ދާދި ފަހުން މުޅި ރާއްޖެ ވެސް ސިއްސުވާލި މަރަކީ، ނ.މަނަދޫ / އަންނާރުމާގެ ނައީމާ މޫސާ (62އ) އަނިޔާވެރި ގޮތަކަށް މަރާލާފައި އޮއްވާ ފެނުނު މަރެވެ.

އެކަނިމާ އެކަަނި ދިރިއުޅެމުން އަންނަ ނައީމާ، އަމިއްލަ ގޭގެ ކޮޓަރިތެރޭގައި މަރުވެފައި އޮތް އޮތުމާ މެދު ސުވާލު އުފެދޭ އެތައް ކަމެއް ހުރި އިރު އެއްވެސް އިދާރާއަކުން ރަސްމީ ގޮތެއްގައި އެއްޗެއް ބުނެފައެއް ނުވެއެވެ. މިހާތަނަށް އެނގިފައި ހުރީ ބައެއް މަސްދަރުތަކުން ޔަގީން ކުރެވިފައި ހުރި ވާހަކަތަކެވެ. ރަށު ތެރޭގައި ވެސް އެކި ގޮތްގޮތަށް ވާހަކަ ދެކެވެމުން އަންނަ އިރު މިހާދިސާ ހިނގަން މެދުވެރިވި ސަބަބަކީ ކޮބާ ކަމެއް ބުނެދޭކަށް އެއްވެސް ފަރާތަކަށް ނޭނގެއެވެ.

"ދަ ޕްރެސް" އަށް މައުލޫމާތު ދެއްވަމުން މަނަދޫ ކައުންސިލްގެ ރައީސް އަބްދުއް ރަހްމާން ސަބީހް ވިދާޅުވީ، ރަށުގައި މިހާރުވެސް ފުލުހުންގެ ފޮރެންސިކްގެ ޓީމެއް ހަރަކާތްތެރި ވަމުންދާ ކަމަށާއި ތަހުގީގަށް ބޭނުންވާ ސާމްޕަލްތައް ނަގާ އަދި އެނޫންވެސް ކަން ކަން ބާރު ސްޕީޑުގައި ކުރިއަށްދާ ކަމަށެވެ. ނަމަވެސް މިހާތަނަށް ޝައްކު ކުރެވިގެންވެސް މީހަކު ހައްޔަރު ކޮށްފައިވާ ކަމުގެ މައުލޫމަތު ނުލިބޭ ކަމަށާއި އަދި މި މައްސަލައާ މެދު ވަކި ގޮތަކަށް އެއްޗެއް ބުނަން އިނގޭނީ ތަހުގީގު ނިމުމުން ކަމަށް ކައުންސިލްގެ ރައީސް ވިދާޅުވިއެވެ.

މަނަދޫގައި ގެއެއްގައި އެކަނި ދިރިއުޅެމުން ދިޔަ ނައީމާގެ ހަބަރެއް ނުވެގެން އޭނާގެ އާއިލާއިން ފުލުހުންނަށް ރިޕޯޓު ކުރީ މިމަހުގެ 7 ވަނަ ދުވަހު އިރުއޮއްސި 6:13 ހާއިރުއެވެ. ފުލުހުން އެ ގޭގެ ދޮރު ހަލާކު ކޮށްގެން ވަންއިރު އޭނާ އޮތީ ބިންމަތީގައި މަރާލާފައެވެ. "ދަ ޕްރެސް" އަށް އެނގިފައިވާ ގޮތުން ނައީމާގެ ހަށިގަނޑުގައި ޒަހަމް ހުރި އިރު ކަރުގައި ވަަޅިއަޅައި ބުރިކޮށްލަންވެސް މަސައްކަތް ކޮށްފައި ހުއްޓެވެ.

ނައީމާ މަރުގެ ތުހުމަތު ކުރެވޭ ކަންތައްތަކެއް ފާހަގަ ކުރެވިފައި ވާތީ މި މައްސަލައިގެ ތަހުގީގު ކުރިއަށް ގެންދަނީ ހޮމިސައިޑް އިންވެސްޓިގޭޝަނެއްގެ ގޮތުގައި ކަމަށް މީގެ ކުރިން ފުލުހުން ވަނީ ބުނެފައެވެ. ނަމަވެސް ޕޯސްޓމޯޓަމް ހެދުމަކާ ނުލާ ނައީމާގެ ހަށިގަނޑު ވަނީ މިމަހުގެ 08 ވަނަ ދުވަހު ވަޅުލާފައެވެ. ނައީމާގެ ތިން ކުދިން ތިބޭއިރު ހުރިހާ ކުދިންވެސް ދިރިއުޅެމުން އަންނަނީ މާލޭގައި ކަމަށް މައުލޫމާތު ލިބެއެވެ.

ތަހުގީގާ ގުޅޭ އެންމެ ފަހުގެ މައުލޫމާތު ސާފުކުރުމަށް ފުލުހުންނާ ސުވާލު ކުރުމުން ބުނީ މީޑިއާ އާ ހިއްސާ ކުރާނެ މައުލޫމާތެއް މިވަގުތު ނެތް ކަމަށެވެ. މުޅި ރަށަށް ވެރިވެފައިވާ ހިމޭން ކަމަށް ނިމުމެއް އަންނާނީ ގާތިލް ހޯދުނު ދުވަހަކުންނެވެ. މިވަގުތު ރަށުގެ ރައްޔިތުން ތިބީ ބިރުވެރިކަމެއްގެ ތެރޭގައި ކަމަށް ވާއިރު ކައުންސިލްގެ ވެސް އެންމެ ބޮޑު އުންމީދަކީ ވީ އެންމެ އަވަހަކަށް މިކަން ކުރި މީހަކަށް ހާއްގު އަދަބު ދިނުމެވެ.