަވާފައެވެ. މި މަގާމަށް ހަމަޖައްސަވާފައިވަ ޓިމޮތީ ލެންޑާކިންގްއަކީ، ޔަމަނުގައި ސުލްހަ ގާއިމުކުރުމަށް އދއިން ކުރަމުންދާ މަސައްކަތްތަކަށް އެއްބާރުލުން ދެއްވާނެ އޮފިޝަލެއް ކަމަށް ބައިޑަން ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުން، ޔަމަނުގެ ހަނގުރާމަ ނިމުމަކަށް އަންނަން ޖެހޭ ކަމަށް ވިދާޅުވަމުން ބައިޑަން ވަނީ ޔަމަނުގައި ހާލުގައި ޖެހިފައިވާ މީހުންނަށް އިންސާނީ އެހީ ފޯރާނެ ކަން އެމެރިކާއިން ކަށަވަރު ކުރާނެ ކަމަށްވެސް ވިދާޅުވެފައެވެ.